އިންތިގާލީ މަރުހަލާގައި ލިޔެކިއުންތައް ނައްތާލާނީ ގޯސްތައް ފޮރުވަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ތުހުމަތުކުރައްވައިފިއެވެ.
މިއަދު، ންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވައިލާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ.
އެ ގަރާރުގެ ބަހުސްގައި އިލްޔާސް ލަބީބު ވިދާޅުވީ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ އެއްވެސް ލިޔެކިއުމެއް ނައްތާލުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. ދެން އަންނަ ސަރުކާރުން ބަލަންޖެހޭ ހާލަތެއް ދިމާވެއްޖެ ނަމަ އެ ލިޔެކިއުންތައް ފެންނަން އޮންނަން ޖެހޭނެކަން ފާހަގަކުރައްވަމުން އިލްޔާސް ލަބީބު ވިދާޅުވީ ސަރުކާރުގެ އެފަދަ ލިޔެކިއުންތަކަކީ އަމާނާތްތެރި ކަމާއެކު ބަލަހައްޓައި ރައްކާތެެރި ކުރަން ޖެހޭ ލިއުންތަކެއް ކަމަށެވެ.
މީގެ އިތުރުން އިލްޔާސް ވިދާޅުވީ ސަރުކާރު ބަދަލުވަމުން އަންނަ އިރު އެއް ސަރުކާރުން އަނެއްް ސަރުކާރަށް ލިޔެ ކިއުންތައް އަމާނާތް ތެރިކަމާއެކު ހަވާލު ކުރަން ޖެހޭނެކަމަށެވެ.
އިލްޔާސް މިހެން ވިދާޅުވެފައިވާއިރު އިއްޔެ ސޯޝަލްމީޑިއާގައިވަނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ކަރުދާސްތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުކޮށްލާފައެވެ. ސިމެންތި ގަށާ މެޝިނަކުން ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ވީޑިއޯ ނެގި އެފްއެސްއެމްގެ މުވައްޒަފު ވަނީ ސަސްޕެންޑްކޮށްފައެވެ.