English Edition
Dhivehi Edition

ރާއްޖޭގައި އުފެއްދި ފުރަތަމަ މިޔުޒިކް ސްޓްރީމިންގ އެޕް “ލަވަފޮށި” މިއީ މިހާރު ރާއްޖޭގެ ގިނަ ޒުވާނުންގެ މެދުގައި މަޝްހޫރު ވަމުން އަންނަ ގިނަ ދިވެހި ރަހަތަކެއް ހިމެނޭ ސަތޭކަ ޕަސެންޓް”ދިވެހި” އެޕެކެވެ. މިއަހަރުގެ އޮގަސްޓް މަހު ލޯންޒުކުރި ލަވަފޮށީގައި ދިވެހި ރަހައިގެ ގިނަ ބާވަތްތައް އެބަހުއްޓެވެ. އިހުގެ މުސްކުޅި ދިވެހި ލަވައިން ފެށިގެން މިހާރުގެ ލަވަތަކެވެ. ދިވެހި ވާހަކަ ތަކާއި މަދަޙަ އާއި ދީނީ އެކިއެކި މައުލޫމާތާއި ދުޢާތަކެވެ. މަޝްހޫރު ފަންނާނުންގެ ތެރެއިން އެންމެ މަގުބޫލު ފަންނާނެއްގެ ލަވަ އަޑުއަހައި ލުމަށް ލަވަފޮށި ވަރެއް ހަމަނެތެވެ. ގޫގުލް ޕްލޭއިން ނުވަތަ އެޕް ސްޓޯރ އިން ފްރީކޮށް ޑައުންލޯޑް ކުރެވެން ހުރި މި އެޕް ފޯނަށް އަޅާލުމުން މިއޮތީ ދިވެހި ރަހަތަކުގެ ތެރެއަށް ވަދެވިފައެވެ.

ލަވަފޮށި އެޕްލިކޭޝަނަކީ ދިވެހިންގެ ތެރޭގައި މިހާރު ވަރަށް މަޤުބޫލުކަން ހޯދާފައިވާ އެޕެކެވެ. މުނިފޫހިފިލުވުމަށް ލަވަފޮށީގެ ބޭނުން ހިފާ މީހުން މަދެއް ނޫނެވެ. ހަމަ އެކަނި ދިވެހިރާއްޖެއަކު ނޫނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައިވެސް މި އެޕް ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ.

ލަވަފޮށީގެ ކޯފައުންޑަރ އަދި ސީ.ޓީ.އޯ އަލީ ހާރިސް “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނީއަމިއްލަ ޚިޔާލަކަށް އެމީހުންގެ ގުރޫޕުން އުފެއްދި މި އެޕަށް ހީކުރި ވަރަށް ވުރެންވެސް ބޮޑަށް ތަރުހީބު ލިބެމުންދާކަމަށެވެ. މި އެޕް، އެންޑްރޮއިޑް އަދި އައި އޯ އެސް ޑިވައިސް ތަކުން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހިން “ލަވަފޮށި” ވަރަށް ބޮޑަށް ބަލައިގަންނަމުން އަންނަކަމަށެވެ.

“މިއީ ދިވެހީންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ވަޞީލަތެއް. ދިވެހި ލަވައިގެ އެންމެ ބޮޑު ކަލެކްޝަން ލިބޭނެ ހަމައެކަނި ވަޞީލަތަކީ ލަވަފޮށި ” ކަމަށް ހާރިސް ބުންޏެވެ.

“ލަވަފޮށީގައިވާ ލަވަތައް އޮފްލައިން ކޮށްވެސް އަޑު އަހާލެވޭނެ. ކޮންމެ ފަހަރަކު އެއްޗެއް އަޑުއަހާލުމަކަށް އިންޓަނެޓް ބޭނުމެއް ނުވާނެ. އެޕްލިކޭޝަން މެދުވެރިކޮށް ލަވަތައް އެ އެޕްލިކޭޝަނަށް ޑައުންލޯޑުކޮށްގެން އިންޓަނެޓް ނުލިބޭ ވަގުތު ތަކުގައިވެސް އަޑުއަހާލެވޭނެ. އަމިއްލަ ޕްލޭލިސްޓް ހަދާ އެ ޕްލޭލިސްޓް މަޝްހޫރު ކުރުވުމުގެ ފުރުޞަތުވެސް މި އެޕްލިކޭޝަނުން ލިބިގެންދާނެ.” ހާރިސް ބުންޏެވެ.

