English Edition
Dhivehi Edition

ދަބަހަށް އެއްޗެހިލަމުން ދިޔައިރު އެހެންނާ ދަބަހުގައި ނޯންނަ އެއްޗެއްހެން ހީވެގެން ބަލާލިއިރު އެއީ ކުޑަބޭސްކޮތަޅެކެވެ. ޑޮކްޓަރ ޒިޔާންގެ ކަމެއްކަން ޔަގީނެވެ. ޕްރިސްކްރިޕްޝަންގައި “ފިތް ނަގާނަމަ 1 ގުޅަ އަދި ހިރުވާނަމަ އުނގުޅުމަށް” މިހެން ލިޔެފައިވާ އުނގުޅާ ބޭސްފުޅިއެއް އޮތެވެ.

އަހަރެންނަށް މިހެން ދިމާވާނެކަން ޑޮކްޓަރ ޒިޔާންއަށް އެނގުނީ ކިހިނެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ. މިހުރިހާ ކަމެއްވެސް މިޖެހުނީ އޭނަޔާ ހެދިއެވެ. މާލެދެވުނުހާ އަވަހަކަށް އޭނާ އައިޖީއެމްއެޗްއަށް ގޮސް މޮޅު ޑޮކްޓަރަކަށް ދައްކައިގެން ފަރުވާހޯދާނީއެވެ.

ރީމާ ފުރަން އޮތް ފުލިޓަށް އެރިއިރު އޭގައި ޑޮކްޓަރ ޒިޔާން އިންތަން ފެނުމުން ރީމާގެ ހިތުގައި ޒިޔާންއާމެދު ރުޅިވެރިކަމެއް އުފެދުނެވެ. އޭނާ ދާހާ ތަނަކުން ޑޮކްޓަރ ޒިޔާންފެންނަން މިޖެހެނީ ކީއްވެހެއްޔެވެ. ޒިޔާން ދެކެ އޭނާ ފޫހިވާގޮތް ވާން ފަށައިފިއެވެ.

ޒިލްމާ ހުރިހާ ފަރާތަކުން އުފާވެރިކަމުގެ ވިދުވަރެއް ފެންނަންހުއްޓެވެ. އަލަށް ކުޅޭއެއްޗެއް ލިބިފައިވާ ކުޑަކުއްޖެއްފަދައިން ސާޖިދުދާހުރިހާތަނަކަށް އޭނާގެ ފަހަތުންދެއެވެ. ހެނދުނު ސައިގަޑީގައި ދަތުރު ހުރިހާއެންމެން ކޮފީޝޮޕުން ދިމާވިއިރު މަންޒަރު އޮތީމުޅީން ބަދަލުވެ އެފުށްމިފުށަށް ޖެހިފައެވެ. މީގެ ކުރީ ޒަމާނުގައި އޮންނަ މައުލޫދަށް އެއްރަށުގެ މީހުން އަނެއްރަށަށް ދިޔައިމާވެސް މިކަހަލަ ގޮތްތަކެއް ދިމާވާ ވާހަކައިގެ އަޑު އިވެއެވެ. ކުރީގައި ރައްޓެހިވެގެން އުޅުނު މީހުން ރުޅިވެ ދެމަފިރިން ވަރިވެ އަލުން އާގުޅުންތައް އުފެދި މިކަހަލަ ކިތަންމެ ގޮތްތަކެއް ވުމަކީ ވަރަށް އާދައިގެ ކަމެކެވެ. ސަންއައިލެންޑްގެ އޮޕަނިންގް ސެރަމަނީގައިވެސް ދިމާވީ މިކަހަލަ ގޮތެކެވެ. ތަފާތަކީ އެޒަމާނާ މިޒަމާނާ ދެމެދުގައިހުރިހާތަފާތެކެވެ.

