މަދިޔަމަކޮއި ހުސްފުޅިތަކެއް ހިފައިގެން ދަނިކޮށް ދިމާވެގެން އަހަރެން އަހާލީމެވެ. ކޮޔާއެވެ. ކީއްކުރާ ހުސްފުޅިތަކެއް ހެއްޔެވެ؟ ކޮއި ފާޑަކަށް ރުޅި މޫނު ހަދާލާފައި ބުންޏެވެ. ފުޅި ބައްތި ހަދާށެވެ. މިހާރަކަށް އައިސް ކަރަންޓް ކަނޑާލާކަށްވެސް ގަޑިއެއް ގަޑިއެއް ނޯވޭވިއްޔާއެވެ. ދުވާލަކަސް ރޭގަނޑަކަސް މެންދަމަކަސް ކަނޑަންވީމާ ކަނޑަނީ އެވެ. އެހެންވީމާ މިހާރު އަހަރެން މި ހުންނަނީ ފުޅި ބައްތި ތައްޔާރުކޮށްފައެވެ. ފާޚާނާގައިވެސް ހުންނަނީ ބާލިދީ ބާލިދީއަށް ފެން އަޅާބަހައްޓާފައެވެ. އެނގޭ ހެއްޔެވެ؟ އިއްޔެވެސް ވީ ގޮތަކީ ފާޚާނާގައި ގޮސް އިށީންތަނުން ކަރަންޓު ކަނޑައިގެން ހިނގައްޖެއެވެ. ދެން ދޮޅު ގަޑިއިރު ވަންދެން ހުންނަން ޖެހުނީ ނުތާހިރާ އެވެ. މިއީ ދެން ތަންކޮޅެއް ބޮޑުވަރުތާއެވެ.
އަހަރެން ބުނީމެވެ. ކޮޔާއެވެ. ތިޔަ ޒާތުގެ ކަންތައްތަކަކީ ބުނާހާއިރަށް ރަނގަޅު ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. މައްސަލައަކީ ކޮއިމެން ކަހަލަ މީހުން ތަންކޮޅެއް ރުންކުރުކަމެވެ. އަހަރުމެން މީގެ ކުރިންވެސް އުޅުނީ ކަރަންޓަކުން ނޫނެވެ. ފެންވެރީ ވަޅު ދާނިންނެވެ. އަލި ކުރީ ފުޅި ބައްތިންނެވެ. ނިދީ މަދިރިގެ ޖަހައިގެންނެވެ. މިހާރުވެސް އެހެން އުޅެވެނެތާއެވެ. އެކަމަކު މިވާ ގޮތަކީ ކަރަންޓު ހަމަ ކެނޑޭއިރަށް މޮޅު ސްޓޭޓަސްއަކުން އަމިއްލަ “ވޯލް”އަށް ރުޅިގަނޑު ބާލަނީއެވެ. އޭރުން ކަރަންޓުގެ މައްސަލަ ހައްލުވާނެކަމަށް ހީކޮށެވެ.
ކޮޔާއެވެ! އަޑުއަހާށެވެ. މިޒާތުގެ ބޮޑެތި ކާރިސާތައް ދުނިޔޭގެ ބޮޑެތި ގައުމުތަކަށްވެސް ދިމާވެއެވެ. މިއީ ތަރައްޤީގެ އަލާމާތެކެވެ. ކޮއި އައި ރުޅިން ފުންމައިގެންގޮސް ބުންޏެވެ. ދަރިޔާއެވެ. ކަލޭ މިއަދު ރަނގަޅު ހެއްޔެވެ؟ އަހަންނަށް ޝައްކެވެ. އެހެންޏާފަހެ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކުން އިރުއިރު ކޮޅުން މަހުރޫމު ކުރުމަކީ ތަރައްގީ ހެއްޔެވެ؟
އަހަރެން ބުނީމެވެ. ކޮޔާއެވެ! ނިކަން ވިސްނާ ބަލާށެވެ. މީގެ ކުރިން އައްޑޫގައި ބޭނުން ކުރަމުން އައީ ދެތިން އިންޖީނެކެވެ. އޭރު އިރުއިރުކޮޅާ ކަރަންޓް ކެނޑޭތީ އުޅޭކަށް ނުޖެހެއެވެ. ނަމަވެސް މިހާރު އެގާރަ އިންޖީނު އެބަހުއްޓެވެ. އެކަމަކު ވެސް އިރުއިރުކޮޅާ ކަރަންޓް ކެނޑެނީ އެއަށް ނުކަތާ ވަރަށް ކަރަންޓް ބޭނުންކުރާތީއެވެ. އޭގެ މާނައަކީ މިހާރު ރައްޔިތުންނަށް މިވަނީ ތަރައްގީ އައިސްފައިކަމެވެ. މީގެ ކުރިން ކަރަންޓު ބޭނުންވަނީ ދެތިން ގެއެއްގެ ސިޓިން ރޫމުގައި ހުންނަ ފަންކާ ގަނޑަކަށެވެ. މިހާރު އެހެން ހެއްޔެވެ؟ އޭސީއާއި އައިސް އަލަމާރިއާއި އިސްތިރިއާއި ފެންމޯޓަރާއި ދޮންނަ މެސިނާ މިހެން ގޮސް ނަން ހުސްކޮށް ގޭގެ މިވަނީ ފުރިފައެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ގުޅިފައިވަނީ ކަރަންޓާއެވެ. އެހެންވީމާ ރުޅިއައުމުގެ ބަދަލުގައި މިކަމާ އުފާ ކުރަންވީއެވެ.
