މަދިޔަމަކޮއި މާ ބޮޑު ފޯނެއް ހިފައިގެން ހުއްޓާ ފެނިގެން އަހާލީމެވެ. ކޮޔާއެވެ! ތިޔައީ ހާދަހާ ބޮޑު ފޯނެކެވެ. މާވަރަކަށް ތިޔަ ބަލަނީ ކޯޗެއްހެއްޔެވެ؟ މަކޮއި ބުންޏެވެ. މާ ބޮޑު އެއްޗެއް ނުބަލަމެވެ. މީސްމީހުންގެ އެފްބީ ހާވަނީއެވެ. އަހަރެން ބުނެފީމެވެ. ތިޔައީ ދެން ވައްކަންކުރުން ކަހަލަ ކަމެއްތާއެވެ. މިހާރު ކޮއި ތިޔަ ޒާތުގެ ކަންތައް ކުރަންވެސް ފެށީ ހެއްޔެވެ؟
ކޮއި ބުންޏެވެ. އެހެނެއް ނޫނެވެ. މީސްމީހުން އެފްބީގައި ލިޔެ ޙިއްޞާކޮށްފައި ހުންނަ ވާހަކައިން ނުބެލޭ ވަރެއްވެސް ނޫންތާއެވެ. މި މީހުންގެ ވާހަކާއި ޢަމަލާއި މުޅިންވެސް ދެގޮތެވެ. އެނގޭ ހެއްޔެވެ؟ އިހަކަށް ދުވަހު މުދިމާ އޭނާގެ މަންމަޔާއެކު ނަގާފައިވާ ސެލްފީއެއްގައި ލިޔެފައިވެއެވެ. “މިއީ އަހަރެންގެ ލޯބިވާ މަންމައެވެ. މަންމަ ނެތް ދުނިޔެއެއްގައި އަހަންނަކަށް ވެސް ނޫޅޭވޭނެއެވެ. ކޮންމެ މީހަކުވެސް މަންމައަށް އޯގާތެރިވާށެވެ. ކަމޭހިތާށެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުންކަން ދަންނާށެވެ.” އެކަމަކު މުދިމާއަކީ އޭނާގެ މަންމައާ އަޅާލާ މީހެއް ނޫންކަން ރަށު އެންމެންނަށް އެނގޭ ނޫންހެއްޔެވެ؟
އެހެންމީހަކު ޕޯސްޓްކޮށްފައިވާ ލިޔުމެއްގައި އޮތެވެ. ޙަސަދަވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައިވާ މީހާ ސުވަރުގެ ނުވައްދަވާނެއެވެ. އެއީ އަލިފާން، ދަރު ކައި ހުސްކުރާ އުޞޫލުން ތިމާ ކުރާ ހެޔޮ ޢަމަލުތައް ކައި ހުސްކުރާ އެއްޗެކެވެ. އެހެންކަމުން އަނެކާއަށް ޙަސަދަވެރި ނުވާށެވެ. އެކަމަކު މި މީހާއަކީ އޭނާ ނޫން ދެވަނަ މީހަކަށް ހެވެއް ލިބުމަށް އެދޭ މީހެއް ނޫނެވެ. އެހެންމީހަކު ތަންކޮޅެއް ރަނގަޅަށް ކައިގެން ބަނޑުބޮޑުކޮށްގެން ހުރިތަން ފެނުނަސް މިކަލޭގެ ލަގޮނޑިއަށް ނިކަން ބާރުކުރެއެވެ.