ސާޖިދަށް ޒިލްމާއާ ބެހޭ މާގިނަ ޚަބަރުތަކެއް ލިބިފައިނެތް ނަމަވެސް އޮފީހުގެ އެހެން އެންމެންނަށް ޒިލްމާ އެނގެއެވެ. ޒިލްމާ މާލެއައީ މީގެ 15 އަހަރުގެ ކުރީގައެވެ. އޭރު އޭނާގެ އުމުރުންވީ 11 އަހަރެވެ. މާލެއައިއިރު ކިތަންމެ އަނަރޫފަކޮށް ހުރިކަމުގައިވިޔަސް ތަނަވަސް އާއިލާއެއްގެ ގެންގުޅޭ ކުއްޖަކަށް އުޅެން ފުރުސަތު ލިބުމުން ވަރަށް އަވަހަށް އޭނާގެ ރޫފަރަގަޅުވެ މާލޭގެ މާހައުލަށް ހޭނިއްޖެއެވެ . ޕްރައިވެޓްސްކޫލެއްގައި ދުވަސްކޮޅަކު އުޅެމުން ކާތިބާކަމުގެ ފެންވަރަށް ދިޔައިރު އުޅުމާއި ސްޓައިލް އެންމެ މިޒަމާނީގޮތަށް ބަދަލުވެގެން ހިނގައްޖެއެވެ.

އުފެދުމުގައި އުނިކަމެއްނެތް ހަށިގަނޑެއް ކަމުން ރީތި ހެދުންތައް އަޅައި އިސްތަށިގަޑު ފެޝަން ގޮތްގޮތަށް ބަދަލު ކޮށްލުމުން އިސާހިތަކު މާލޭގައި ތިބި ރީތި އަންހެންކުދިންތަކުގެ ސަފުގައި ހިމެނިއްޖެއެވެ. އަދި އުސް ފައިވާނަކުން އޭނާގެ އިސްކޮޅަށް އިތުރު އުސްކަމެއް ގެނައުމުން އޭނާގެ މަޅީގައި ފުރަތަމަ ޖެހުނީގޭގެ ވެރި ސޮބްރީއެވެ. މިކަން ސޮބްރީގެ އަންހެނުން ކަމަނައަށް އެނގުމުން އޭނާއެގޭން ނުކުތީއެވެ.

ޒިލްމާއަކަށް އުޅޭނެތަނެއް މަދެއްނުވިއެވެ. އެކަހަލަ ސޫރައެއް ލިބިފައި ހުރުމުން އޮފީހަކުން ވަޒީފާއެއް ހޯދާކަށްވެސް އެހ އުނދަގުލެއް ނުވިއެވެ. އުދަގޫ އުފުލަން ޖެހުނީ އޮފީހުގައި ގިނަދުވަހު އުޅެފައިތިބޭ އެހެން މުވައްޒިފުންނަށެވެ. ޒިލްމާގެ މައްޗަށް އެއްވެސް ބާރެއް ފޯރާވަރުގެ އެކަކުވެސް އޭނާ އުޅޭއޮފީހަކު ނޫޅެއެވެ. ގިނަފަހަރަށް އޮފީހުގެ އެންމެ އިސްކޮށްހުންނަމީހާވެސް ހުންނަނީ ޒިލްމާގެ ދަށުވެފައެވެ.

ބްލޫޕާރލް ކޮމްޕަނީގައި ވެސް ސާޖިދު އަންނަންދެން ކަންތައް ހުރީ އެގޮތަށެވެ. އާދައިގެ ކާތިބާއަކުން ސެކެޓްރީއަކުން އެސިސްޓެންޓް ޕާރޒަނަލް މެނޭޖަރ އަކަށް ބަދަލުވާކަށް ގިނަދުވަސްތަކެއް ނުނަގައެވެ. ސާޖިދު އައުމުންވެސް އެހެން ކަންތައް ނުވާންވީ އެއްވެސް ސަބަބެއްނެތެވެ. ދަތުރު ދިޔަ އޮފީސް މީހުން ސިއްރު ސިއްރުން ދެއްކިވާހަކަތައް މިހާއަވަހަށް ހަގީގަތަކަށް ވެދާނެކަމަކަށް ހިޔެއެއް ނުކުރެއެވެ.

ޒިލްމާއާއި ސާޖިދު އެކުއެކީގައި އެދުވަހު ފުރަން ލޯންޗާ ދިމާއަށް ދިޔައިރު ބައެއްފަހަރު އަތުގުޅާލައިގެން ދާތަންވެސް ފެނެއެވެ. ވަރަށް ކާރިއަދި ސިއްރުވާހަކަތަކެއްގެ ތެރެއަށް ގެއްލިފައި ތިބެގެން ހިގަމުން އަންނަތަން 15 މިނެޓަށްވުރެ ގިނައިރު އިންތިޒާރުކުރަން ތިބި އެހެން ޕަސެންޖަރުންނަށްވީ ފޫހި މަންޒަރަކަށެވެ.

