English Edition
Dhivehi Edition
ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ - ފޮޓޯ: އަވަސް

މިދިޔަ އަހަރުގެ އޮކްޓޯބަރ/ނޮވެންބަރ ގައި އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އަށް މިހާރު ލިބިފައިވާ ކަމަށާއި، ސްކޫލްތަކަށް ސެޓްފިކެޓް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްކޫލްތަކަށް ސެޓްފިކެޓްތައް ލިބުނުހާ އަވަހަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށާއި، ބައެއް ސްކޫލްތަކަށް މިހާރު ސެޓްފިކެޓްތައް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އެއްވެ އުޅުން މަނާކުރެވިފައިވާ މި ހާލަތުގައި ޖިސްމާނީ ގައިދުރުކުރެވެނެ ގޮތުގެ މަތިން ސްކޫލްތަކުން ދަރިވަރުންނަށް ސެޓްފިކެޓްތައް ދޫކުރާއިރު ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލުވެސް ސްކޫލްތަކާއި ހިއްސާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އެ ބަޔާނުގައި އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓްކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށާއި، ސެޓްފިކެޓްތައް ޕްރިންޓް ކުރާނީ ރީޗެކް މަރުހަލާ ނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވީމައި ކަމަށެވެ.

މީގެ އިތުރުން އެ މަރުހަލާ ނިމި ސެޓްފިކެޓްތައް ފޮނުވުމާއި ހަމައަށް އައިއިރު، ކޮވިދް-19ގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެން ގިނަ ޤައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށް އެ ޤައުމްތައް ފުރަބަންދު ކުރުމުގެ ސަބަބުން، ސެޓްފިކެޓްތައް ރާއްޖެއާއި ހަމައަށް ގެނައުމުގައި ގޮންޖެހުންތައް ދިމާވި ކަމަށާއި، ސެޓްފިކެޓްތައް ނުލިބި ލަސްވެފައި ވަނީ އިމްތިޙާނުތައް ފޯރުކޮށްދޭ މައި މަރުކަޒުތަކުން ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތަޢުލީމުގެ ފުރުޞަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ނަތީޖާގެ ކަށަވަރުކަން ޔަޤީންކުރުމަށް އިތުރު ލިޔުމެއް ބޭނުންވާނަމަ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އަށް އެކަމަށް އެދި ހުށަހެޅުމުން އެފަދަ ލިޔުމެއް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އެފަދަ ލިޔުމެއް ހޯދުމަށް އެދި ހުށަހަޅާނީ ޑީޕީއީގެ އީމެއިލް އެޑްރެސް [email protected] އަށެވެ.