English Edition
Dhivehi Edition
އުމަރު ނަސީރު

ރާއްޖޭގައި އިންޑިއާގެ ސިފައިން އަނބުރާ ގެންދިޔުމުގެ އެއްބަސްވުމާ އެއްގޮތަށް އެންމެ ފަހު ބެޗް އިއްޔެ ފުރައިގެން ގޮސްފައި ވީ ނަމަވެސް، އިންޑިއާގެ ނޭވީ ސިފައިންނާއި އާލާތްތައް އަދިވެސް ރާއްޖޭގައި ތިބި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

“އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ނަސީރު ވިދާޅުވީ، ޑޯނިއަރ އާއި ހެލިކޮޕްޓަރާއި ރޭޑާ ސްޓޭޝަންތައް ހިންގުމަށް އިންޑިއާގެ ނޭވީ ސިފައިންގެ ހަރަކާތްތައް ރާއްޖޭގައި އަދިވެސް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން، އިންޑިއާގެ ސިފައިން ރާއްޖެއިން ފުރިހަމައަށް ގޮސްފައިވާ ކަމަށް ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިޚާބުގެ ވައުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުން ހިމެނެއެވެ. އެގޮތުން މިދިޔަ މާޗް މަހާއި މިދިޔަ މަހު ވަނީ ބައެއް ސިފައިން އަނބުރާ ފޮނުވާލާފައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މީގެ ކުރިން ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިންނެވެ. އެ ބޭފުޅުންނަކީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާގެ ހިންގުމާއި ބެލެހެއްޓުމުގައި މަސައްކަތްކުރައްވާ ބޭފުޅުންނެވެ.

އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ސަލާމަތީ ކަންކަމުގައި އިންޑިއާގެ ބައެއް ސިފައިން އަދިވެސް ދެމިތިބޭ ކަމަށް އުމަރު ނަސީރުގެ ޕޯސްޓުން ހާމަވެއެވެ. އެހެން ކަމުން، އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ބުނެފައިވާ ވާހަކަ ފުރިހަމައަށް ރަނގަޅު ނޫންކަން އުމަރު ފާހަގަކޮށްފައިވެއެވެ.