English Edition
Dhivehi Edition

ކޮވިޑް19 ގެ ފުރަތަމަ ރާޅާއެކު ދިވެހިންނަށްވެސް މާސްކު އަޅަން މަޖުބޫރިވިއެވެ. ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއް ކަމުގައި ހަދާ އާންމު ތަންތާންގައި މާސްކް ނާޅާނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ސަރުކާރުންވެސް ނިންމިއެވެ. މާސްކު އަޅަން ފެށި ފުރަތަމަ ދުވަސްކޮޅު އެކަމުގެ އުނދަގޫ ގިނަ ބަޔަކަށް އުފުލަންޖެހުނު ނަމަވެސް ބަލިން ރައްކާތެރިވުމަށް މާސްކުގެ މުހިއްމުކަން އެންމެންވެސް ގަބޫލުކުރިއެވެ.

ކޮވިޑް19ގެ ބަލި ފެނިފައިވާ ރަށްރަށުން މާސްކު އެޅުން ފެށިގެން އައި ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެށްގައިވެސް ބަލިން ރައްކާތެރިވުމަށް މާސްކު އެޅުމަށް ކަމާއި ބެހޭ އިދާރާތަކުން ކެނޑިނޭޅި އިލްތިމާޒުކުރިއެވެ. ގިނަ ބަޔަކު މި އިލްތިމާޒުތައް އަޑުވެސް އެހިއެވެ. ހެދުމާއި ގުޅޭ އެކި ޑިޒައިންތަކުގެ މާސްކާއި، ސިއްހީގޮތުން ރައްކާތެރި، އަޅައިގެން އުޅެން ފަސޭހަ މާސްކުތައް އެންމެންވެސް ހޯދިއެވެ. އެހެންނަމަވެސް މިކަން ހިފަހައްޓާލެވުނީ ކުޑަދުވަސްކޮޅަކަށެވެ. ކޮވިޑް19 ގެ ބަލި ފެނިފައިވާ ރަށްރަށުގައިވެސް ބައެއް މީހުން މާސްކު ނާޅާ އުޅޭއިރު ބަލި ނެތް ރަށްރަށުގައި ނުވަތަ މޮނިޓަރިންއަށް ލާފައި ނެތް ރަށްރަށުގައި އެއް ގޮތަކަށްވެސް މާސްކު ނާޅެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އަހަރުގެ ބޮޑު ޗުއްޓީ އާއި އެކު ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގިނަ ބަޔަކު ދަތުރުކުރަމުންދާ މި ދުވަސްވަރުވެސް މާސްކުގެ މުހިއްމުކަމާއި މެދު ވިސްނާލަނީ މަދު ބައެކެވެ. “އަހަރެމެން މާލޭގަ އުޅޭ އިރު ބޭރަށް ނިކުންނަނީ މާސްކު އަޅައިގެން. އެކަމަކު ރަށަށް އައީމަ އެއްވެސް މީހަކު މާސްކު އަޅާތަނެއް ނުފެނޭ. އެހެންވެ އަހަރެމެންވެސް މިހާރު ނާޅަން” ‘އޭއޯ ނިއުސް’ އާއި ވާހަކަދެއްކި އައްޑޫ މީހަކު ބުންޏެވެ. މާސްކު ނާޅާ ސަބަބާއި ބެހޭ ގޮތުން ގިނަ ބަޔަކާއި ސުވާލުކޮށްފައިވާއިރު އެންމެ ގިނަ މީހުންގެ ޖަވާބަކީ ‘ކޮން މާސްކެއް އަޅަނީ؟ މި ރަށަކު ކޮވިޑެއް ނެތް’ މިއެވެ.

މާސްކު އަޅައިގެން އުޅޭ މަދު މީހަކު ފެނުނު ނަމަވެސް އާބާދީގެ ބޮޑު ބައި ‘މާސްކް އެއްލާލައިފި’އެވެ. “ގިނަ ބަޔަކު އެއްތަންވެ ޕިކްނިކް ދަތުރުތަކާއި، އާއިލީ ހަފްލާތަކުގެ އިތުރުން ގިނަ އެއްވުން ތަކެއް ބާއްވާ ހޭދަކުރަމުން ދާ އުފާވެރި ވަގުތުތަކުގައި މާސްކު ނޭޅުމަކީ އެންމެ ރައްކާތެރި ގޮތް ބާ؟ އެންމެ ފަހު މީހާ އާއި ޖެހެންދެންވެސް އަހަރެން މާސްކު އަޅާނަން. އެކަކު ނާޅާތީ، އެހެން އެންމެން މާސްކު ނާޅާ އުޅުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން.” މާސްކު އަޅައިގެން އުޅޭ ޒުވާނަކު ބުންޏެވެ. އޭނާ ބުނީ މިހާރުވެސް ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އިސްވެރިންވެސް މާސްކު ނާޅާ އުޅޭތަން ފެންނަކަމަށެވެ. “މިއީ ވަރަށް ދެރަކަމެއް.ނަމޫނާ ދައްކަންވާ ބޭފުޅުންވެސް އެބަފެނޭ މާސްކު ނާޅާ އުޅޭތަން. މިހާރު ދީފައިވާ ލުއިތަކަކީ ކޮވިޑް ނެތުމުން ދިން ލުއިތަކެއް ނޫން. ބަލި އޮތްކަން އެގޭނީ ސާމްޕަލް ނެގީމަ. ރައްކާތެރި ގޮތަކީ މާސްކު އެޅުން.” އެ ޒުވާނާ ބުންޏެވެ،

ކޮވިޑް19 އާއި އެކު ދިވެހި ހޭދަކުރި އެންމެ ހިތްދަތި ތަޖުރިބާތައް އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އެހެންކަމުން ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައިވެސް މާސްކު އަޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތަކަށްވެސް އަމަލުކުރަން އެބަޖެހެއެވެ. ފަހުންވެސް ރައްކާތެރިކަން އޮތީ މާސްކާ އެކުގައެވެ.

 

1 ކޮމެންޓް
ރައްދެ
އޮގަސްޓް 1, 2021
ކޮވިޑު ޕޮސިޓިވްކޭސްތަކެއް ރަށުގަ އުޅެންޔާ ރަށްއޮންނަނީ މޮނީޓަރިންއަށް ލައިފަ، އެހެންނަމަވެސް ކޮވިޑުކޭސްތައް ރަށުން ހުސްވެ އެތައްދުވަހެއްވެގެންދާއިރުވެސް ރަށް މޮނީޓަރިންއިން ނަގަން ހަނދާނެއްނުހުރޭ، އެހެންވީމަ މިފަހަރު ކޮވިޑުކޭސްތައް ރަށުން ހުސްވީމަ މާސްކު އަޅަން އަހަރެމެންވެސް ހަނދާނެއްނެތް، އަނެއްކާވެސް ޕޮސިޓިވްކޭސް ތަކެއްފެނުނީމަ އަހަރެމެން މާސްކު އަޅާނަން، އޭގެފަހުން ބަލާނަން ކޭސްތައް ހުސްވީމަ މޮނީޓަރިންއިން ނަގަން ހަނދާންހުރޭތޯވެސް..