“ރީމާއާއި ޒިޔާން ފުރީ އެކުއެކީގައޭތަ؟.” ސާޖިދު އަދިވެސް ޔަގީން ކޮށްލުމަށް އަހާލިއެވެ.

އެކީގައި ހަމައެކަނި ދިޔައީއެއް ނޫން.” ޒިލްމާ ނުބުނަން ހުރިގޮތް ދައްކާފައި ބުންޏެވެ. “އަހްމަދު އަހަރެންގެ ގާތުގައި ބުނީ ރީމާގެ މޫނާއި ކަރުދޮށް……………… ބަލަން ކެރޭވަރެއްވެސް ނޫނޭ”ސާޖިދު ފޫހިކަން ނަފްރަތުގެ އަލިފާނަކަށް ބަދަލުވެ ހުޅު ރޯވެ އަނދަން ފެށީ އެހާހިސާބުންނެވެ.

ހޮލިޑޭއައިލެންޑުން ފުރި ކުޑަ މަތިންދާބޯޓްގެ 25 މިނިޓްގެ ކުރު ދަތުރު ރީމާއަށް ހީކުރެވުނީ އެތައް ގަޑިއެއްގެ އިރު ހޭދަވެގެން ދިޔަހެންނެވެ.

މި ހުރިހާ މަސްއަލައަކީ ޑޮކްޓަރ ޒިޔާންއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާއާ ދިމާނުވިނަމަ މިހެންނެއް ނުވީހެވެ. އާދައިގެ ބޮލުގެރިއްސުމެކެވެ. ޕެނެޑޯލް ގުޅައަކުންވެސް ރަގަޅުވީހެވެ. އެންމެފަހުން މިހާރު މިއޮތީ ސީރިއަށް ބައްޔަކަށް ވެފައެވެ.

އޭނާނުރުހުމުގެ ލޮލަކުން ޑޮކްޓަރ ޒިޔާންއާދިމާއަށް ކަޅިއެއް އެއްލިއެވެ. ހަމައެއްވެސް ކަމެއް ނުވާހެން ހީވާފ ަދައަކުން ވާހަކަފޮތެއްގެ ތެރެއަށް ގެއްލިފައި ޒިޔާން އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމާއި އުފާވެރިކަމެވެ.

މިއީ ރީމާގެ ހިތާ މިވަގުތު އެންމެދުރު އިހްސާސްތަކެވެ. އެހެންކަމުން ޒިޔާންއާވީފަރާތް ނޫން ހުރިހާ ފަރާތެއް ބަލަން ދަތުރު ނިމުން ލަސްވާތީ ކެއްތެރިކަން ކުޑަވެފައި ރީމާ އިނެވެ.

އޭގެ އެއް ގަޑިއިރު ފަހުން ރީމާ އިނީ އައިޖީއެމްއެޗްގެ ސީނިއަރ ޑޮކްޓަރ އެއްގެ ކުރިމަތީގައެވެ.

ރީމާއަށް ދިމާވި ކަންތައް އޮޅުންފިލުވުމަށް ފަހު ޑޮކްޓަރ ފުން ވިސްނުމެއްގެ ތެރޭގައި އިނެވެ.

“އެއްވެސް މެޑިކަލް ރެކޯޑެއް ޕްރެސްކްރިޕްޝަނެއް އެބައޮތްތަ؟”

ރީމާ އަތުގައި ޑޮކްޓަރ ޒިޔާން ދީފައި ހުރި ބޭސް ހުއްޓެވެ. އެހެންނަމަވެސް އޭނާ އެއެއްޗެއް ޑޮކްޓަރަކަށް ނުދެއްކިއެވެ. އޭނާގެ އަތުގައި ޕްރެސްކްރިޕްޝަނެއް ނެތް ވާހަކަ ބުނުމުން ޑޮކްޓަރ ލިޔަންފެށިއެވެ.

ބޭސް ލިޔެ ނިމުމުން ޑޮކްޓަރ އޮޅުން ފިލުވައިދިނެވެ. “މި ގުޅަ ބޭސް ދުވާލަކު 3 ފަހަރު ބޭނުން ކުރައްވާ. މީ ހިރުވާނަމަ އުނގުޅާ ބޭހެއް”

ރީމާ ރަނގަޅަށް ބަލާލިއިރު އެއީ ހަމަ ޒިޔާންވެސް އޭނާގެ ދަބަހަށް ލައިފައި ހުރިބޭހެވެ.

