English Edition
Dhivehi Edition

ކޮވިޑް-19ގެ އާލަމީވަބާ ފެތުރުނީއްސުރެން އެންމެ ގަދަޔަށް ދެކެވެނު ވާހަކައަކީ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުގެ ވާހަކައެވެ. ގައުމަކަށް ފަހު ގައުމެއް ފުރަބަންދުކުރަމުން ދިޔައިރު، އެންމެންވެސް ބޭނުންވީ އަވަހަށް އެކަމުން ސަލާމަތްވެގަނެ، އިގްތިސާދު ކޮޅަށް ޖެހުމުގެ މަސައްކަތް ކުރާށެވެ. ކޮވިޑް19 ގެ ސަބަބުން ދިރިއުޅުމުގެ ގިނަ ކަންތައްތައް ބަދަލުވެ، ދިރިއުޅުމަށް ގިނަ އަސަރުތަކެއް ކުރިއެވެ. މި ގޮތުން މި ފާއިތުވެ ދިޔަ އަހަރަކީ ތައުލީމީ ގޮތުންވެސް ގިނަ ގޮން ޖެހުންތަކާއި ކުރިމަތިލާންޖެހުނު ހިތްދަތި ދުވަސްތަކެކެވެ.

2020 ވަނަ އަހަރުގެ މާރިޗުމަހުން ފެށިގެން ސްކޫލުތައް ބަންދުވެފައި އޮތުމުގެ ސަބަބުން އެތައް ސަތޭކަ ދަރިވަރުންނަށް ނަފްސާނީ މައްސަލަތަކާއި ކުރިމަތިވިއެވެ. ބައެއް ދަރިވަރުން ބައްޔަށް ފައްސިވެ، ބަލީގެ ވޭން ތަހައްމަލު ކުރަންޖެހުނެވެ.ގެއިން ބޭރަށް ނުކުންނާނެ ފުރުސަތެއް ނުލިބި ގޭގައި ބަންދުވެފައި ތިބި ދުވަސްވަރު އޮންލައިން ޕްލެޓްފޯމްތަކުން ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތް ކެނޑިނޭޅި އެޑިއުކޭޝަން މިނިސްޓްރީއިން ގެންދެވީ ކުރައްވަމުންނެވެ. ޓީޗަރުން އެމީހުންގެ ހުރިހާ ވަގުތެއް ދަރިވަރުންނަށްޓަކައި ހާއްސަކުރިއެވެ. ނަމަވެސް މިއީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމުގައި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރުވެސް ގަބޫލުކުރެއްވިއެވެ.

ގްރޭޑް 10ގެ ދަރިވަރުން މި ޕޭންޑެމިކުގައި ކަންކުރީ ކިހިނެއް؟

އެހެން ގްރޭޑްތަކެކޭ އެއްފަދައިން ކޮވިޑުގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި 10ގެ ދަރިވަރުން ދިޔައީ އޮންލައިންކޮށް ކިޔަވަމުންނެވެ. ސްކޫލުން ނަގައިދިން ފިލާވަޅުތަކާއި، ޓެލެކިލާސް މެދުވެރިކޮށެވެ. އަދި ސްކޫލުތައް ނިއުނޯމަލްގައި ހުޅުވުމާއެކު އަވަސްވެގަތީ އޯލެވެލްގެ ތައްޔާރީތައް ވުމަށެވެ. ކޮންމެއަކަސް، 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ހަދަން އޮތް އިމްތިހާނު 2021 ވަނަ އަހަރުގެ މެއި މަހަށް ފަސްކުރަން މިނިސްޓްރީއަށް މަޖުބޫރުވިއެވެ. ދަރިވަރުންގެ ކިޔެވުން މެދުކެނޑި، އެތަކެއް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވެފައިވާކަން މިނިސްޓްރީއަށްވެސް އިހުސާސްކުރެވުމުންނެވެ.

