English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަކަށް މެމްބަރުން ހޮވުމުގެ އިންތިޚާބު ބޯމަތިވެ, އެކަމުގެ ފޯރި މިވަނީ ބަލާލި ކޮންމެ ދިމާލަކުން ފެންނަހާ ގަދަޔަށް މީހުންގެ މެދުގައި ހިފައިފައެވެ. ޕާޓީތައް ތަމްސީލު ކުރާ ކެންޑިޑޭޓުންނަށް ޕާޓީ ޓިކެޓް ކުލަގަދަ ހަފްލާތަކާއި އެކު ވަނީ ދެވިފައެވެ. ބައެއް ކެންޑިޑޭޓުން ދާއިރާގެ ކެމްޕެއިން ރަސްމީކޮށް ފައްޓައިފައިވަނީ ކުރިއަށް އޮތް ރަމަޟާން މަހުގެ މާހެފުމާއި އެއްކޮށްލައިގެންނެވެ. ކޮންމެ ކެންޑިޑޭޓެއްގެވެސް ކެމްޕޭން ކުރާ ވައްޓަފާޅީގެ ތަފާތުކަމެއް އަދި ހާއްސަކަމެއްވެއެވެ. އެހެން ނަމަވެސް ކެމްޕޭން ދުވަސްވަރު ގިނަ ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދުކުރާ ރައްޔިތުން ކުރާ އެއްކަމެއްގައި ވަރަށް އެއްގޮތް ކަމެއްވެއެވެ. އެއީ މީސްމީޑިއާ އެކައުންޓުތަކުގެ ޕްރޮފައިލް ފޮޓޯ ނުވަތަ ކަވަރ ފޮޓޯތައް ފަދަ ފޮޓޯ ތަކުގައި ކުރިން ބޭނުންކުރަމުން އައި އަމިއްލަ ފޮޓޯގެ ބަދަލުގައި ތާއީދުކުރާ ކެންޑިޑޭޓުގެ ފޮޓޯ ނުވަތަ އެކެންޑިޑޭޓުއާއި ގުޅުން ހުރި, ކެންޑިޑޭޓުގެ ފަލްސަފާ ރަމްޒުކޮށްދޭފަދަ ފޮޓޯ އެއް ބޭނުންކުރުމެވެ.

މީސްމީޑިއާ އެކައުންޓުތަކުގައި މިފަދައިން ކެމްޕޭން ކުރުމުގެ މަގުސަދުގައި ތާއިދުކުރާ ކެންޑިޑޭޓެއްގެ ފޮޓޯ, ތާއީދުކުރާ ނިންމުމެއް ނުވަތަ އަޑުއުފުލާ ވަކި ކަމެއް ނުވަތަ މަގުސަދަކާއި ގުޅުވައިގެން ފޮޓޯތައް ބޭނުން ކުރުމަކީ މުޅި ދުނިޔޭގައިވެސް ވަރަށް އާންމުކަމެކެވެ. އެމެރިކާގެ ޔުނިވަރސިޓީއެއް ކަމުގައިވާ ވެސްޓަރން ކެންޓުޗީ ޔުނިވަރސިޓީން, 2020 ވަނަ އަހަރު އެގައުމުގައި ބޭއްވުނު ރިޔާސީ އިންތިހާބާއި ދިމާކޮށް ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މިގޮތަށް ޕްރޮފައިލް ފޮޓޯ ބަދަލުކޮށްފައިވާ މީހުންގެ ތެރެއިން ނިސްބަތުން އެންމެ ގިނައީ އުމުރުން 20 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. މީސްމީޑިއާ ވަސީލަތްތަކުގައި ފޮލޯވަރސް ގިނަ މީހުން ވިޔަފާރި އުސޫލުން އަގު ނަގައިގެން އެމީހުންގެ އެކައުންޓުތަކުގެ ފޮޓޯތައް ކެންޑިޑޭޓުންގެ ފޮޓޯތަކަށް ބަދަލުކޮށްފައިވާކަމަށް ހާމަކޮށްފައިވާ މިދިރާސާގައި ވަނީ އެކައުންޓުތައް ހުރި ކަމުގައިވީ ނަމަވެސް އާންމުކޮށް އެ ބޭނުންކޮށް ނޫޅޭ, ނުވަތަ އާންމު ނިސްބަތުން މީހަކު އެކައުންޓުތައް ބޭނުންކުރާ އަދަދަށްވުރެން މަދުން ބޭނުންކޮށް އުޅޭ މީހުންވެސް މިފަދައިން ފޮޓޯ ބަދަލުކޮށްފައިވާ ކަމަށްވެސް ހާމަކޮށްފައެވެ. މިލިޔުމުގައި މިހާ ހިސާބުން މިބަލާލަނީ މިފަދައިން އިންތިޚާބަކާއި ދިމާކޮށް ޕްރޮފައިލް ފޮޓޯ މީހުން ބަދަލުކޮށް އުޅޭ ބައެއް ސަބަބުތަކާއި އެކަމުގެ ފައިދާއަށެވެ.

