ތައުލީމީ ދާއިރާ ކުރިއަރުވަން އެންމެ ބޮޑު ޚަރަދެއް ކުރި ސަރުކާރަކީ މި ސަރުކާރު ކަމަށާއި އެގޮތުން ކުރީ ސަރުކާރުން ތައުލީމީ ދާއިރާއަށް ހިންގި މަޝްރޫއުތަކަށްވުރެ މި ސަރުކާރުން ހިންގި މަޝްރޫއުތައް އެތައް ގުނައެއް އިތުރު ކަމަށް އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކޮންގްރެސްގައި މެމްބަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސެޝަން ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިވީ ހަތަރު އަހަރު ތެރޭގައި ތަޢުލީމީ ދާއިރާގައި ހިންގި މަޝްރޫޢުތަކަށް 1316.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
“ތަޢުލީމީ ދާއިރާގައި 2014 އިން 2018 އަށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް ޖުމްލަ ޚަރަދުކޮށްފައި ވަނީ 941.6 މިލިއަން ރުފިޔާ. އެހެންނަމަވެސް މި ސަރުކާރުން މިވީ ހަތަރު އަހަރު ތެރޭގައި 1316.9 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައި” އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 2014 އިން 2018 އަށް މުޅިއެކު މަސައްކަތް ފުރިހަމަ ކުރެވުނީ 135 ކްލާސްރޫމް ކަމަށާއި މިވީ 4 އަހަރުތެރޭ 1288 ކްލާސްރޫމްގެ މަސައްކަތް ހިނގާ ކަމަށެވެ. އަދި މިދިޔަ ދައުރުގައި އެޅުނީ 15 މަލްޓިޕާޕަސް ހޯލްކަމަށާއި މި ސަރުކާރުން 81 މަލްޓިޕާޕަސް ހޯލެއް އެބަ ކުރިއަށް ގެންދާ ކަމަށެވެ. އަދި މިދިޔަ ދައުރުގައި އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގަ 64 މަޝްރޫއެއް ކުރިއަށްގެންދިޔަ ނަމަވެސް މިދައުރުގައި 338 މަޝްރޫއެއް ކުރިއަށް ގެންދާކަމަށް މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސްކޫލްތައް އެއް ދަންފަޅިއަށް ހެދުމުގެ ވައުދު ފުއްދުމަށްޓަކައި މިސަރުކާރުން މުޅިއެކު 216 މަޝްރޫޢެއް ބަޖެޓުކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން 44 މަޝްރޫޢު މިހާރު ނިމި އެ އިމާރާތްތައް ބޭނުންކުރަން ފަށާފައިވާކަމަށާއި 89 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުންދާއިރު 11 މަޝްރޫޢެއްގެ މަސައްކަތް މިހާރު އެވޯޑް ކުރެވިފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ސްކޫލްތައް އެއްދަންފަޅިއަށް ހެދުމުގެ ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން 44 މަޝްރޫޢެއް ނިމި މިހާރު ބޭނުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރު 216 ސްކޫލްތަކުގެ ތެރެއިން 155 ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައްކަމަށާއި ކާށިދޫގައި ހަދަމުން އަންނަ ކްލާސްރޫމް އިމާރާތް އަންނަ ހަފްތާގައި ބޭނުންކުރަން ފެށުމުން މި އަދަދު 156 ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.