English Edition
Dhivehi Edition
ޓެލިކިލާސް ފިލާވަޅެއްގެ ތެރެއިން ބަހުގެ މައްސަލަ ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއެއް

ޓެލިކްލާސް މެދުވެރިކޮށް ނަގާ ފިލާވަޅުތަކުގައި ބަހުގެ މައްސަލަތަކެއް ހުރި ކަމަށް ފާހަގަ ކުރެވިގެން ބެލެނިވެރިންގެ ފަރާތުން ކަންބޮޑުވުން އަންނަ ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާ އިރު ދަރިވަރުންނަށް ފިލާވަޅުތައް ނަގައި ދެމުން އަންނަނީ ޓެލި ކްލާސް މެދުވެރިކޮށެވެ. މި ފިލާވަޅުތައް ސޯޝަލް މީޑިއާގައި އާންމުކޮށް ފެންނަން ހުންނައިރު ފިލާވަޅުތަކުގައި ހުންނަ ބައެއް ބަހުގެ މައްސަލަތައް ސޯޝަލް މީޑިއާގައި ބެލެނިވެރިން ގެންދަނީ ފާހަގަ ކޮށް އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓެލިކިލާހުގެ ސެޝަނެއްގައި ދިވެހި ބަހުގެ ލަފްޒެއް ނުބައިކޮށް ބޭނުންކުރުމާ ގުޅިގެންނާއި ވަކިރަށެއްގައި ބޭނުންކުރާ ބަހުރުވައެއް ކިޔަވާދިނުމުގައި ބޭނުންކޮށްފައިވާތީ ސޯޝަލް މީޑިއާގައި އަންނަނީ އެކަމަށް ފާޑުކިއަމުންނެވެ.

މިކަމާގުޅިގެން މިނިސްޓްރީން ވިދާޅުވީ ކްލާސްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ޢިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ސްކޫލްތައް ބަންދުކުރުމާ ގުޅިގެން ފެށި ޓެލިކިލާސްތައް ލޮކްޑައުންއާ ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު މިދިޔަ މޭއި މަހުގެ 25 ވަނަ ދުވަހު އަލުން ވަނީ ފަށާފައެވެ. އަމިއްލަ ގޭގައި ތިބެގެން މުދައްރިސުން ބުރަ ކޮށް މަސައްކަތް ކޮށްގެން މި ކުލާސްތަކަށް ތައްޔާރުވަމުން އަންނަ އިރު މިނިސްޓްރީން ވިދާޅުވީ ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަވުމަކީ ރަނގަޅުކުރަން ލިބޭ ފުރުސަތެއްކަމަށް ޤަބޫލުކުރައްވާކަމަށާއި މީގެ ކުރިން މިފަދަ މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ޓެލިކިލާސްތައް ރިކޯޑުކުރަނީ ރާއްޖޭގެ އެކި ސްކޫލްތަކުންކަމަށާއި ރިކޯޑުކުރުމަށްފަހު 3 މަރުޙަލާއެއްގައި ކުލާހުގެ ވީޑިއޯތަކުގެ ކުށް ހުރިތޯ ބެލުމަށް މަސައްކަތްކުރައްވާކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ރިކޯޑުކުރާ ސްކޫލުގައިވެސް ވީޑިއޯ ބެލުމަށް ވަކި މީހަކު ހުންނަކަމަށާއި އެސްކޫލްގެ މަސައްކަތްތައް ކޯޑިނޭޓުކުރާ އިތުރު ސްކޫލަކުންވެސް ރިކޯޑިން ބެލުމަށްފަހު މިނިސްޓްރީއާ ހަމައަށް އައުމުން މިނިސްޓްރީގެ ފަރާތުންވެސް ވީޑިއޯ ބަލާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.