ފަތިހު ތެދުވެގެން ފަތާ ސަރަޙައްދަށް ދިޔައީ ފަތަން ނޭނގުނަސް މޫދުގައި އޮވެލާނަމޭ ހިތާއެވެ. ކުއްލިއަކަށް ފެނުނީ މާ ފަރިގޮތަކަށް ފަތާފައި އަހަންނާ ގާތަށް އަންނަ މީހެކެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. މަދިޔަ މަކޮއެވެ. ޙާލު އަޙުވާލު އޮޅުންފިލުވުމަށްފަހު އަހަރެން ބުނީމެވެ. ކޮއި މިހާރު ހާދަ “އެޑްވާންސް” ވެއްޖެއެވެ. ނުލާހިކު ފަރިތަކޮށް އެބަ ފަތައެވެ. ކޮއި ބުންޏެވެ. ދަރިޔާއެވެ! ބޮޑެތި މީހުންނަށް ފަތަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވެގެން އަހަރެން ފަތަން ދަސްކުރީއެވެ. ދަރިޔާވެސް ނިކަން ބައިވެރިވެ ބަލާށެވެ. އަހަރެން ބުނީމެވެ. ކޮޔާއެވެ. “ސްކޫލް ހޮލިޑޭ” މިފެށުނީ އަދި ކިރިޔާއެވެ. އޭގެ ކުރިން އުޅެން ޖެހުނީ ވަރަށް “ބިޒީ”ކޮށެވެ. މި ހޮލިޑޭގައި ތިކަން ކުރެވޭތޯ ބަލާނަމެވެ. އޭރުން އަހަރެންވެސް ވަރަށް “ޕްރޯ” ވާނެއެވެ.
ކޮއި އަހަންނާ ދިމާއަށް ޒާތަކަށް ބަލާލާފައި ބުންޏެވެ. ދަރިޔާއެވެ! ކަލޭ މިއަދު ކޮން ބަހުރުވައަކުން ވާހަކަ ދައްކާ ދުވަހެއް ހެއްޔެވެ؟ ކޮންމެ ދެބަހުން އެއްބަހަށް އިނގިރޭސި ބަހެއް ވައްދައިގެން ވާހަކަ ދައްކަނީ، އަނެއްކާ ކަލޭ އިނގިރޭސި ބަހުގެ ކޯހެއް ހެދީ ހެއްޔެވެ؟ އަހަރެން ހީލާފައި ބުނީމެވެ. ނޫނެކެވެ. ކޯހެއް ހެދީއެއް ނޫނެވެ. އަހަންނަކީ ޒަމާނާ އެއްވަރަށް ކުރިއަރަމުން އަންނަ މީހެއްކަން ކޮޔަށްވެސް އެނގޭނެއެވެ. އިނގިރޭސިބަހުން ވާހަކަ ނުދައްކާނަމަ ޒަމާން އެމީހަކު ޤަބޫލެއް ނުކުރާނެއެވެ.
ކޮއި ވަރަށް ރުޅިއައިސްފައި ބުންޏެވެ. ކަލޭ ގާތު އިނގިރޭސި ބަހުން ވާހަކަ ނުދައްކާށޭ މީހަކު ބުނި ހެއްޔެވެ؟ ބަލަ އެ މީހަކު ބޭނުން ބަހަކުން ވާހަކަ ދެއްކުމުގެ ފުރުޞަތު އެންމެންނަށްވެސް އޮވެއެވެ. ކިތަންމެ ގިނަ ބަހަކުންވެސް ވާހަކަ ދައްކަންވީއެވެ. މައްސަލައަކަށް މިވަނީ ދެބަސް އެއްކޮށްގެން މަސްހުނި މޮޑެގެން ވާހަކަ ދައްކާތީއެވެ. ބަހުގެ މާހިރުން ބުނާތީ އަހަރެން އަޑުއަހަނީ ބަހަށް މޮޅުވުމަކީ އެބަހަކުން ރަނގަޅަށް ވާހަކަ ދައްކަން އެނގުމެވެ. މިހާރު ދަރިޔާއަކަށް އެއްވެސް ބަހަކުން ވާހަކަ ދައްކަން ނޭނގުނުތާއެވެ. އެހެންވީމާ ޒަމާން އަމުދަކުންވެސް ކަލޭ ޤަބޫލެއް ނުކުރާނެއެވެ.
ބަހުގެ ދުވަހާއި ބަހުރުވައިގެ ދުވަސް ފާހަގަ ކުރަނީ ދަރިޔާމެންނެވެ. ދިވެހި ބަހޭ، އަހަރުމެންގެ ތަރިކައޭ އަނެކައްޗެކޭ ކިޔައިގެން ހާސަރުތަކެއް އަމުނަނީ ދަރިޔާމެންނެވެ. ބަސް ހަލާކު ވަމުންދާތީ، ބަހަށް ކުދިންެ ފޫހިވާތީ، ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭތީ، ޝަކުވާ ކުރަނީވެސް ދަރިޔާމެންނެވެ. އަހަރެމެންނެއް ނޫނެވެ.
