English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އިދިކޮޅުން ތާއީދު ނުކުރާކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަަހަޅުއްވަން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ،

ބަރުލަމާނީ ނިޒާމަށް އިދިކޮޅު ކޯލިޝަނުންވެސް ތާއިދުކުރާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުން ތިބީ ވަރަށް ސާބިތުކަމާއިއެކު ރިޔާސީ ނިޒާމަށް ތާއީދުކޮށްގެން ކަމަށެވެ.

މީގެއިތުރުން އަބްދުއްރަހީމް ވަނީ މީގެ ކުރިން ރައީސް ޔާމީން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރެއްވިއަސް، އޭގެ ފަހުން ރައްޔިތުން އެމީހުން ބޭނުންވަނީ ރިޔާސީ ނިޒާމެއް ކަމަށް ނިންމުމުން އެމަނިކުފާނު އެކަމަށް އިހްތިރާމްކުރައްވިކަން ފާހަގަކުރައްވާފައެވެ. އަދި ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރައްވަން ލިބިވަޑައިގަތުމުން، ހަގީގަތުގައި ރާއްޖެ ފަދަ ގައުމެއްގައި ރައްޔިތުންނަށް ހިދުމަތްކޮށް ތަރައްގީ ގެންނަން އެންމެ ފަސޭހައީ ރިޔާސީ ނިޒާމަކުން ކަން ރައީސް ޔާމީންވެސް ގަބޫލުކުރައްވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ވެރިކަމާއި ބާރު ހޯއްދަވަންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެސް ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ.