English Edition
Dhivehi Edition

ކޮވިޑް-19އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށެއް މޮނިޓަރިން ހާލަތަށް ގެނައިނަމަވެސް، އެ ރަށުގެ ސްކޫލްތަކުގައި މަތީ ގްރޭޑް ތަކުގެ ކްލާސްތައް ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހުސެއިން ރަޝީދު މޫސާ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޙުސެއިން ވިދާޅުވީ ރަށެއް މޮނިޓަރިންއަށް ލައިފިއްޔާ ސްކޫލް ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ހުއްޓޭނެކަމަށާއި އަދި ގްރޭޑް 9-12އަށް ކިޔަވާ ކުދިންގެ ކްލާސްތައް ފިޔަވާ އެހެން ހުރިހާ ކްލާހެއް އަނެއްކާވެސް އޮންލައިންކޮށް ކުރިއަށްގެންދަން ފަށާނެކަމަށެވެ.

އެގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެޗްޕީއޭއާ ވެސް މަޝްވަރާ ކޮށްފައި ކަމަށާއި އެއީ އޯލެވެލްއަށް ތައްޔާރުވާތީ އެކުދިންގެ ކިޔެވުން ކުރިއަށް ގެންދިއުން މުހިއްމު ވާތީ ކަމަށް ވެސް ޙުސެއިން ވިދާޅުވިއެވެ،

“އެކަމަކު ވަކިން ފާހަގަ ކުރި ގްރޭޑްތަކުން ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ ނުވަތަ ކަރަންޓީންކޮށްފިނަމަ، އެ ކުއްޖާ ކިޔަވަމުން ދިޔަ ކްލާހެއް ދެން ކުރިއަށްގެންދަން ޖެހޭނީ އޮންލައިންކޮށް. އަދި ކޮވިޑް އިތުރަށް ފެތުރިއްޖެ ހާލަތެއްގައި މުޅި ސްކޫލް ބަންދު ކުރަން ޖެހޭނަމަ އެކަން ނިންމަވާނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ” ހުސެއިން ވިދާޅުވިއެވެ.

މާލެ އާއި އަތޮޅު ތެރޭގެ ބައެއް ސްކޫލްތަކުގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މި ހަފްތާގައި ވެކްސިން ޖަހަން ފަށާފައިވާ އިރު، މާލޭގެ ހަ ސްކޫލެއްގައި މިހާތަނަށް ވެކްސިން ޕްރޮގްރާމް ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ މި މަސް ނިމެންވާ ތަނަށް 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުމެވެ.