English Edition
Dhivehi Edition

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އޮފީސް ފަޅާލި އެއްވެސް މައްސަލައަކާ، ސިޔާސީ ބަޔަކާ ގުޅުމެއް ނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އާރްޑީސީގެ އޮފީސް، ތިން ފަހަރެއްގެ މަތިން ފަޅާލައި ވައްކަން ކޮށްފައިވާއިރު އެ ކުންފުނީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ވަނީ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑް އޮންނަ މީހުން ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެންކަމަށް ތުހުމަތުކޮށްފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އާރްޑީސީ ފަޅާލުމުގައި ސިޔާސީ އެއްވެސް ކަމަކާއި އަދި ބަޔަކާއިވެސް އެއްވެސް ގުޅުމެއް އޮތް ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އާރުޑީސީގެ އޮފީހަށް މިދިޔަ އޭޕްރީލް މަހު ވެސް ބަޔަކު ވަދެ 100،000ރ. ވަގަށް ނަގާފައިވާއިރު އޭގެ ހަފުތާއެއް ފަހުން އަނެއްކާ ވެސް އެ އޮފީސް ފަޅާލައި 3،000ރ. ވަގަށް ނަގާފައި ވެއެވެ. އޭގެ ފަހުން އޮފީހުގައި ފައިސާ ބެހެއްޓުން ހުއްޓާލާފައިވާއިރު މިދިޔަ އާދިއްތަ ދުވަހުގެ ރޭވެސް އެތަން ވަނީ ފަޅާލާފައެވެ.