އިހަކަށް ދުވަހު ފެނުނު ކަމެއްގެ ވާހަކަ ކިޔައިދެން ހެއްޔެވެ؟ އަހަރެންގެ އަވަށްޓެރި ގެއެކެވެ. އެގޭގައި އުޅޭ އަންހެން މީހާ އޭނާގެ ފަސްއަހަރުގެ ދަރިފުޅަށް އަދަބު ދިނީ އެކުއްޖާ ދިވެހި ބަހުން ވާހަކަދެއްކީމަޔޯލައެވެ. އަހަންނަށް ޙައިރާންވެ އަންތަރީސްވެފައި ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ. އެކަމަކު އަހަރެން ގާތުގައި ހުރި މަންޖެ އަކު ނިކަން ލާނެތް ފާޑަކަށް ހިނިއައިސްފައި ހުއްޓެވެ. އެ މަންޖެ ހިނިއައި ސަބަބު އެނގުމުން ހައިރާންވެ އަނގަހުޅުވުނެވެ. އެމަންޖެ ބުނިގޮތުގައި އިނގިރޭސިއަށް މޮޅުކުރަން ކުއްޖާއަށް އަދަބުދިން އަންހެންމީހާ އެކުއްޖާއާ ވާހަކަދައްކަނީ ކަށި އިނގިރޭސިންނެވެ. އިނގިރޭސިންނަކަށް ވެސް އެމަންމަ އެކިޔާ އެއްޗެއް ދޭހައެއް ނުވާނެއެވެ.
އަހަރެން ބުނީމެވެ. ކޮއި ތި ދައްކަނީ މުޅިން ދޮގު ވާހަކައެއްވެސް ނޫނެވެ. އެކަމަކު އިނގިރޭސި ބަހަކީ މިހާރު އުނގެނެން މަޖުބޫރުވެފައިވާ ބަހެކެވެ. އެބަސް ނޭނގި ކުރިއަށް ނުދާާނެއެވެ. އެހެންވީމާ މައިންބަފައިންނަށްވެސް ދަރިންނަށް އެބަސް ދަސްކޮށްދެން މަޖުބޫރުވެއެވެ.
ކޮއި ބުންޏެވެ. ތިޔަހެން ވިއްޔާ ދަސްކޮށްދޭންވާނީ ސާފު އިނގިރޭސި ބަހެއް ނޫންހެއްޔެވެ؟ ކަށި އިނގިރޭސިއެއް ނޫނެއް ނޫންހެއްޔެވެ؟
މަށަށް ހީވާގޮތުގައި ވާހަކަ ދައްކާއިރު ދެބަހުން އެއްއަބަހަށް އިނގިރޭސި ބަހެއް ބޭނުން ކުރަނީ ތިމާއަކީ ވެސް ފަރަންޖީ ބަސްބަހާއި ފަރަންޖީ ވިސްނުން ދަންނަ މީހެއްކަން އަންގައިދޭންވެގެންނެވެ. ދަރިވަރުންގެ ކުރިމަތީގައި މިހެން ހަދާ ކިތައް މުދައްރިސުންނެއް ތިބިތޯ ދަރިޔާ ބަލާލަބަލާށެވެ.
އަހަރެން ބުނީމެވެ. އާނއެކެވެ. ކޮއި ތިހެން ބުނީމާ އަހަރެންވެސް މީހެއްގެ މަތިން ހަނދާން ވެއްޖެއެވެ. މި ސޮރަކު އެގާރަ ބާރަ ނިމި، ފުރާފުރިހަމަވެފައި ހުއްޓާ އަވަށްޓެރި ޤައުމަކަށް މިދިޔައީ ކޯހެެއް ފުރިހަމަ ކުރުމަށެވެ. އެތާނގައިވެސް އުޅުނީ ޢާއިލީ މީހުން ކައިރީގައެވެ. އެމީހުން ވާހަކަ ދައްކަނީ ސާފު ދިވެހި ބަހުންނެވެ. ދެތިން އަހަރު ފަހުން މި ސޮރު އެނބުރި ރަށަށް އައިސް މަދުރަސާއަކަށް ކިޔަވައިދޭން ދާން ފަށައިފިއެވެ. ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. ދިވެހި ބަހުން ވާހަކަ ނުދައްކަންވެގެން އެ މަދުރަސާގައި އުޅޭ އެއްވެސް ދިވެއްސަކާ ވާހަކަ ނުދައްކައެވެ. ކުދިންނަށް މިކަން ފާހަގަ ވެގެން ސުވާލު ކުރީމާ، އޭނާއަށް އެއްގޮތަކަށްވެސް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގެނީއޭ ބުނިކަމަށްވެއެވެ.
ކޮއި ނިކަން ރުޅި ގަދަވެފައި ބުންޏެވެ. ނޭނގެނީއެއް ނޫނެވެ. ލަދު ގަންނަނީއެއްވެސް ނޫނެވެ. މިނަށްވުރެން ގޮތް ބޮޑީއެވެ. އެހެންޏާފަހެ، ތިޔަ ބުނާ ސޮރެއްގެ އަމާއި ބަފާ ވާހަކަ ދައްކަނީ އިނގިރޭސި ބަހުން ހެއްޔެވެ؟ އިހަކަށް ދުވަހު ޓީވީން ދެއްކި ޕްރޮގްރާމެއްގައި ވާހަކަ ދެއްކީ ކާކުކަން އެނގޭ ހެއްޔެވެ؟ އަޑުއަހާށެވެ. އެއީ އިނގިރޭސި ވިލާތުގައި އިނގިރޭސި ބަސް ކިޔަވައިދޭން އުޅޭތާ އެތައް ޒަމާނެއްވެފައިވާ ދިވެއްސެކެވެ. ހަމަތެދެކެވެ. އޭނާ އެންމެ ލަފުޒެއްވެސް އިނގިރޭސިން ނުބުނެއެވެ. ވާހަކަ ދެއްކީ ސާފު ދިވެހި ބަހުންނެވެ. ދަރިޔާއެވެ. ބަހަކަށް މޮޅުވުމަކީ އެއީއެވެ.