ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ބައެއް މެންބަރުންތަކަކަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާ، އަމާޒުވުމުގެ ކުރިން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީ އާއި ހިއްސާކޮށްފައިވާކަމަށްވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން އިލްޔާސް އާއި ސުވާލުކުރައްވާފައިވާއިރު އޭނާވަނީ ތަހުގީގަށް ބަޔާންވެސް ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖާލްސާ ގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ރާއްޖޭގައި މީހުންނަށް ދިރިހުރުމުގެ ހައްގު ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ. އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތުކުރެވޭ ކަމަށެެވެ.
އިތުރަށް އިލްޔާސް ވިދާޅުވީ އެފަދަ ހަމަލާތައް ރާވައި ހިންގާ މީހުންނަކީ ކޮބައިކަން ބަލައި އެމީހުން ހައްޔަރުކޮށް އިންސާފުގެ ގެންނަންޖެހޭ ކަމަށެެވެ. އެހެންނޫންނަމަ އެއްވެސް ރައްޔިތަކަށް މިނިވަންކަމާއެކު ހަމަޖެހިލައިގެން ރާއްޖޭގައި އުޅެވޭނެކަމަށް ގަބޫލުނުކުރައްވާކަމަށްވެސް އިލްޔާސްވަނީ ވިދާޅުވެފައެވެ،
ރާއްޖޭގައި ހަރުކަށި ފިކުރު އިންތިހާއަށް ފެތުރި، މީސް މީޑިއާގައި ކާކު ކަން އެނގޭ ގޮތަށް ބައެއް މީހުން “ކާފަރު ކުރަމުންދާ” ކަން ފާހަގަކޮށް އިލްޔާސް ވިދާޅުވީ ވަކި ބަޔަކު މަރާލަން ޖެހޭ ކަމަށް ބުނެ ބައެއް މީހުން މީސްމީޑިއާގައި ޕޯސްޓް ކޮށްފައިވާކަމަށެވެ. އަދި މި ކަންކަން ހުއްޓުވައި އަމާން މާހައުލެއް ދިވެހި ރައްޔިތުންނާއި،ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ކަށަވަރު ކޮށްދޭން ޖެހޭކަމަށް އިލްޔާސް ވިދާޅުވިއެވެ.