ތާއީދުކުރާ ކެންޑިޑޭޓަކީ ކާކުކަން ފާޅުގައި އާންމުކުރުމަށް:

ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީން އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ލިބިދީފައިވާ ހައްޤުތަކުގެ ތެރޭގައި އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤުވަނީ ލިބިދީފައެވެ. އަދި ހަމަ އެހައްޤާއިއެކު މި ފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެކަމަށްވެސް ވަރަށް ސާފުކޮށް ބުނެފައިވެއެވެ. ވީހިނދު ތާއީދުކުރާ ކެންޑިޑޭޓަކީ ކާކުކަން ހާމަކުރުމާއި ފާޅުކަން ބޮޑުގޮތަކަށް އެކަން އެންގުމަކީ އެންމެ ރަނގަޅުގޮތްބާވައެވެ. މިފަދައިން ޕްރޮފައިލް ފޮޓޯތައް ބަދަލުކުރުމާއި ގުޅޭ ގޮތުން ސިޔާސީ ދާއިރާއިން މަތީ ތައުލީމު ފޯރުކޮށްދިނުމުގައި ދުނިޔެއަށް މަޝްހޫރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމް އިން ހަދާފައިވާ ދިރާސާއެއް ދައްކާގޮތުން މިގޮތަށް ފޮޓޯ ބޭނުންކުރުމަކީ ކެމްޕޭނެއްގެ ތެރެއިން ތާއީދުކުރާ ކެންޑިޑޭޓަށް އެންމެ އުފާވެރިކަން ގެނެސްދީ ސާބިތުކަމާއި ހިތްވަރު ލިބިދޭ އެއްކަމެވެ. އެއީ ފާޅުކަން ބޮޑު ގޮތެއްގައި އެކެންޑިޑޭޓެއްގެ ފަލްސަފާ ގަބޫލުކުރާ އަދި ތާއީދުކުރާ ބަޔަކު ތިބުމަކީ އެކެންޑިޑޭޓަކަށް އެހެނިހެން މީހުންނާއި ބައްދަލުކޮށް ކެމްޕޭން ކުރިއަށް ގެންދިއުމަށް ކެރިގެން ކުރިމަތިލާން މަގުފަހިވެގެންދާ ކަމެއް ކަމުގައިވެސް ހަމަ މި ދިރާސާއިން ވަނީ ދައްކާފައެވެ. އަދި ހަމަ މިއާއެކު ކެންޑިޑޭޓު ދަންނަ މީހުން އިތުރުވެ ކެންޑިޑޭޓުގެ މަގުބޫލުކަން އިތުރުވާ ކަމެއް ކަމުގައިވެސް މިދިރާސާއިން ވަނީ ދައްކާފައެވެ.