“މި ނޫން ބޭހެއް މިކަމަށް ނުހުންނަނީތޯ؟”

” އަސްލުގައި ތިޔަ މަސްއަލަ ބޮޑަށް އެނގޭނީ ބްރެއިންއަށް ޚާއްސަ ޑޮކްޓަރަކަށް.” ޑޮކްޓަރ އޭނާގެ ކުޅަދާނަކަށް ދައްކާދިނުމަށް ލިބުނު ފުރުސަތު ބޭނުން ކުރިއެވެ. .

“މި ކަންތައް ފުރަތަމ ފެށެނީ އާދައިގެ ބޮލުގައި ރިއްސުމަކުން. ދެންނަގާނީ ފިއްގަނޑުތަކެއް. ބަލީގެ ކުރީގައި ފަރުވާ ނުދެވުނުނަމަ މުޅި ހަށިގަނޑަށް ފެތުރި ސިކުނޑިއާ ހަމަޔަށް އަސަރު ފޯރާނެ. އެކަމަކު ކޮންމެވެސް ސަބަބަކާހެދި މިހާރު މިވަނީ މުޅި ހަށިގަނޑަށް ފެތުރުން ހުއްޓިފައި. މި ހޮސްޕިޓަލަކު އަދި މި ރާއްޖޭގައިވެސް ތިޔަ ކަންތަކުގެ އަސްލު އެނގޭނެ ޑޮކްޓަރެއް ނެތް. އެކަމަކު މިހާރު އަޑު އެބަ އިވޭ އޭޑީގައި މި ކަމުގެ ސްޕެޝަލިސްޓެއް ހުރިވާހަކަ. މި ބަލީގެ ކުރީކޮޅު އަޅުގަނޑުގެ ލަފައަކީ މިވަގުތު މި ބޭސް ބޭނުން ކުރި ނަމަވެސް ލަސްނުކޮށް އެ ޑޮކްޓަރަށް ދެއްކުމަށް.”

މޫނު ބަލާލޯނގަޑަކަށް އިރުގެ އަލި އެޅިފައި ހުންނަހެން ޒިލްމާގެ މޫނަށް ލޯބީގެ އަލި އެޅި ގަދައަށް ދިއްލިފައި ހުއްޓެވެ.. މިއީ ބުލޫ ޕާރލް ގެ މުވައްޒިފުންނަށް އާކުލައެއްނުނެވެ. އެކަހަލަ ކިތަންމެ ދަޅައަކުން ކިތަންމެ ކުލައަކުން އެމޫނު ދިއްލި ކުލަ ބަދަލުވަމުން ގޮސްފައިވާތަން އެމީހުންނަށް ވަނީ ފެނިފައެވެ.

ޒިލްމާ އަށް އަލަށް މި ހާސިލް ކުރެވުނު ލޯބި އެހެން ހުރިހާ ލޯތްބަކަށް ވުރެން ކުލަގަދަކަމަށް ފެނެއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. ސާޖިދަކީ ރާއްޖޭން އެންމެ އަވަހަށް މިލިއަނަރުންގެ ލިސްޓަށް އަރަން ހުރި މީހެއްކަމަށްވާތީ އެކަމުން ލިބޭ އުފަލުން އެކަނިވެސް ޒިލްމާގެ ހިތްވަނީ ފުރިފައެވެ. ސާޖިދުގެ ކުންފުނިން އަލަށް އުފައްދާ އެންމެ ބޮޑު ނޫމުތް މާގިނަ ދުވަހެއް ނުވެ އޮންނާނީ އޭނާގެ ކަރުގައެވެ. ހިތްފުރޭވަރަށް ފައިސާއާއި ތަނަވަސް ކަން ލިބުމުން އުފާ ނުވާނީ ކާކުހެއްޔެވެ؟ އަދިމިހުރިހާ ކަމެއްގެ އިތުރަށް އޭނާއަށް ލިބިފައިވާ އެންމެ ބޮޑު އުފަލަކީ ސާޖިދު ގެހަޔާތާ ދުރަށް ރީމާ ފޮނުވާ ލެވިއްޖެ ކަމުގެ ފުރިހަމަ ޔަގީން ކަން މިހާރު ލިބިފައި ވާތީއެވެ.

