English Edition
Dhivehi Edition

ކަންމަތީ ފިހާރައިން ނިކުމެވުނީ މަދިޔެމަކޮއިގެ ކުރިމައްޗަށެވެ. މިއަދު ވެސް ފެށީ ސުވާލަކުންނެވެ. މާ ހެނދުނު ހެނދުނަކާ ކީއްކުރާ މާމުޔަކާއި ޒައިތޫނިތެލެއް ހެއްޔެވެ؟ އަހަރެން ބުނީމެވެ. އަހަރެން ކިތަންމެ ސިއްރުން ކަމެއްކުރަން އުޅުނަސް ކަލެޔަށް ނޭނގިނުދާނެއެވެ. ދެން މި ޖެހުނީ ކިޔައިދޭންތާއެވެ. މިއުޅެނީ މީހަކު ލައްވާ ރުޤްޔާ ކުރުވާށެވެ. މިހާރަކަށް އައިސް އަހަންނަށް ފާޑުފާޑުގެ ހުވަފެން ފެންނަނީއެވެ. ހޭލާ ހުންނައިރު ހީވަނީ ކައިރީގައި މީހަކު އުޅޭ ހެންނެވެ.ބައެއް ފަހަރު ބިރުވެސް ގަނެއެވެ.

ކޮއި ޒާތެއްގެ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. ދަރިޔާއެވެ. ތިއީ ކަލޭ ޝަހާދަތް ނުކިޔައި ނިދާތީ ވާގޮތެކެވެ. ނިދުމުގެ ކުރިން ޝަހާދަތް ކިޔައި ކުރުސިކިޔައިގެން ގަޔަށް ފުމެގެން އޮންނަނަމަ ތިކަހަލަ ހުވަފެނެއް ނުފެންނާނެއެވެ.އަހަރެން ބުނީމެވެ. ނޫނެކެވެ. އަހަރެން މި ވާހަކަ އަބޫ ކުރަތަށް ކިޔައިދިނުމުން އޭނާ ޒާތެއްގެ ކިޔެވެއްޔެއް ކިޔަވާފައި އަހަރެން ޓެސްޓު ކޮށްފިއެވެ. އޭގެ ނަތީޖާ ދައްކާގޮތުން މީހަކު މިވަނީ އަހަންނަށް ސިހުރު ހަދާފައެވެ. އަދި މިހާރު އަހަރެންގެ ބޯ ކޮޅު ބަލައިގެން ޖިންނިއެއްވެސް އެބަ އުޅެއެވެ. އަބޫ ކުރަތު ބުނީ އަހަރެން މިކަމުން ސަލާމަތްކޮށްދޭނަމެވެ.

މިއީ ކޮއި ގަޔާވާ ވާހަކައަކަށް ނުވިއެވެ. ފުލުފުލުގައި ދެ ސުވާލު ކުރިއެވެ. ދަރިޔާއެވެ. ފަންޑިތައިގެ ނަން ރުޤްޔާއަށް ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ ކަވާޖެހުން ހިޖާމާއަށް ބަދަލުވީ ކީއްވެގެންހެއްޔެވެ؟

އަހަރެން ބުނީމެވެ. ރުޤްޔާ އަކީ ހުއްދަ ފަންޑިތައެވެ. ރަނގަޅު ފަންޑިތައެވެ. ކަވާޖެހުމެއް ނޭނގެއެވެ.

މަދިޔެމަކޮއި އޭނާގެ ގޮތުގައި އަމުނަން ފެއްޓިއެވެ. ދަރިޔާއެވެ. މިއީ އެކާވީސް ވަނަ ގަރުނެވެ. މައުލޫމާތުގެ ޒަމާނެވެ. ކުރުމުށެއް ވަރުގެ ފޯނެއް ކޮންމެ މީހަކު ގެންގުޅެނީ ކަމަކުއެވެ. ހަމައެކަނި ގޫގުލް ޕްލޭ ސްޓޯރަށް ބަލައިލިޔަސް ރުޤްޔާގެ އެތައްއެތައް އެޕްލިކޭޝަނެއް ހިލޭ ލިބެން އެބަހުއްޓެވެ. ރުޤްޔާ ޝަރީޢާ ޖަހައިފައި ހުރީ ވެސް މަދެއްކޮށެއް ނޫނެވެ. ބަސް ދަންނަ މީހުން ބުނަނީ ރަނގަޅަސް ނުބަޔަސް ފަންޑިތައަކީ ރުޤްޔާއެވެ.