އަހަރެން ބުނެފީމެވެ. ކޮޔާއެވެ! އަހަރެންވެސް ތިކަހަލަ މީހަކު ދަންނަމެވެ. ޅައިރު އަމާ ގާތުން ބުއި ކިރުގެވަސް އަނގައިން ނުކެނޑެނީސް މީހުންނާ އިންނަން ފަށައިފިއެވެ. ހައެއްކަ ބަނޑަށް ކުދިން އެބަތިއްބެވެ. މިއިން ކުއްޖަކާ އަޅާނުލާތާނގައި އެއިން ކުއްޖަކު ލޮލުން ނުވެސް ދެކެއެވެ. އެކަމަކު އިރުއިރުކޮޅާ، ދަރިންނަށް އަޅާލާށޭ، އެއީ ﷲގެ އަމާނާތެކޭ ކިޔައިގެން އެފްބީގައި ލިޔާނެއެވެ. އަދި ދަރިން ތަރުބިއްޔަތު ކުރަންޖެހޭ ގޮތާއި ބަލަހައްޓަން ޖެހޭ ގޮތްވެސް ލިޔާނެއެވެ. ދީނީ ޢިލްމުވެރިން ދަރިންނާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތައް ޙިއްޞާ ކުރާނެއެވެ.
މަކޮއި ބުންޏެވެ. ސަހަރޯއެވެ. ދަރިޔަށް އޭނާ އެދައްކާ ވާހަކައެއް ހަމަ ނޭނގޭ ހެއްޔެވެ؟ އޭނާ އެބުނަނީ ތިމަންނަ ގައިގައި ވަރު ހުރި ދުވަހު ދަރިންނާ އަޅާ ނުލިޔަސް މުސްކުޅިވެ ބަލި ތަންމަތީގައި އޮންނަ ދުވަހު ތިމަން ބެލުމަށް ދެކޮޅު ނަހަދާނެހެން އެ ދަރިން ތަރުބިއްޔަތުކޮށްދޭށެވެ.
ދަރިޔާއެވެ. މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. އިންސާނުންގެ ހުރިހާ ކަމެއް ޓެކްނޮލޮޖީގެ ސަބަބުން “ސްމާޓް” ވެއްޖެއެވެ. މިހާރު އަޅުކަންވެސް ތިއޮތީ ސްމާޓްވެފައެވެ. ހެޔޮ ޢަމަލެއް ނުކުރިޔަސް އަޅުކަމާ ކިތަންމެ ދުރުހެލިވިޔަސް ތިިޔަ ޒާތުގެ ވާހަކަތަކާއި މެސެޖުތައް ފޭސްބުކުގައްޔާއި ވައިބާރގައި ލިޔެ އެހެންމީހުންނާ ޙިއްޞާ ކުރުމުން އެހުރީ އަޅުވެރިޔަކަށްވެފައެވެ. ފޭސްބުކު ތަޤުވާވެރިޔަކަށް ވެފައެވެ.
އަދި ބުނަންހެއްޔެވެ؟ މި މީހުން ﷲ އަށް ދަންނަވާ ދުޢާ ވެސް ލިޔަނީ ފޭސްބުކްގައެވެ. މިއީ ކޮންފަދަ ބޮޑު ކަމެއް ހެއްޔެވެ؟ އެންމެ ބޮޑު ހިތާމައަކީ ކޮޔަށްޓަކައި މަށަށްޓަކައި ބާކީތިބި އެހެން މީހުންނަށްޓަކައި ގަދަ ބަސްބުނެ އިންޒާރުދޭ މީހުން ވެސް މިއިން ކަމަކާ އަޅައިނުލާކަމެވެ. ލޯތައް ވަނީ މެރިފައެވެ. ކަންފަތްތައް ބަންދުވެފައެވެ. ދޫތައް ހައްޕުކިޔައިފައެވެ. ދަރިޔާއެވެެ. ބުނަންހެއްޔެވެ؟ މީޑިއާގައި މިއުޅެނީ ނެތް މީހުންނެވެ. ނެތް ދުނިޔެއެއްގައި ނެތް ހަގީގަތެއް ހާމަކުރަން ނެތް ސިފަ ދައްކަން އުޅޭ މީހުންނެވެ. މިކަން ފެތުރިފައިވާ ނިސްބަތް އެންމެ ފަސޭހައިން އެނގޭނީ ނެތް ނަންނަމުގައި އެކައުންޓް ހަދައިގެން އުޅޭ މީހުންގެ ނިސްބަތުންނެވެ. ދަރިޔާާއެވެ. އެއީ ނެތް ދުނިޔެއެކެވެ.