އެހެން މީހުންގެ ހިތުގައި ސުވާލު އުފައްދައި, ތާއީދުކުރާ ކެންޑިޑޭޓާއި މެދު ދިރާސާކުރުމުގެ ފުރުސަތު ފަހިކުރުމަށް:

ދިރާސާކޮށް ކަންތައް ހޯދައި ބެލުމަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ވަރަށް ފުރިހަމަ އަދި އެކަމަކުން އިންސާނެއްގެ ދިރިއުޅުމަށް އެދިރާސާކުރާ ވަގުތެއްގައި ނުވަތަ އެނޫން މާ ދުރު މުސްތަގުބަލެއްގައި ކަމުގައިވީ ނަމަވެސް ބަދަލެއް ގެންނަން މަގުފަހިވާ ނުވަތަ ކޮންމެވެސް ނަޒަރެއްގައި އެހީތެރިވެދޭނޭ ކަމެެކެވެ. ޔުނިވަރސިޓީ އޮފް ބަރމިންގްހަމްއިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މީސްމީޑިއާ އެކައުންޓަށް އިންތިޚާބުތަކާއި ދިމާކޮށް ތާއީދުކުރާ ފަރާތުގެ ފޮޓޯ ލުމުން ދެން އެފޮޓޯ ފެންނަ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު އެކަމާއި މެދު ހިތުގައި ސުވާލު އުފައްދައެވެ. އަދި އެމީހެއް ތާއީދުކުރާކަމަށް ހާމަކޮށް ފޮޓޯ ބަދަލުކޮށްފައިވާ ކެންޑިޑޭޓެއް އެފަރާތަކަށް ހާއްސަވަނީ ނުވަތަ ހާއްސަވެދާނެ ސިފައަކީ ކޮބައިތޯއާއި, މެނިފެސްޓޯއިން އެމީހަކަށް ގަޔާވެދާނެ ވައުދުތަކަކީ ކޮބައިތޯ އެމީހުން ހިތާހިތާ ސުވާލުކުރާކަމަށްވެސް މިދިރާސާގައިވަނީ ހާމަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިކަން އިތުރަށް ސާބިތުކުރަން ބޭނުންވާ ބައެއް މީހުން އެ ކެންޑިޑޭޓާއި ބެހޭގޮތުން އިތުރަށް ދިރާސާކޮށް އޮޅުންފިލުވުން އާންްމު ކަމަށާއި މިކަމުގެ ސަބަބުން ކުރިން އެފަރާތެއް ތާއިދުކުރަމުން އައި ކެންޑިޑޭޓު ދޫކޮށް އެކުވެރިޔާ ތާއީދުކުރާ ކެންޑިޑޭޓާއި ދިމާލަށް ހިތް އެނބުރޭ ފަހަރުވެސް ވަރަށް ގިނައިން ދިމާވެފައިވާ ކަމަށް މިދިރާސާގެ ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.

ސިޔާސީ ވާހަކަތަކާއި މަޝްވަރާތަކަށް ފުރުސަތު ހޯދުމަށް, އަދި ކެންޑިޑޭޓާއި މެދު ދެކޭގޮތް ދެނެގަތުމަށް:

އަޅުގަނޑުމެން މީސްމީޑިއާ ވަސީލަތްތަކުން ގަޔާވާ ޕޯސްޓެއް, ފޮޓޯއެއް ނުވަތަ އެނޫނަސް އެއްޗެއް ފެނުމުން ވަރަށް ގިނައިން އެއަށް އެންމެ ކުޑަ މަދު މިންވަރަކަށް ބުނާނަމަ ‘ލައިކް’ އެއް ދެމެވެ. ހަމަ މިފަދައިން ގަޔާ ނުވާނަމަ އެކަން ހާމަކޮށް ކުރެވެން ހުންނަ ‘ރިއެކްޓް’ އެއް ކުރާ މީހުންވެސް ވަރަށް ގިނައެވެ. އަދި ހަމަ ގަޔާވާނަމަ ނުވަތަ ނުވާނަމަވެސް, އެކަން ހާމަކޮށް ‘ކޮމެންޓް’ ކުރާ މީހުންވެސް މަދެކޭ ނުދެންނެވޭނެއެވެ. މިހުރިހާ ހަރަކާތަކުންވެސް މިކުރެވެނީ އެއްކަމެކެވެ. ތިމާ ދެކޭ ގޮތް އެބަ ހާމަ ކުރެވެއެވެ. އަދި ހަމަ މިއާއިއެކު ކުރެވޭ ކޮމެންޓުގެ ސަބަބުން ސިޔާސީ މަޝްވަރާއަކަށް ނުވަތަ ބޮޑު ސިޔާސީ ޒުވާބަކަށް ތިމާ ހުށައެޅިގެންދެއެވެ. ދެރަވާ ކަމަކީ ނިމިގެންދާއިރު ބައެއް ފަހަރު ޒާތީވެވޭތީއެވެ. ކެންޑިޑޭޓުންގެ ފޮޓޯތައް ފެނިގެން އެފޮޓޯތަކަށް ‘ކޮމެންޓު’ ތަކުގެ ގޮތުގައި އެކި ކަހަލަ ފާޑުކިޔުން ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓާއި ގުޅުންހުރި ކަމަކަށް އަމާޒުކޮށް ކޮށްފައިވާތަނަކީ އާންމުކޮށް ފެންނަ މަންޒަރެކެވެ. އަދި ހަމަ މިއީ ފައިދާހުރި ގޮތަކަށް މިކަންތައް ދޭހަކޮށްފިނަމަ ކެންޑިޑޭޓެއްގެ ކެމްޕޭން ކުރިއަށް ގެންދިއުމަށް ފައިދާކުރާނެ އެތަށް މެސެޖުތަކެއް ލިބިދޭނެ ކަމެއްވެސްމެއެވެ.

