English Edition
Dhivehi Edition
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އެ މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އޭރު އައްޔަނުކުރެއްވި އަހުމަދު އަލީއާއެކު -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އަހުމަދު އަލީ އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާދެއްވި ސަބަބާއި ގުޅޭ ގޮތުން އަޙްމަދު އަލީ ވިދާޅުވީ އެއީ އަމިއްލަ ސަބަބު ތަކާއި ހެދީ ކަމަށާއި މިވަގުތު އެ މަޤާމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ކަމަށެވެ.

އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައި މި ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޑްކޮށްފައި ވަނިކޮށެވެ. އޭނާ ސަސްޕެންޑްކުރީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އަދި އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ އޭނާގެ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުގެ މަހެއްހާ ދުވަސް ކުރިންނެވެ..

މަގާމުން ވަކިވެވަޑައިގަތުމަށް މިދިޔަ ބުރާސްފަތި ދުވަހު ސީއެސްސީ އާއި އެޑިއުކޭޝަނަށް އޭނާ ވަނީ ސިޓީ ފޮނުއްވާފައެވެ. ސިޓީގައި އަހުމަދު ވިދާޅުވީ މިހާތަނަށް ޕީއެސްގެ ޒިންމާ އަދާކުރެއްވީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. އެކަމަކު، މި ވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ ޕީއެސްގެ މަގާމުން އިސްތިއުފާ ދެއްވުމުން ކަމަށް ވާތީ ވަކިވެވަޑައިގެންނެވީ ކަމަށެވެ.

އޭގެ އިތުރުން ގާނޫނާއި ގަވައިދުގެ ބޭރުން އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވާނެ ކަމަށް ވެސް، އެ ސިޓީގައިވެ އެވެ.

އެކަމަކު، ޓީޗަރުންނާއި ޕްރިންސިޕަލުންގެ ވަޒީފާއަށް ގެނައި ބަދަލުތަކަކާ ގުޅިގެން އަހުމަދުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ސީއެސްސީން ބެލި އެވެ. އެކަމުގައި އޭނާއަށް އެ ކޮމިޝަނުން އެންމެ ފަހުގެ އިންޒާރު ވެސް ދިނެވެ.

އަހުމަދު އަލީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ޖޫން 13، 2019 ގައެވެ. އޭނާ އެ މަޤާމަށް އައްޔަންކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އޭނާގެ ދައުރު ހަމަވާނީ މި ހިނގާ 2024 ވަނަ އަހަރުގެ ޖޫން މަހުގައެވެ.