ރީމާ މާލެ އައުމަށްފަހު ދެފަހަރަކު ސާޖިދަށް ފޯންކުރިއެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކުވެސް ޖަވާބު ދީފައިވަނީ ޒިލްމާއެވެ. އެންމެ ފަހު ފަހަރު ޒިލްމާ ބުނެފައިވަނީ ސާޖިދުގެ ފަހަތުން އަޅައިގެން ނޫޅޭށޭ ރީމާގެ ގާތުގައި ބުނުމަށެވެ. އަދި އޭގެ އިތުރަށް އޭނާގެ ރައްޓެއްސަކު ލައްވާ ރީމާއަށް ފޯނުކޮށްފައި ސާޖިދު ބުންޏޭ ކިޔާފައި ވަރަށް ހުތުރުބަހުން ވާހަކަތަކެއްވެސް ވަނީ ދައްކުވާފައެވެ. ރީމާއަށް އިސްވެ ސާޖިދަށް ގުޅަންނުކެރޭވަރު ކޮށްލެވިފައިވާތީ ޒިލްމާ ތުންފަތަށް އައިސްފަ ހުންނަ ހިނިތުންވުން ފިލައިގެނެއް ނުދެއެވެ. މިހާރަކު ދެން އޭނަޔާ ސާޖިދުގެ މިލޯތްބާ ދެމެދު ހުރަސް އަޅަން ކެރޭނެ އެކަކުވެސް ނުހުންނާނެއެވެ. އެފަދަ ފުރުސަތެއް އޭނާ އެކަކަށްވެސް ލިބުނަކު ނުދޭނެއެވެ. .

ރީމާ ހަޔާތުގެ މިދުވަސްތައް ހަނދާނުން ފިލުވާލުމަކީ ދަތިކަމަކަށް ވާނެއެވެ. ވަކިން ޙާއްސަކޮށް ސާޖިދުގެ ގުޅުން އެހާ ހިސާބަށް ދިއުމަށް ފަހު ވީގޮތެއް ނޭނގި އެ ގުޅުން ކެނޑިގެން ދިއުމަކީ އޭނާއަށް އުފުލަން ދަތި ވޭނެކެވެ. މިހާ ގިނަދުވަހު ކިޔެވުމުގެ ކަންތަކުގައި އަވަދިނެތި އުޅެން ޖެހިފައިވާތީ އޭނާގެ ދިރިއުޅުމަކަށް އެއްވެސް ޒުވާނަކު އައުމަކަށް ފުރުސަތެއް ނުދެއެވެ. އެހެންނަމަވެސް ސާޖިދާ އޭނަ ބައްދަލުވީ އޭނާގެ ހަޔާތުގައިވާ ފަޅުކަން ފިލުވާލަން ބޭނުންވެ އެކަމަށް ވިސްނަންފެށިތަނާ އެވެ. އަދި ސާޖިދުގެ ލޮލުން އޭރު ފެނިގެންދިޔައީ ރީމާދެކެ އޭނާ އިންތިހާއަށް ލޯބިވާކަމުގެ ކުލަތަކެވެ. އެހެންކަމުން އޭނާގެ ހިތުގައިވެސް އެ ހުޅުކޮށު ރޯވެ އަނދަން ފެށީއެވެ. އެ ރޯވި އަލިފާނުގައިވަނީ އޭނާއަށް މީގެ ކުރީގައި އިހްސާސް ކުރެވިފައި ނުވާފަދަ އުފަލެކެވެ. ބުނަންވެސް ނޭނގޭ ކަހަލަ ފޮނިކަމެކެވެ. އޭނާއަށް ސާޖިދުގެ ހަޔާތުގައި އެހެން މަލެއްފޮޅިފައިވާކަން އެނގޭއިރުވެސް ރައްޓެހިކަން އެކަނި ނަމަވެސް ބޭއްވުމަށް ހިތް އެދެވޭތީ ދެވަނަފަހަރަށްވެސް ގުޅާލެވުނީއެވެ. އެހެންނަމަވެސް އޭނާއަށް މި ވަރުގެ ހުރަހެއް ކުރިމަތިވާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނުވެއެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތުގެ ނުތަނަވަސްކަން އިތުރުވެ ނާއުންމީދު ވެގެން ދިޔައެވެ. ދިރިއުޅުމުގެ އުފާވެރިކަން ގެއްލިގެން ދިޔައެވެ. އޭނާގެ ސިކުނޑިއަށް މި އުފުލަން ދިމާވި އުނދަގޫތަކުގެ ސަބަބުން ވަށައިގެންވާ ދުނިޔެ ބަނަވެ އަނދިރިވެގެން ދިޔައެވެ. އަދި މިއާއެކު އޭނާގެ ބޮލުގެ ރިއްސުމުގެ ސިލްސިލާ ތަކުރާރުވާން ފަށައިފިއެވެ.