ކެންޑިޑޭޓެއްގެ ފަލްސަފާއާއި ވިސްނުން ގިނަ ބަޔަކަށް ފޯރުކޮށްދީ ކެންޑިޑޭޓެއް މީސްމީޑިއާގެ ތެރޭގައި ފެންނަ ނިސްބަތް އިތުރުކުރުމަށް:

ގިނަ ގިނައިން އެކައްޗެއް ނުވަތަ އެއް މަންޒަރެއް ފެންނަ ނަމަ އެކަމެއް ސިކުނޑީގައި ހަރުލުމަކީ ނުވަތަ ހަނދާނުގައި ހިފުމަކީ އިންސާނާ އެއްވެސް މަސައްކަތެއް އެކަމެއް ކުރުމުގައި ހޭދަ ނުކުރި ކަމުގައިވީ ނަމަވެސްވާ ކަމެކެވެ. އެފަދައިން ކެންޑިޑޭޓެއްގެ ފޮޓޯ ބޭނުންކުރާ އެކައުންޓުތައް ގިނަވުމަކީ ނިސްބަތުން އެކެންޑިޑޭޓޭއް މީސްމީޑިއާ ތެރެއިން އެހެން މީހުންނަށް ފެންނަ ނިސްބަތް އިތުރުވާނެ ކަމެކެވެ. އަދި އެކެންޑިޑޭޓަކާއި ގުޅޭ މެސެޖުތަކާއި, މެނިފެސްޓޯގައި ހިމެނޭ ވައުދުތައްވެސް މީހުންނާއި ހަމައަށް ތިލަކޮށްދޭ ނިސްބަތްވެސް އިތުރުވާނެ ކަމެކެވެ. މީސްމީޑިއާ ވަސީލަތަތްތައް ޑިޒައިންކޮށްފައިވަނީ އެމީހެއްގެ އެކައުންޓުގައި ހިމެނޭ އެހެން ގިނަ އެކުވެރިން ވަކި ކަމެއް އާދަޔާހިލާފަށް އިތުރަށް ކުރާ ނަމަ އެމީހަކަށްވެސް އެކަން ކޮންމެވެސް ސިފައެއްގައި އިޝާރާތްކުރާ ފަދަ ގޮތަކަށެވެ. އަދި އެމީހެއް މީސްމީޑިއާ ބޭނުންކުރާ ސަރަހައްދެއްގައި ހިނގާ ނުވަތަ ހިންގޭ ގިނަ ކަންތައް އެމީހަކަށްވެސް އެނގިގެންދާފަދަ ގޮތަކަށެވެ. އެހެންކަމުން ކެންޑިޑޭޓުންގެ ފޮޓޯ އާއި ވިސްނުން, އަދި ފަލްސަފާ ހިމެނޭ ޕްރޮފައިލް ފޮޓޯތައް އިތުރުވީ ވަރަކަށް އެފެންނަ މީހުންގެ އަދަދާއި ނިސްބަތްވެސް އިތުރުވާނެއެވެ.

