English Edition
Dhivehi Edition

އަފްޣާނިސްތާންގެ އެއްވެސް މީހަކަށް އަނިޔާވެރިވުމެއް ނެތް ކަމަށާއި ހަނގުރާމަ ނިމިއްޖެކަމަށް، ތާލިބާން ޕޮލިޓިކަލް އޮފީހުގެ ތަރުޖަމާން މުހައްމަދު ނައީމް ވިދާޅުވެއްޖެއެވެ،

އަފްޣާނިސްތާނުގެ 34 ޕްރޮވިންސުގެ ތެރެއިން 26 ޕްރޮވިންސެއްގެ ވެރިރަށް ތާލިބާނުން ވަނީ ފާއިތުވި ދެ ހަފްތާ ތެރޭގައި އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި އިއްޔެ ތާލިބާން މެމްބަރުން ވަނީ ކާބުލްވެސް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

އަނެއްކާވެސް ތާލިބާނުންގެ ވެރިކަމެއް އަފްޣާނިސްތާންގައި ގާއިމު ވެގެން ދިއުމުގެ އެންމެ ފަހުގެ މަރުހަލާގައި އޮތްއިރު ތާލިބާނުން މުޅި އަފްޣާނިސްތާނާއި ރިޔާސީ ގަނޑުވަރުވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

އަފްޣާނިސްތާން ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިއުމަށްފަހު، ތަރުޖަމާން މުހައްމަދު ނައީމް އަލްޖަޒީރާއަށް ވިދާޅުވީ އަފްޣާނިސްތާނަށް ބީރައްޓެހިން އަރައި ފެށި ހަނގުރާމަ 20 އަހަރަށް ފަހުން ނިމުމަކަށް އައިސްފައިވާކަމަށެވެ. އަދި އަފްޣާން ރައްޔިތުންނަށް ތާލިބާނުން މިނިވަންކަން ހޯދައިދީފިކަމަށް ތަރުޖަމާން މުހައްމަދު ނައީމް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މުހައްމަދު ނައީމް ވިދާޅުވީ ތާލިބާނުން، އަފްޣާންގެ އޮފިޝަލުންނާ މުއާމަލާތްކޮށް މަޝްވަރާކުރާނެ ކަމަށާއި އަދި އެމީހުންނަށްވެސް އެއްވެސް ގެއްލުމެއް އަނިޔާއެއް ނުކުރާނެކަމަށެވެ. އަދި ކާބުލްގައި ހުރި ބޭރު ގައުމެއްގެ އެމްބަސީއަކަށް އަދި އޮފީހަކަށްވެސް ތާލިބާނުން އެއްވެސް ގެެއްލުމެއް ނުދޭނެ ކަމަށާއި އޮފިޝަލަކަށް އަނިޔާއެއް ޖެއްސުމެއް ވެސް ނުކުރާނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އަފްޣާންގައި އެމީހުން އިތުބާރާއި ހިތްހަމަޖެހުމާއެކު ތިބެންވީ ކަމަށެވެ.