English Edition
Dhivehi Edition
މަހްލޫފު މިނިވަން ކުރުމުން، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ:/މިހާރު

މަހްލޫފްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް، އެމްއެމްޕީއާރްސީގެ މައްސަލަ ދިރާސާ ކުރާ ޕްރޮސެކިއުޓަރުންގެ ކޮމެޓީން ޕީޖީ ޝަމީމަށް ލަފާ ދިނުމުން އެމީހުންގެ އަތުން މައްސަލަ ނަގައި އެހެން ބަޔަކާއި މައްސަލަ ހަވާލު ކޮށްފައިވާ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން މަހްލޫފުގެ މައްޗަށް ކޮށްފައިވާ ތުހުމަތާއި ގުޅިގެން، އެ މައްސަލަ އަވަހަށް ބަލައި ދިނުމަށް މަހްލޫފު އެދިފައިވާއިރު، މައްސަލަ ދިގުލައިގެން ދާތީ އޭނާވަނީ ޕީޖީ އާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޓުވިޓްކޮށްފައެވެ.

މި ގޮތުން މަހްލޫފްކުރި ޓުވިޓެއްގައި ވިދާޅުވީއޭނާގެ މައްސަލައިގައި ގިނަ ވެގެން ހަދުވަސް ތެރޭގައި ގޮތެއް ނިންމާނެކަމަށް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވެފައިވާކަމަށާއި އެހެންނަމަވެސް މައްސަލަ ޕީޖީގައި އޮންނަތާ 60 ދުވަސް ވެގެން ދިޔައިރު ވެސް ގޮތެއް ނުނިންމޭ ކަމަށެވެ.

މަހްލޫފްގެ ކޮއްކޮ އެސްއޯއެފް އިން ޑޮލަރު މާރު ކުރިކަމަށް އެސްއޯއެފްގެ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ދީފައިވާ ބަޔާނުގައި ވެސް ބުނެފައިވާކަން ފާހަގަކޮށް މަހްލޫފު ވިދާޅުވީ އޭނާ އާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް އާއި ދެމެދު ހިންގާފައި ވަނީ ސައްހަ މުއާމަލާތެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީގެ އޮފީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖޫން މަސްތެރޭގައެވެ.