ހަމަ މީގެ އިތުރުން މިކަމާއި ގުޅިގެން ކޮށްފައިވާ އިތުރު ދިރާސާތައް ދައްކާގޮތުން މިފަދައިން އަމަލުތައް ކުރުމުން ވޯޓުގެ ފޯރި މުޖުތަމައުގެ ތެރޭގައި އަށަގަންނަ ނިސްބަތް ވަރަށް ބޮޑުތަނުން އިތުރުވެއެވެ. މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވޯޓު ލުމަށް ނިކުންނަ މީހުން އިންތިޙާބަކަށްފަހު އިންތިޙާބެއް މަދުވަމުން އަންނަ ކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާ ޒަމާނެއްގައި މިފަދައިން ވޯޓުގެ ފޯރި ހިފުމުން ވޯޓުލުމަށް ނިކުންނަ މީހުން ނިސްބަތުން ބޮޑުތަނެއް އިތުރުވާކަމަށްވެސް ދިރާސާގައިވަނީ ބުނެފައެވެ. އަދި ހަމަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެނަށް އެއްހަމައެއްގައި ހޯދުމަށް ބާރުއަޅަމުން އަންނަ ޒަމާނެއްގައި, މީހެއްގެ ސިޔާސީ ފިކުރަކީ އެމީހެއްގެ އެންމެ ވަރުގަދަ އެއް ރައުސުލްމާލަށްވާއިރު ޙިޔާލުފާޅުކުރުމުގައި ސިޔާސީ ވާހަކަތައް ދެއްކުމާއި އެކަމަށް ބާރުއެޅުމަކީ ޙިޔާލުފާޅުކުރުމަށް ބާރުއަޅައި އެކަމަށް ހިތްވަރުދޭ ގިނަ ޖަމިއްޔާތަކަކުން ވަރަށް ބޮޑަށް ގޮވާލާކަމެކެވެ.

މިހުރިހާ ސަބަބުތަކަކަށް ބަލާލުމުންވެސް ދޭހަކޮށްދެނީ އިޖުތިމާއީ މިންގަނޑުތަކަށް ބޯލަނބައިގެން ވަކި ހުދޫދެއްގެ ތެރޭގައިތިބެ އެކަކު އަނެކަކަށް އިހުތިރާމު ކުރަމުން މިފަދައިން ކެމްޕޭންކުރުމުގެ މަގުސަދުގައި ކެންޑިޑޭޓުންގެ ފޮޓޯއާއި ވީޑިއޯ އަދި މެސެޖުތައް މީސްމީޑިއާގައި ބޭނުންކުރުމަކީ އެދެވިގެންވާ އަދި އެކަމުން ފައިދާ ކުރާނޭ ކަމެކެވެ. މިހެން ކަންތައް ކުރުމުން ސިޔާސީ ރޭހުގައި ކެންޑިޑޭޓުންގެ ވާހަކަތައް އެނެކާއާއި އެންމެ ގާތަށް އެބަ ގެންގޮސްދެއެވެ. ޙިޔާލުފާޅުކުރުމާއި, ފާޑުކިޔުން އަދި ކަންބޮޑުވުން ހިއްސާކުރުމުގައި މުޅި މުޖުތަމައުގެ ބައިވެރިވުން އެބަ އިތުރުކުރެވެއެވެ. އަދި ހަމަމިއާއިއެކު, ބަވަނަ ވަމުން އަންނަ ދުނިޔެއެއްގައި އަމިއްލަވަންތަކަން ސާބިތުކުރުމަށް މަގުފަހިވެދެއެވެ. ތަހުޒީބުވެފައިވާ ބަދަލުވަމުން އަންނަ ދުނިޔެއެއްގައި ސިޔާސީ ގޮތުން ހޭލުންތެރި, އެކަކު އަނެކަކަށް އިހުތިރާމުކުރާ, އެކަކު އަނެކެއްގެ ކިބައިން ދިރާސާކޮށް އުނގެނިގަތުމަށް މަސައްކަތްކުރާ މުޖުތަމައެއް ބިނާކުރުމަށްވެސް ބާރުއަޅައެވެ.