English Edition
Dhivehi Edition

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ވާދަނުކުރެވޭނެކަން އަންގައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއި ކުރައްވައި މަހްލޫފަށް ރޭ ފޮނުއްވި ސިޓީގައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ(ކ، އއ، އދ، އަދި ވ) ރައީސް ކަމަށް ވާދަކުރެއްވުމަށް މަހްލޫފް ކުރިމަތިލެއްވި ނަމަވެސް އެ އިންތިޚާބަށް ކުރިމަތި ލުމުގެ ޝަރުތު ހަމަ ނުވާ ކަމަށެވެ.

މަހްލޫފްގެ ޝަރުތު ހަމަނުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މަހުލޫފްގެ މައްސަލައެއް އޮތްކަމަށް އެ ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާތީ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިރާތަކުގެ ލީޑާޝިޕް ކަނޑައަޅަން ބާއްވާ ޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވަން ނިންމައިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ. އަދި އިއްޔެ އެމްޑީޕީގެ ސެކްރެޓޭރިއަޓުން އިންތިހާބުގައި ވާދަކުރެވޭނެ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފައިވާއިރު އެ ލިސްޓުގައިވެސް މަހްލޫފުގެ ނަމެއް ނެތެވެ.