2021 ވަނަ އަހަރު މެއި މަހުގައި އިމްތިހާން ކުރިއަށް ގެންދަން މިނިސްޓްރީއިން ނިންމާފައި އޮތްވާ ރާއްޖޭގައި ކޮވިޑުގެ ޑެލްޓާ ވޭރިއެންޓް ހަލުވިކަމާއެކު ފެތުރި، އަނެއްކާވެސް ފުރަބަންދަކަށް ދާންޖެހުނެވެ. ރާއްޖޭގެ ގިނަ ރަށްތައް މޮނިޓަރިންއަށް ލައި، ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން ހުއްޓުމަކަށް އައެވެ. މިކަމުގެ އަސަރު ގްރޭޑް 10ގެ ދަރިވަރުންނަށް ކުރީ ނުހަނު ބޮޑަށެވެ. ނަމަވެސް އިމްތިހާނު ކުރިއެކޭ އެއްގޮތަށް ޕްލޭންކުރެވިފައިވާ މުއްދަތުގައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީއިން ނިންމިއެވެ. އަދި ދަރިވަރުންނަށް ރައްކާތެރި މާހައުލެއްގައި އިމްތިހާނު ހެދޭނެގޮތް މިނިސްޓްރީއިން ފަހިކޮށްދެއްވިއެވެ.

10 އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ

ކޮންމެއަކަސް އިމްތިހާނު ނިމި، ނަތީޖާލިބޭ ދުވަސް މިއޮތީ ކައިރިވެފައެވެ. ކޭމްބްރިޖް ވެބްސައިޓުގައިވާގޮތުން މިހިނގާ އޮގަސްޓުމަހުގެ 12 ވަނަ ދުވަހު ނަތީޖާ އިއުލާންކުރެވޭނެއެވެ. ދަރިވަރުން ތިބީ މި ދަތި ދުވަސްވަރު ހެދި ޓެސްޓުގެ ނަތީޖާގެ އިންތިޒާރުގައެވެ. ޓީޗަރުންނާއި ސްކޫލް މެނޭޖުމެންޓްގެ އިތުރުން މައިންބަފައިންގެ އުންމީދުތައް ގުޅިފައިވަނީ ދަރިވަރުންނަށް ލިބޭ ނަތީޖާއާއެވެ. ގާތްތިމާގެ މީހުންނާއި އަވަށްޓެރިން ތިބީ އެމީހުން ފަޚުރުވެރިވާފަދަ ނަތީޖާއެއް ދަރިވަރު ގެންނާނެކަމުގެ އުންމީދުގައެވެ.

ދަރިވަރުންނާއި އެއްވަރަށް ޓީޗަރުންނާއި މައިންބަފައިންވެސް އެމީހުން ކުރި މަސައްކަތުގެ ނަތީޖާ ބަލާލާ ހިތުން ކެތްތެރިވެފައިވާ މި ދަނޑިވަޅު އެއް ކަމެއް ހަނދާންކޮށްލުން މުހިއްމެވެ. ޕޭންޑެމިކެއްގެ ތެރޭގައި، ލޮކްޑައުނެއްގައި ތިބެ، ކްލާސްތައް ފުރިހަމައަށް ނުނެގި އިމްތިހާނުގައި ދަރިވަރުން އިށީނީވެސް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ގިނަ ގޮންޖެހުންތަކަކާއެކު އިމްތިހާނާއި ކުރިމަތިލީ ކުއްޖާއަށް އެންމެ އެދެވޭ ނަތީޖާ ނުލިބުނަސް އޭނަ ބޭނުންވާނީ މައިންބަފައިންގެ ލޯތްބާއި އަޅާލުމެވެ. ގަދަ ދިހައެއްގައި ހިމެނުނަސް، އަދި އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުނަސް، އެ ދަރިވަރު އެދޭނީ މައިންބަފައިންގެ ފަރާތުން ހިތްވަރަށެވެ. ވަރަށްވެސް އަޑުއިވޭ ވާހަކައެކެވެ. “ނަތީޖާއަކީ މުހިންމު އެއްޗެއް ނޫނެކެވެ. ނަތީޖާވެސް މުހިންމެވެ. ނަމަވެސް އޯލެވެލް ނަތީޖާއަކީ ހަމައެކަނި ނަތީޖާކަމަށް ބަލައި، ދަރިވަރުގެ މުސްތަގުބަލަށްޓަކައި އެ ދަރިވަރު ދެކެމުން އައި ފޮނި ހުވަފެންތައް ވިއްސިވިހާލި ވެދީގެން ނުވާނެއެވެ.

