English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލަށް ވަންނަ ތަން - ފޮޓޯ: އަވަސް

ތިލަފުށްޓާއި ގުޅިފަޅު އަދި ހުޅުލޭގައިވެސް މާސްކު އެޅުން މަޖުބޫރުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އެންގުމެއްގައި ބުނެފައި ވަނީ މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު، ހުޅުލެ) ގެއިން ބޭރުގައި އުޅޭއިރު އަނގައާއި ނޭފަތާއި ދަތްދޮޅު ނިވައިވާގޮތަށް މާސްކު އަޅަންޖެހޭނެ ކަމަށެވެ. މީގެ ކުރިން މާސްކު އެޅުން މަޖުބޫރުކޮށްފައި ވަނީ ހަމައެކަނި މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައެވެ.

މީގެ އިތުރުން އެޗްޕީއޭގެ އެންގުމުގައި ބުނެފައި ވަނީ ގެއިން ބޭރުގައި އުޅޭ އިރު މާސްކު އެޅުމުން އިސްތިސްނާވާނެ ފަރާތްތަކަކީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތު ކުރާ ވަގުތުތަކުގައި އަދި އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި ނުނެގޭ މީހުންނެވެ.

އަދި އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައންތަކާ އެއްގޮތަށް ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައްވެސް މާސްކު އެޅުމުން އިސްތިސްނާވެގެންވާ ކަމުގައި އެޗްޕީއޭގެ އެންގުމުގައި ބަޔާންކޮށްފައި ވެއެވެ. މީގެ ކުރިން ނެރުނު އެންގުމުގައި މި ފަރާތްތައް ހިމަނާފައެއް ނުވެއެވެ.

އިއްޔެއިން ފެށިގެން މާލެ ސަރަޙައްދުގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، އިއްޔެވެސް އެ އެންގުމާއި ޚިލާފުވެގެން 116 މީހަކަށް ނަސޭހަތްދީ، ހަތަރު މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ މާސްކު ނާޅައި އުޅޭ މީހުންނަށް ފުރަތަމަ ދޭނީ ނަސޭހަތް ކަމަށާއި، ދެވަނަ ފަހަރަށްވެސް އެކަން ރަނގަޅުކޮށްފިނަމަ ޖޫރިމަނާކުރާނެ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކުރުމަށް ހަމަޖެހިފައި ވަނީ 1،000ރ. އިންނެވެ.