ކޮއި ބުންޏެވެ. ދަރިޔާއެވެ. ތިހުރީ ޑަކުޓަރަކަށް ދައްކަންވެފައެވެ. ނޫނީ ނުބައި އެއްޗެއް ކެވިފައެވެ. އެހެންޏާ ފަހެ ތިޔަ ބުނަނީ ތަރައްގީ އަކީ އޭސީއާއި އައިސް އަލަމާރިއާއި އިސްތިރިއާއި ފެންމޯޓަރާއި ދޮންނަ މެސިނާ މިހެން ގޮސް ނަން ހުސްކޮށް ހުރިހައި ބާވަތެއް ބޭނުން ނުހިފޭ ގޮތަށް ހުރުން ކަމުގައި ވިއްޔާއެވެ. އެއީ ތަރައްގީ ކަމަށްވާ ނަމަ ބޮޑު އަގުގައި ތި ތަކެތި ގަންނާނެ ކަމެއް ނެތެވެ. ކޮންމެ އެއްޗެއްގެ ފޮޓޯއެއް ގޭގައި ބެހެއްޓީމާ ހުންނާނީ ތަރައްގީވެފައެވެ.
ނިކަން ވިސްނަ ބަލާށެވެ. ދެތިން ފަންކާއަކުން ފަށައިގެން ތިޔަ ކިޔާ ބާވަތްތަކަށް ކަރަންޓު ބޭނުންވެގެން ދިޔައީ އަހަރެމެން އެއްރޭ ނިދާފައި ތިއްބާ ހެއްޔެވެ؟ މިއީ ހޭލެވުނުއިރު ވެފައިހުރި ގޮތެއް ހެއްޔެވެ؟ ތަރައްގީ އަކީ އެއް ހާލަތަކުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމެވެ. ކަރަންޓް ލިބޭ ހާލަތަކުން ނުލިބޭ ހާލަތަކަށް ބަދަލުވީމާ މިއަދު ތިޔަ ކިޔަނީ ތަރައްގީއެވެ. ދަރިޔާގެ ތިޔަ ބުއްދިއަށް ސަލާމެވެ.
ކޮއި ހުއްޓާނުލާ އަމުނަމުން ދިޔައެވެ.
ދަރިޔާއެވެ. ފަންކާ އަކުން ފެށިގެން އިތުރުވީ ދިރިއުޅުމުގެ ވަސީލަތާ އެކު ކަރަންޓު އިތުރުކުރުމަށް ރޭވުންތަކެއް ރޭވިއެވެ. އެއް ކުންފުނިން ނުވެގެން އެހެން ކުންފުންޏެއް އުފެއްދިއެވެ. އެ ކުންފުނި ކަމު ނުގޮސްގެން އަނެއްކާ މާސިންގާ މަހާ ކުންފުންޏެއް އުފެއްދިއެވެ. އެކަމަކު މިފެންނަނީ މި ހުރިހައި ކަމެއް ބޮޑު ފޭލިން ފޭލިވާ ތަނެވެ. މީގެ މާނަ ދަރިޔާގެ ބޮލަކަށް އަދަކު ނުވިސްނޭއެވެ. މީގެ މާނައަކީ ގައުމު ތަރައްގީކުރަން ވަކިވަކި ފަރުދުން ކުރި މަސައްކަތާ އެއްވަރަށް ޚިދުމަތްދޭ ފަރާތަށް ގައުމު ތަރައްގީ ނުކުރެވުނުކަމެވެ. ގޭގެއާ އެއްވަރަށް ކުންފުނިތައް ތަރައްގީ ނުވިކަމެވެ.
ކޮއި އައި ރުޅީގައި ނިކަން ބާރަށް ބުންޏެވެ. ދަރިޔާއެވެ. ރައްޔިތުން ކުރިއަރާފައިވާކަމަށް މަވެސް ޤަބޫލު ކުރަމެވެ. މައްސަލައަކީ ރައްޔިތުންނާ އެއްވަރަށް އެމީހުންނަށް ޚިދުމަތްދޭ މުއައްސަސާތައް ތަރައްގީ ނުވާތީއެވެ.
އަހަރެން ބުނީމެވެ. ކޮޔާއެވެ. މިހާރު ތިޔަ ދައްކަނީ ކޮޔަށް ވުރެ އިސްކޮޅުން ދިގު، ބަރުދަން އިތުރު ޢުމުރަށްވުރެ ދޮށި ވާހަކައެވެ. މީހުންގެ ހިތްބަރުވެ ދޭތެރެޖެހޭ ކަހަލަ ވާހަކައެވެ. ތިޔަ ޒާތުގެ ވާހަކަ ދައްކާކަށް ނުވާނެއެވެ.
ކޮއި ބުންޏެވެ. ދަރިޔާ ތަރައްގީ ދައްކައިދޭން ތިޔަ ހެދި ބޮޑު ދޮގުން ނުޖެހޭ ދޭތެރެއެއް މަ މިބުނި އެއްޗަކުންނެއް ނުޖެހޭނެއެވެ.
އަހަރެންގެ ބަސް ހުއްޓިއްޖެއެވެ. ކޮޔަށް ދޭނެ ޖަވާބެއް ނެތިގެންނެވެ. އަހަރެން ގަބޫލުކޮށްގެން މިހާ ދުވަހު ހުރީ މަދިޔެމަކޮޔަކީ ސޭކެއް ކަމަށެވެ. އެކަމަކު ދެންމެ އޭނާ އެދިޔައީ މަގޭ އަނގައިން ބަސް ހުސްކޮށްފައެވެ.