English Edition
Dhivehi Edition
ގދ. ތިނަދޫ ކައުންސިލްގެ މެންބަރު، މުޙައްމަދު ޒަލީފް އަބްދުﷲ - ފޮޓޯ: އޭ.އޯ ނިއުސް

މީޑިއާތަކަށް ހާމަކޮށްފައި ހުރި މައުލޫމާތުތަކަކީ ތެދު ހަގީގަތެއްކަން ކައުންސިލްގެ މެންބަރުން ހެކިވާނެ ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ މެންބަރު ޒަލީފް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މީޑިއާއަށް އިންޓަވިއު ދިނުމާއި ގުޅިގެން ރަސްމީ ސިފައެއްގައި ނަސޭހަތެއް ދީފައި ނެތްކަމަށާއި ރައްޔިތުންނަށް އިހްލާސްތެރި ކައުންސިލް މެންބަރެއް ނަމަ ރޭގެ އިންޓަވިއުއާއި ގުޅިގެން މީޑިއާތަކުން ލިޔެފައި ހުރި ހަބަރުތަކުގައި ހުރީ ތިނަދޫ ކައުންސިލްގައި ކަން ހިނގާ ގޮތްކަން ހެކިވާނެ ކަމަށް ޕީ.ޕީ.އެމް އަށް ނިސްބަތްވާ ޒަލީފް “އޭ.އޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ޒަލީފް ވިދާޅުވީ، އޭނާ މީޑިއާތަކަށް އިންޓަވިއު ދިނުމާއި ބެހޭގޮތުން މިއަދު ކައުންސިލްގައި ބޭއްވުނު ރަސްމީ ބައްދަލުވުމުގައި ބަހުސް ކުރެވުނު ކަމަށާއި އެހެންނަމަވެސް އެކަމަށް އެއްވެސް ގޮތެއް ނުނިންމާ ކަމަށެވެ.

” ޓްރާސްޕޭރެންސީއެއް ނެތް. ނަމަވެސް އަޅުގަނޑު ހުންނާނީ މިގޮތުގަ. ރައީސް އަކަށްވިޔަސް ޤާނޫނާ ޙިލާފަށް ހިނގާކަމަކަށް އެއްބާރުލުމެއް ދެވެން ނެތް. ވަރައް ސާފު. އެއިންޓަރވިއުގައި ދީފާވާނީ ތެދު ހަގީގަތް. މިކައުންސިލް ފަރާތުން ރައްޔިތުން ކިބައިން މާފައްއެދެން. އެމް.ޑީ.ޕީ މެމްބަރުންވެސް މިކަމަށް ހެކިދޭނެ. ” ޒަލީފްގެ ފޭސްބުކް ޕޯސްޓް

ޒަލީފް އޭނާގެ އަމިއްލަ މަސްލަޙަތަށްޓަކައި ގދ. ތިނަދޫ ކައުންސިލްގެ ރައީސާއި ކައުންސިލް މެންބަރުންގެ އިތުރުން އިދާއިރާގެ އެހެން މުވައްޒަފުން ބަދުނާމުވާ ގޮތަށް, ކަންކަން ހިނގާފައިވާ ގޮތާއި ހިލާފަށް މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި ފާހަގަކޮށްފައިވާ ކަންކަމަކީ އެ ކަންކަމުގެ ސަބަބުން މުޖުތަމަޢު ފަސާދައަށް ހުޅުވި, ރައްޔިތުންގެ ހިތުގައި ކައުންސިލާ މެދު ނަފްރަތު އުފެދޭނެ ކަންކަން ކަމުގައި ފާހަގަކޮށް ތިނަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ޕޯސްޓްގައި ވެއެވެ.

