ސިޔާސީ މަސައްކަތަކީ މާޒީ ކަމަށާއި، މިހާރު ސިޔާސީ އެއްވެސް ކަމެއްގައި ނޫޅުއްވާކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޕާާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރެއްވި ނިހާން ‘ވަގުތަށް’ ދިން އިންޓަވިއުއްގައި ވިދާޅުވީ މިހާރު ވިސްނުން ހުންނެވީ ސިޔާސީ މަސައްކަތުގައި ދުރުގައި ހުންނެވުމަށް ކަމަށާއި ސިޔާސީ މަސައްކަތަކީ މާޒީކަމަށެވެ.
ޑީއާރްޕީއިން ސިޔާސީ ހަޔާތް ފެއްޓެވި ނިހާން ފަހުން ޕީޕީއެމް އާއި ގުޅިވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކޮށް ދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާއިރު ފަހުން އޭނާ ވަނީ ޕީޕީއެމް އިން ވެސް ވަކިވެ ވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީ އާއި އެކު ޖޭޕީ އާއި ގުޅިވަޑައިގަތް ނަމަވެސް ފާއިތުވި އެއް އަހަރު ތެރޭގައި ނިހާން އެއްވެސް ސިޔާސީ ހަރަކާތަކުން ފެނިގެންގޮސްފައެއް ނުވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުވެސް ނިހާންގެ ފަރާތުން އެއްވެސް ކަހަލަ ސިޔާސީ ބަހެއް އިވިފައި ނުވާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