ދެން އޮތީ ކަވާޖެހުމެވެ. އެންމެ ފުރަތަމަ ކަމަކީ ކަވާއަކީ ފަރުވާއަކަށް ވުމެވެ. ބޭސްވެރިކަމަކަށް ވުމެވެ. އެކަން ކޮށް އުޅުނީ ވެސް އުޅެން ވާނީ ވެސް ބޭސްވެރިންނެވެ. ދަރިޔާގެ ބޯ ހުންނަނީ ހަމައެކަނި ބުރުގާ އަޅަން ކަމުގައި ނުވާނަމަ ވިސްނީމާ މިކަން އެނގޭނެއެވެ.

މިހާރު އެހެން ހެއްޔެވެ؟ ހިޖާމާ ޖަހަން އެއުޅެނީ ހުސް ބޭސްވެރިންހެއްޔެވެ؟ އެ އެއްޗެއް ޖަހައިގެން ދޮސްގަނެގެން ޑަކުޓަރީ ފަރުވާ ހޯދީ ކިތައް ދިވެހިންކަން ދަރިޔާއަށް އެނގޭހެއްޔެވެ؟

ދަރިޔާއެވެ. ވިސްނާށެވެ. ކަވާޖެހުމަށް ހިޖާމާއާއޭ ކިޔައިގެން އުޅެނީ އެއީ ބޭސްވެރިން ޖަހައިއުޅުނު ކަވާއަށް ވުރެ މާ މޮޅު އެއްޗެއް ކަމުގައި ދައްކަންވެގެންނެވެ. ތިމާ ނޫން މީހަކަށް ނުކުރެވޭނެ ކަމެއްކަމުގައި ހީކުރުވަން ވެގެންނެވެ. ރުޤްޔާ ވެސް މިގޮތަށް އޮޅުވައިލައިފިއެވެ. މި ދެކަމުގައި ވެސް އާންމުވެގެން ތިއުޅެނީ އެކަން ކުރާ މީހުންގެ ޖީބުގެ މަސްލަހަތެވެ. އެހެން މީހުންނަށް ނުލިބި ތިމާއަށް އެކަނި ފައިސާކޮޅު ލިބޭގޮތް ހެދުމެވެ. ދަރިޔާ ކަހަލަ ލޯނާއްޓެއްގެ ވިދުން ދުނިޔެ ދެކޭ މީހުންގެ އަތުން އެތިކޮޅު އަތުލުމެވެ. ވާނީ ވެސް އެހެންނެވެ. ކުރިން އަޑު ނާހާ އާ ނަމެއް ބޭރުގެ ނަމެއް އިވިއްޖެއްޔާ ދަރިޔާމެންގެ ހައްޓަކު ހެޔެއް ކަށްޓަކު މަހެއް ހުންނަނީއެއް ނޫނެވެ. ގަސް އިންދަން ބޮނބި ކުޑީގެ މޮޅު ވާހަކަ ބުނީމައި ގަބޫލެއް ނުކުރެވެއެވެ. ރަށުގެ ކުނިގޮނޑުތަކުން ދެކެ ފަރިތަ އެއްޗަކަށް ވީމައެވެ. އެކަމަކު އަލްޓްރާ ޕީޓޭ ބުނުމުން އޭގެ ކުޑަ ޕެކެޓެއް އެތައް ސަތޭކަ ރުފިޔާއަށް ގަންނަނީ އުފަލުންނެވެ. ލާރި ހޯދަން ދަންނަ މީހުން މިކަންކަމުން ފައިދާ ނަގާނެއެވެ.

ދަރިޔާ ދެން ތިބުނީ ޓެސްޓުކުރި ވާހައެވެ. ތިޔަކަހަލަ މީހުން ގޮސް ޓެސްޓްކުރާއިރު މީހެއްގެ އަތުގައި ލާން ކަމުދާ އަންނައުނެއް، ނިދަން ކަމުދާ ގޮދަޑިއެއް، ފިނިކުރަން ކަމުދާ އައިސްއަލަމާރިއެއް ނުހުރެއެވެ. ހުރިހައި އެއްޗަކަށް ހުންނަނީ ސިހުރު ޖެހިފައެވެ. ދެން ޖެހެނީ އުކާލާށެވެ. އުކާލަން ފޮނުވަން ޖެހޭނީ ވެސް އޭނާ ބުނާ މީހެކެވެ. މިއީ ވައްކަމެއް ވެސް ފޭރުމެއް ވެސް ނޫނެވެ. މިއީ ޓެކުމެވެ. ބޮޑުވެގެންވާ ޖިނާއީ ކުށެކެވެ.