މިއެޕަކީ ލަވަފޮށީގެ ސީއީއޯ އަބްދުﷲ ނާޒިމްގެ އަމިއްލަ ޚިޔާލަކަށް އެމީހުންގެ ގުރޫޕުން އުފެއްދި ފުރިހަމަ އެޕެކެވެ. ސަތޭކަ ޕަސެންޓް ދިވެހި އުފެއްދުމެއް ކަމަށްވާ ލަވަފޮށީގައި ރާއްޖޭގެ 300 އަށްވުރެ ގިނަ އާޓިސްޓުންގެ 10،000 އަށްވުރެ ގިނަ ލަވަ ހިމެނެ އެވެ. އޭގެ ތެރޭގައި ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި އުފައްދާފައިވާ ލަވަތައް ހިމެނޭނެ އެވެ. އެ އެޕްލިކޭޝަންގައި ހުރިހާ ލަވައެއްވެސް ހިމަނާފައިވަނީ އެ ލަވައެއްގެ އަސްލު ހެދިމީހުންގެ ހުއްދަ އާއި އެކު އެންމެ ރަނގަޅު ކޮލިޓީގަ އެވެ. ފަންނާނުންނަށާއި ލަވަޔަށް ލޯބިކުރާ ފަރާތްތަކަށް މަންފާ ލިބެނިވި ގޮތަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް މިޔުޒިކާއި ލަވަ އުފައްދާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ގޮތްތަކާއި އުފެއްދުންތަކަށް މަޤްބޫލުކަން އިތުރު ކުރެވޭނެ މަގު ތަނަވަސްކޮށްދީފައި ވެއެވެ.

ލަވަފޮށްޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އެ ޕްލެޓްފޯމްގައި ހިމެނޭ އޯޑިއޯ ކޮންޓެންޓް ރައްކާތެރިކުރެވި އެއިން ނާޖާއިޒް ފައިދާއެއް އެހެން ފަރާތަކަށް ނެގިދާނެ މިންވަރު ވަރަށް ބޮޑުތަން ކުޑަކުރެވިފައިވާ ޕްލެޓްފޯމެކެވެ. އެހެންކަމުން މި ޕްލެޓްފޯމަށް ކޮންޓެންޓް ލިބުމުގައި އެއްވެސް ހުރަހެއް ނެތްކަމަށާއި އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ޔަޤީންކަމާއި އިތުބާރު މިހާރުވެސް ލިބިފައިވާ ކަމަށް ލަވަފޮށި ޓީމުން ބުނެ އެވެ.

މުޅިން ހިލޭ ލިބޭ މި އެޕުގައި އަލަށް ތައާރަފް ކުރާ ޚާއްޞަ ފީޗާރސް ތައް ކުޑަ އަގެއްގައި، ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ވެސް ލިބޭ ގޮތަކަށް ފަރުމާ ކުރަމުން އަންނަ ކަމަށް މި ޓީމުން ބުނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި މި ފީޗަރސްތައް ވެސް ލޯންޗުކުރުމަށް ލަވަފޮށިން އަންނަނީ ތައްޔާރުވަމުންނެވެ.

ލަވަފޮށްޓަކީ އެންމެ ކުރީގެ ލަވަތަކާއި އެންމެ ފަހުގެ ލަވަތައްވެސް ލިމިޓެއް ނެތި ރަގަޅު ކޮލިޓީގައި އަޑު އަހާލުމުގެ ފުރުޞަތު ލިބިގެންދާ ވަޞީލަތެކެވެ. ދުނިޔޭގެ މަޝްހޫރު ސްޕޮޓިފައި، ގާނާ ޑޮޓްކޮމް ފަދަ ސްޓްރީމިންގ ޚިދުމަތްތަކާ އެއްފެންވަރަށް ތަރައްޤީކުރުމުގެ ވިސްނުމާއި މަސައްކަތް ލަވަފޮށި ޓީމުން މިހާރުވެސް ދަނީ ކުރަމުންނެވެ.

ޓެގު