English Edition
Dhivehi Edition
މަހްލޫފް
ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއަދު ބޭއްވި ޖަލްސާގައި މަހުލޫފަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އޭނާގެ ނަން ދިރާސާކޮށްފައި ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންނެވެ.

ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފް ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަހުލޫފް، ދާދި ފަހުން ވަނީ ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އާ ގުޅިވަޑައިގެންފައެވެ. އޭނާ ޕީއެންސީއަށް ސޮއިކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ މަހު ބޭއްވި ބޮޑު ޖަލްސާއެއްގައެވެ.

މަހުލޫފްގެ އިތުރުން ފަލަސްތީނާއި އުރުދުންއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުންނަށް ރުހުން ދިނުމަށް ވެސް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން ފަލަސްތީނަށް ކަނޑައަޅާ ސަފީރަކަށް، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އައްޔަނުކުރަން 62 މެންބަރުން ވޯޓު ދެއްވިއިރު، އުރުދުންގެ ސަފީރަކަށް އެ މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އައްޔަނުކުރުމަށް ފާސްކޮށްފައި ވަނީ 63 މެންބަރުންގެ ވޯޓުންނެވެ.