ހިސާބުން ފާސްނުވާ ދަރިވަރަކީ މުސްތަގުބަލުގައި އަދަބީ ދާއިރާއިން ވިދާ ބަބުޅާނެ ދަރިވަރަކަށް ވެދާނެއެވެ. ދިވެހިން ފާސްނުވާ ދަރިވަރަކީ ކުރިއަށް އޮތްތަނުގައި ސައިންސްގެ ރޮނގުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ޚިދުމަތްކުރާ ސައިންޓިސްޓަކަށް ވެދާނެއެވެ. ބަޔޮލޮޖީއިން ފާސްނުވާ ކުއްޖާއަކީ މުސްތަގުބަލުގައި ވަރުގަދަ ވިޔަފާރިވެރިއަކަށްވެސް ވެދާނެއެވެ. އޯލެވެލްގެ ނަތީޖާއަކީ ދަރިވަރުގެ ފެންވަރު ވަޒަންކުރާ ހަމައެކަނި އުކުޅަކަށް ވާކަށް ނުޖެހެއެވެ.

6 މާއްދާއިން ފާސް ނުވަންޏާ އޭލެވެލް ހަދަން އުނދަގޫވާނެ ބާ؟

މިއީ ވަރަށް ގިނަ ބެލެނެވެރިންގެ ހިތުގައި އުފެދިފައިވާ ސުވާލެއްކަން ޔަގީނެވެ. ދަންނަވަންތޯއެވެ. ެ. އޯލެވެލްގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި އަމިއްލަ ނަމުގައި ޕްރައިވެޓް ކެންޑިޑޭޓެއްގެ ހައިސއްޔަތުން އޯލެވެލް ހެދޭނެ ގޮތްވެސް އޮތީ ފަހިވެފައެވެ. އަދި އޭލެވެލް މަރުހަލާ ކަޑައްތު ނުކޮށްވެސް ޑިގްރީ ހެދޭނެ ފުރުސަތުތައް އަދުގެ މުޖުތަމަޢުގައި އޮތީ ފަހިވެފައެވއޯލެވެލްއިން ފެއިލްވުމަކީ ނުވަތަ ރަނގަޅު ނަތީޖާއެއް ނުލިބުމަކީ ތިބާގެ ދަރިފުޅުގެ މުސްތަގުބަލަށް އެޅޭ ހުރަހެއް ކަމުގައި ނުދެކޭށެވެ. އޭގެ ބަދަލުގައި ދަރިފުޅަށް ހިތްވަރުދީ، ކުރިއަށްދާން އޮތް މަގުތައް ހޯދައި، ދަރިފުޅަށް ހެޔޮ ރަނގަޅު މަގު ދައްކައިދޭށެވެ. މައިންބަފައިންނަކީ ދަރިވަރުންގެ ‘ސަޕޯޓް ސިސްޓަމް’ ކަމާމެދު އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ. އެކުދިންނަށް ހިތްވަރުދޭށެވެ. ހިތްމަރާ ނުލާށެވެ.

ކޮންމެއަކަސް، އޯލެވެލް ނަތީޖާއަށް އިންތިޒާރުކުރަމުން އަންނަ ކޮންމެ ދަރިވަރަކަށްމެ ބުނެލަމެވެ. “ކުދިންނޭވެ. މިއީ އަދި ހަޔާތުގެ އެއް ސަފުހާއެވެ. މި ސަފުހާ ކަޑައްތުކޮށް ނިމުމުން މުސްތަގުބަލުގައި މައިންބަފައިން ފަޚުރުވެރިވާފަދަ ދަރިއަކަށްވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި އެގޮތުގައި ދެމިހުރުމަށް އަޒުމު ކަނޑައަޅާށެވެ. ހުރިހާ ކުދިންނަށްވެސް ކާމިޔާބީއަށް އެދެމެވެ.”