ޑޮކްޓަރ ނައިޔަރ އާއި ޑޮކްޓަރ ޒިޔާންއަށް އޭނާގެ ބައްޔާއި މެދު މި ވަނީ އިއްތިފާގުވެވިފައެވެ. އެހެންކަމުން ޒިޔާން ދީފައިވާބޭސްތައް ބޭނުން ކުރުމާއިމެދު އަލުން އޭނާ ވިސްނާލިއެވެ. ދެ ޑޮކްޓަރުންނަށް އެއްގޮތަކަށް ފެންނަކަމެއްގައި އޭނާއަށް ދެކޮޅު ހެދޭކަށްނެތެވެ. އެއަށްވުރެން ވަކި ތަޖްރިބާކާރު ޑޮކްޓަރުންނެއް ރާއްޖެއަކު ނެތްކަމަށް ޚުދު އޭނާވެސް އެއްބަސްވާން ޖެހެއެވެ. އަދި މިހާ ކުޑަކަމަކާހެދި ކޮންމެހެން ބޭރަށް ދިއުމުގެ ބޭނުމެއްނެތެވެ. އޭނާ ކުރަން ފަށާފައިހުރި މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާކަށްވެސް ބޭނުމެއް ނުވެއެވެ.

މި ވަގުތު އޮތް އެންމެ މޮޅު ގޮތަކީ ދުވަސްކޮޅަކަށް ޗުއްޓީއެއް ނެގުމެވެ. މި ދިމާވި ހާދިސާ ހަނދާން ނައްތާލުމަށްވެސް މެއެވެ.

އަދި ހަމަ އެއާއެކު ރީމާގެ މަންމަ އޭނާ ގޮވައިގެން މަންމަ ގެރަށްކަމަށްވާ ހުޅުދުއަށް ދާން އެދެމުން ދެއެވެ. އެއީ އެތައް އަހަރެއް ވަންދެން މަންމަ ދެކެން ބޭނުން ވެފައިވާ ދުވަހެވެ. ރީމާގެ މާމަ ދުނިޔޭގައި ހުއްޓާ ރީމާ އެރަށަށް ދިޔުމަށް މާމަ އެތައް ފަހަރަކު ވަނީ އެދިފައެވެ. މާމަ މިހާރު ވަރަށް މުސްކުޅި ވެދާނެއެވެ. ރީމާ އެންމެ ފަހުން މާމަ ދެކެފައިވަނީ މީގެ 15 އަހަރުގެ ކުރީގައެވެ. އޭރު އޭނާގެ އުމުރުންވީ އެންމެ 6 އަހަރެވެ. އެހެންކަމުން މި ޗުއްޓީއަކީ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއްކަން ޔަގީނެވެ.

ޑޮކްޓަރ ޒިޔާން ދީފައި ހުރި ބޭސް ބޭނުންކޮށްލުމުން އޭނާގެ އުނދަގޫތަކަށް ލުއިވެގެން ދިޔައެވެ. އަދި ގައިގައި ނަގާފައި ހުރި ބިހިތައްވެސް މުޅިންހެން ފިލައިފިއެވެ.

އޭނާއަށް ޒިޔާން ދެކެ ނަފްރަތު ވެވުނީތީ މިހާރު މޮޔަ ހިތަށް އަރައިފިއެވެ. ކުރެވުނު ކުށްހީއަކާހެދި އެހާ ކުޅަދާނަ ޑޮކްޓަރަކާ މެދު އެގޮތަށް ޝައްކު ކުރެވުނީތީ ދެރަވިއެވެ.

ރީމާ ގަސްތުކުރީ ފުރުމުގެ ކުރީގައި ޒިޔާންއަށް ދައްކާލުމަށެވެ. އެހެންނަމަވެސް އޭނާ ރަށުގައި ނެތުމުން ދިމާވާ ގޮތެއްނުވިއެވެ.

-ނުނިމޭ-