English Edition
Dhivehi Edition

މަޝްހޫރު ލަވަކިއުންތެރިޔާ މޫޝާން މުބާރިކް، (މުންމު) އަމިއްލަ ނަމުން ނަންދީފައިވާ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް ނެރެފި އެވެ.

ދިވެހި އަމިއްލަ ރާގުގެ 6 ލަވައާއި، 2 ލަވައެއްގެ ރިމިކްސްއާއިއެކު ޖުމްލަ 8 ލަވަ ހިމެނޭ އަލްބަމް ނެރެފައިވަނީ އެކަމަށް ޚާއްޞަކޮށްގެން، އިއްޔެ ރޭ ސީހައުސްގައި ބޭއްވި އިވެންޓުގައެވެ.

އަލްބަމް ރިލީޒް ކުރުމަށް ބޭއްވި އިވެންޓުގައި މޫޝަން ވަނީ އޭނާގެ އަލްބަމް ސްޓްރީމްކުރުމުގެ އެކްސްކްލޫސިވް ރައިޓްސް، ދިވެހި ލަވަތައް ސްޓްރީމްކުރާ “ލަވަފޮށި” އެޕްލިކޭޝަނާ ޙަވާލުކޮށްފައެވެ. އެހެންކަމުން އަލްބަމް ގައި ހިމެނޭ ލަވަތައް މި އެޕްލިކޭޝަނުން ބަލައިލެވޭނެކަމަށް މޫޝަން ބުންޏެވެ.

އަމިއްލަ ރާގުގެ ހިތްގައިމު އަށް ލަވަ ހިމެނޭ މި އަލްބަމްގައި މޫޝަން ކުރިން އާންމުންނަށް ދޫކޮށްލައިފައިވާ ވަރަށް މަގުބޫލް ދެ ލަވައެއް ހިމެނެ އެވެ. އެއީ “ރަންނަމާރި” އާއި ވީޑިއޯ ލަވައެއްގެ ގޮތުގައި ގެނެސް ދިން “ރީތިކަން” އެވެ. އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން ދެ ލަވައެއް ވަނީ ބޭރުގެ ޑީޖޭއެއް ކަމަށްވާ އޮސްޓުން ލީޑްސްއާ އެކު ރިމިކްސްކޮށްފަ އެވެ. އެ ދެ ލަވައަކީ “ރީތިކަން” އާއި “އިހުސާސް” އެވެ.

މޫޝަން މުބާރިކްގެ ފުރަތަމަ އަލްބަމަށް އޭނާގެ އަމިއްލަ ނަމުން ނަން ދީފައިވާއިރު، އަލްބަމް ތައްޔާރުކުރުމުގައި ޒަމާނާއި ގުޅޭގޮތަށް ލަވަތައް ބައްޓަންކުރުމަށް މަސައްކަތްކޮށްފައިވާކަމަށް މޫޝަން ބުންޏެވެ.

މި އަލްބަމްގައި ހިމެނޭ ލަވަތަކުގެ މިއުޒިކާއި ޅެން ހެދުމުގައި މިދާއިރާގެ ފުންނާބުއުސް މީހުންގެ އެހީތެރިކަން ލިބިފައިވާކަން މޫޝަން ފާހަގަކުރިއެވެ. އަދި މި މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް އޭނާގެ ފަރާތުން ހަނދާނީ ލިޔުމާއި، ހަނދާނީ ފިލާ ޙަވާލުކޮށްފައިވެއެވެ.

މޫޝާންގެ ލަވަތައް ކުޅޭ ބޭންޑު، މޫޝާން އެންޑް ފްރެންޑްސް އަކީ ދިވެހިންގެތެރޭގައި މަޤްބޫލު ރީތި ލަވަތަކެއް ގެނެސްދީފައިވާ ބޭންޑެކެވެ.