English Edition
Dhivehi Edition

ރާއްޖޭގެ ޒުވާނުންތަކެއް އިސްނަގައިގެން އުފައްދދާފައިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯޑްފްލައި ޕްރައިވެޓް ލިމިޓެޑްގެ ރަސްމީ މީޑިއާ އަކަށް އޭއޯނިއުސް ހަމަޖައްސައިފިއެވެ.

ކޯޑުފްލައިއާއި އޭއޯނިއުސްގެ ފަރާތުން ޚިދުމަތް ބަދަލުކުރުމާ ބެހޭގޮތުން އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ކޯޑްފްލައިގެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އިނާދެވެ. އޭއޯ ނިއުސްގެ ފަރާތުން ސޮއިކުރެއްވީ ނޫހުގެ ސީއީއޯ ޝިމްލާ އަޙްމަދެވެ.

ރާއްޖޭގެ ލަވަކިޔުންތެރިންނާއި ލަވަ އުފައްދާ ފަރާތްތަކާއި އޯޑިއޯ އުފައްދާ ފަރާތްތަކަށް ނަފާ ލިބޭގޮތަށް ދިވެހި މިޔުޒިކާއި ދިވެހި އޯޑިއޯ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ސްޓްރީމްކުރުމަށް ރާއްޖޭގައި މިހާތަނަށް ޤާއިމްކޮށްފައިވާ އެންމެ ބޮޑު ދިވެހި އޯޑިއޯ ސްޓްރީމިން ޚިދުމަތް “ލަވަފޮށި ޑޮޓްއެމްވީ” ގެ ގިނަ މަސައްކަތް ކޮށްފައިވަނީ ވެސް ކޯޑްފްލައިންނެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މިފަދަ މުހިއްމު އިތުރު އެޕްސް ތައް މި ކުންފުނިން ވަނީ އުފެއްދުމަށް ތައްޔާރުވަމުންނެވެ.

މިގޮތުން ކޯޑްފްލައިގެ އުފެއްދުންތައް އައްޑޫސިޓީގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް އޭއޯނިއުސް އިން ކުރާނެއެވެ. މީގެ އިތުރުން އޭއޯ ނިއުސްގައި ހިމެނޭ ވާހަކަ ފަދަ ކޮންޓެންޓްތައް ލަވަފޮށި އެޕްސްގައި ހިއްސާކުރެވޭނެއެވެ.

ލަވަފޮށި ޑޮޓް އެމްވީ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އެ ޕްލެޓްފޯމްގައި ހިމެނޭ އޯޑިއޯ ކޮންޓެންޓް ރައްކާތެރިކުރެވި އެއިން ނާޖާއިޒް ފައިދާއެއް އެހެން ފަރާތަކަށް ނެގިދާނެ މިންވަރު ވަރަށް ބޮޑުތަން ކުޑަކުރެވިފައިވާ ޕްލެޓްފޯމެކެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސްޓްރީމިން މިއުޒިކް ހިދުމަތް ކަމުގައިވާ ލަވަފޮށި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ތެރޭގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. ދިހަ ހާހަށްވުރެ ގިނަ ދިވެހި ލަވައާ އެކު “ލަވަފޮށި ޕްރިމިއަމް” ގެ ޚިދުމަތް މިދިޔަ ޑިސެމްބަރު މަހުގައި އުރީދޫ މޯލްޑިވްސް އާއެކު ވަނީ ފަށާފައެވެ.

މި ހިދުމަތް ސަބްސްކްރައިބް ކޮށްގެން ބޭނުންކުރުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ލިބިގެންދާއިރު އުރީދޫގެ ކަސްޓަމަރުންނަށް “ލަވަފޮށި ޕްރިމިއަމް” އިތުރު އެއްވެސް އަގަކާނުލާ އުރީދޫ 4G+ ނެޓްވޯކުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި އެޕްގެ އެޑެޕްޓިވް ސްޓްރީމިން ފީޗަރ މެދުވެރިކޮށް، ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލާ، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާ ނުލާ އޮފްލައިންކޮށް ވެސް އަޑު އަހާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.