” އެއިންޓަވިއުގައި ފާހަގަ ކޮށްފައިވާ ފަދަ އެއްވެސް ކަމެއް ކައުންސިލް ތެރޭގައި ހިނގާފައި ނުވާނެކަމާއި, އެފަދަ ގޮތްގޮތަށް ކައުންސިލް ބަދުނާމުކޮށް ރައްޔިތުން ނުތަނަވަސް ވާގޮތަށް ވާހަކަ ނުދެއްކުމަށް ކައުންސިލް މެމްބަރ ޒަލީފް ޢަބްދުﷲ އަށް ނަޞޭޙަތްތެރިވެވިފައި ވާނެ އެވެ. ” ތިނަދޫ ކައުންސިލްގެ ޕޭޖް

ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ މި ޕޯސްޓް އަށް ރިއެކްޓް ކުރި ގިނަ އަދަދެއްގެ މީހުން ވަނީ އެ ޕޯސްޓަކީ ޖޯކެއް ކަމަށް ދޭހަވާފަދަ ގޮތަކަށް “ހަހާ” ރިއެކްޓް ކޮށްފައެވެ. މީގެތެރޭގައި ކައުންސިލްގެ ބައެއް މެންބަރުންވެސް ހިމެނެއެވެ. އަދި ކޮމެންޓް ކުރި ގިނަ މީހުންގެ ޚިޔާލުފާޅުކޮށްފައި ހުރީ ޒަލީފް އަކީ ރައީސް ސައުދު ހޮވާފައި ހުރި މެންބަރެއް ނޫން ކަމަށާއި ރައްޔިތުން ހޮވާފައި ހުރި މެންބަރެއް ރައްޔިތުންނަށް ކައުންސިލުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބުނެދިނުމަކީ ކުށެއް ނޫން ކަމަށް ބުނެ ރައީސް ސިއްރުކުރަން ބޭނުންވެގެން އުޅެނީ ކައުންސިލުގެ ކޮންކަމެއްތޯ ސުވާލު އުފެދޭފަދަ ގޮތަކަށެވެ.

ތިނަދޫ ކައުންސިލުގެ އެހެން މެންބަރަކު ވިދާޅުވީ، ކައުންސިލް ޕޭޖްގައި މިރޭ ހިއްސާކޮށްފައިވާ ޕޯސްޓަކީވެސް މެންބަރުންނާއި މަޝްވަރާކޮށްގެން އާންމުކުރި ޕޯސްޓެއް ނޫން ކަމަށާއި ކައުންސިލްގެ މިދައުރުގެ 06 ވަނަ ބައްދަލުވުން މިއަދު ނިމިފައިވާއިރު އެއިން އެއްވެސް ބައްދަލުވުމެއްގައި ނިންމި ނިންމުމެއް ކައުންސިލް ޕޭޖްގައި އާންމުކޮށްފައި ނުވާކަމަށް ވިދާޅުވެ އެ ޕޯސްޓަކީ ނުފޫޒުގެ ބޭނުންކޮށްގެން ސީދާ ޒާތީ މަގްސަދެއް ހާސިލްކުރުމުގެ ނިޔަތުގައި ޖަހާފައިވާ ޕޯސްޓް އެއްކަމަށް ވިދާޅުވެފައެވެ.

” ކައުންސިލް ޕޭޖުގައި ނުޖެހޭނެ އެއްވެސް މީހެއްގެ ޒާތީ މައްސަލައެއް. އަދި ޒާތީ ނުވިއަސް އެއްވެސް އިދާރާއެއްގެ އެންމެ އާދައިގެ މުވައްޒަފަކާމެދު އެޅޭ ފިޔަވަޅަކީވެސް ދެވޭ ނަސޭހަތަކީ އެގޮތަށް އާންމުކުރެވޭ އެއްޗެއް ކަމަކަށް އެނގިފައެއް ނެތް. ” ނަން ހާމަ ކުރަން ބޭނުން ނުވާ މެންބަރަކު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަދި އިތުރު އެހެން މެންބަރުންގެ ބަހެއް ވެސް ލިބޭގޮތް ވަނީ ނުވެފައެވެ.