އަހަރެން ބުނީމެވެ. ކޮޔާއެވެ. ތިޔަވާހަކަ ދޮގެއް ނުކުރަމެވެ. ނަމަވެސް އެންމެންނަކީ އެކަހަލަ މީހުންނެއް ނޫނެވެ. އަމުދުން އަބޫ ކުރަތަކީ އެކަހަލަ މީހެއް ނޫނެވެ.

އަހަރެންގެ މި ވާހަކަ އަޑު އަހާފައި ކޮއި ވަރަށް ނުރުހުންވެ، ރުޅިއައިސްހުރެ ބުންޏެވެ. ދަރިޔާއެވެ. އަބޫ ކުރަތަކީ ކާކުކަން ކަލެއަށް ނޭނގުނަސް މަ ދަންނަމެވެ.ދާދި ފަހުން ދިމާވި ޙާދިސާއެއް ކިޔައިދެން ހެއްޔެވެ؟ އަހަރެންގެ ބޮޑު ބޭބެގެ އަންހެން ދަރިފުޅު މާގަދަޔަށް ބޮލެއްގައި ރިއްސާތީ އަބޫކުރަތު ލައްވާ ރުޤްޔާ ކުރުވަން ފަށައިފިއެވެ.މި ރުޤްޔާއެއް މި ކުރަނީ އެގޭގެ ކޮޓަރިއެއްގައި ތިބެއެވެ. މި ދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކު އެ ގަޑީގައި ކޮޓަރިޔަށް ވަނުން ވަނީ މަނާކޮށްފައެވެ. އެއީ މި އަންހެން ދަރިފުޅާ ޖިންނިއަކު އަވަލާފައިވާތީ، ފަހަރެއްގައި ޖިންނިއަށް، ގޭ އެހެންމީހަކު ފެނިގެން ހިތާވެދާނެ ކަމުގެ ބިރަށްޓަކައިޔޯލައެވެ. އޭރު ބޭބެގެ ދަރިފުޅު އުޅެނީ ކުއްޖަކާވެސް ރަށްޓެހިވެގެންނެވެ. މި ސަކަރާތެއް ޖަހަންފެށިތާ ބަރާބަރު ފަސްވަނައަށްވީ ދުވަހު ބޭބެގެ އަންހެން ދަރިފުޅު އޭނާ ރަށްޓެހިވެގެން އުޅޭ ކުއްޖާއާއި ރުޅިވެއްޖެއެވެ. އަދި އަބޫ ކުރަތާއި ފިކުރާ ވެއްޖެއެވެ. އަބޫ ކުރަތަކީ މި އަންހެން ކުއްޖާގެ ބައްޕައަށް ވުރެވެސް ދޮށި، ކާފަ ދަރިންތިބި މީހެކެވެ. އެންމެ ފަހުން މި އަންހެން ކުއްޖާ އަބޫކުރަތަށް މެސެޖްކޮށްފައި ބުންޏެވެ.” ވައި ހެވެންޓް ވީ މެޓް ބިފޯ” އެވެ. “ޔޫއާރ ދަ ރައިޓް ގައި ފޯ މީ” އެވެ. މި ކަންތައް މި ހިސާބަށް ދިޔުމުން ބޮޑުބޭބެ އަބޫކުރަތު އެގެއަށް އައުން މަނާކޮށްފިއެވެ.

ދަރިޔާއެވެ. މި ހުންނަނީ ތި ރުޤްޔާ ކުރާ މީހުންގެ ކަންތައް ހުންނަ ގޮތެވެ. ތިޔަ އަބޫކުރަތުުގެ އަވާގައި ޖެހި ކަލޭ މި ދުނިޔެއިން ހަލާކުވެގެން ދިޔުމުގެ ކުރިން ތިޔަ ކަންތައް ހުއްޓާލާށެވެ.

އަހަރެންވެސް ވީ ޢަޖާއިބެއްގައި ޙައިރާންވެގެން ހުރެ ބުނީމެވެ. ކޮޔާއެވެ. ނާ ހަމަ ތިޔައީ ތެދެއް ހެއްޔެވެ؟ ކޮއި ބުންޏެވެ. އާނއެކެވެ. ސާފު ތެދެވެ. އެކަމަކު ފަންޑިތަހެދުމާއި ކަވާޖެހުމުގެ މަސައްކަތްކުރާ ކޮންމެ މީހަކު އަބޫ ކުރަތަކަށް ނުވެ ހިނގައިދާނެއެވެ.