English Edition
Dhivehi Edition

ޕެނަލްޓީ ޖަހައިގެން 6-5 އިން ވިޔަރެއާލް ބަލިކޮށް ޗެލްސީން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

މިއީ ޗެލްސީން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފުރަތަމަ ހޯދީ 1998 ވަނަ އަހަރު އެވެ. އޭގެފަހުން، ދެން ކުޅެވުނު ތިން ފައިނަލްގައި ކުރިމަތިވީ ނާކާމިޔާބީއެވެ.

އުތުރު އަޔަލެންޑްގެ ބެލްފާސްޓްގައި 13 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗުގެ 27 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޗެލްސީންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ މޮރޮކޯގެ މިޑްފީލްޑަރު ހަކީމް ޒިޔެޗް އެވެ. މިއީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ކާއީ ހަވާޓްޒް ދިން ބޯޅައަކުން ޒިޔެޗް ކާމިޔާބުކުރި ގޯލެކެވެ.

އޭގެކުރީން، ޗެލްސީގެ ފޯވާޑް ޓިމޯ ވާނާ އާއި އެންގޯލޯ ކާންޓޭގެ އިތުރުން ކާޓް ޒޫމާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ލަނޑުޖެހި ޒިޔެޗްގެ ކޮނޑުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރިއިރު، މި ހާފުގެ އިތުރުވަގުތުގައި ވިޔަރެއާލްގެ ފުލްބެކް އަލްބާޓޯ މޮރޭނޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީގެ ލީޑް ފުޅާކުރުމަށް ހަވާޓްޒް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީ ދާގަނޑަށް އަމާޒުވެފައިވާއިރު، ވިޔަރެއާލްގެ ފޯވާޑް ޖެރާޑް މޮރޭނޯ ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ މަތަކުރުމުން ދިޔައީ ގޯލްގެ ދަނޑީގައިޖެހިފައެވެ. އެ ޓީމުން އެއްވަރުކުރި ލަނޑުޖެހީ 73 ވަނަ މިނެޓުގައެވެ. މިއީ ޗެލްސީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޖެރާޑް މޮރޭނޯ އާއި ބޫލަޔޭ ޑިއާ ގުޅިގެން އުފެއްދި ހަމަލާއަކުން މޮރޭނޯ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ވެސް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. އިތުރުވަގުތުގެ ދެވަނަ ހާފުގައި ޗެލްސީގެ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް ފޮނުވާލި ބޯޅަ ވިޔަރެއާލްގެ ކީޕަރު ސާޖިއޯ އަސެންހޯ މަތަކުރިއެވެ. ޕެނަލްޓީ ޝޫޓްއައުޓް އަށް ތައްޔާރުވުމުގެ ގޮތުން ވިޔަރެއާލުން ބަދަލުތަކެއް ގެނައިއިރު، އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ޗެލްސީގެ ކީޕަރު މެންޑީގެ ބަދަލުގައި އެ ޓީމުގެ ސްޕެއިން ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ ކުޅެން އެރުވުމެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޗެލްސީން ފޮނުވާލި ހަތް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ހަވާޓްޒް ޖެހި ފުރަތަމަ ޕެނަލްޓީ އެކަންޏެވެ. އެ ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ، މާކަސް އަލޮންސޯ، މައުންޓް، ޖޯޖީނިއޯ، ކްރިސްޓިއަން ޕުލިސިޗް އަދި އެންޓޯނިއޯ ރުޑިގާ އެވެ.

ވިޔަރެއާލުން ޖެހި ހަތް ޕެނަލްޓީގެ ތެރެއިން އައިސާ މަންޑީ އާއި އެ ޓީމުން ޖެހި ފަހު ޕެނަލްޓީ ކެޕްޓަން ރައުލް އަލްބިއޯ ފޮނުވާލުމުން ޗެލްސީގެ ކީޕަރު ކެޕާ މަތަކުރިއެވެ. ވިޔަރެއާލަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މޮރޭނޯ، ޕާވިސް އެސްޓޫޕިއާން، ހުއާން ފޮއިތު، މޮއި ގޯމޭޒް އަދި ޑެނިއަލް ރާބާ އެވެ.