English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ މަތިކިޅީގައި ހަދަމުންދާ އީކޯ ގާޑަން އަށް މި ޗުއްޓީގައި ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު އިއްޔެ އެކަނިވެސް އެ ތަނަށް 300 އަށްވުރެ ގިނަ މީހުންވަނީ ޒިޔާރަތްކޮށްފައެވެ. އީކޯ ގާޑަންގެ ބަލަހައްޓާ، އެތަނުގެ މަސައްކަތްކުރަމުންދާ ފަރާތްތަކުން ބުނީ އިއްޔެ އެކަނިވެސް 300 އަށްވުރެ ގިނަ މީހުން އެތަނަށް ޒިޔާރަތްކޮށްފައިވާއިރު މިއީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން އެތަނަށް ޒިޔާރަތްކުރި ދުވަސްކަމަށެވެ.

މީދޫ މަތިކިޅި ސަރަހައްދަކީ ކުރީ ޒަމާނުގައި މީރު ފެނުގެ އެތައް ފެންގަނޑެއް އޮތް ބޮޑު ކުޅިއެކެވެ. އެހެންނަމަވެސް އެ ފެންގަނޑުތަކުގެ ބޮޑު ބައިވަނީ ޗަސްބިމަކަށް ބަދަލުވެފައެވެ.

May be an image of one or more people, people standing and grass
ފޮޓޯ: އީކޯ ގާޑަން ފޭސްބުކް ޕޭޖް

އައްޑޫ މީދޫ މަތިކިޅިއޭ ކިޔުނު ކުޅި އާއި ޗަސްބިމުގައިވާ ފެންގަޑެއް ހިމާޔަތް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެންދިޔައީ 02 ޑިސެމްބަރު 2017ގައެވެ. މި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ ފެންގަނޑު ތެރޭގައި ހުރި ކުނިބުޏްނާއި ކާފަރުބުރު ފަދަ ވިނަތައް ސާފުކޮށް ރީތި ކުރުމާއި ފެންގަނޑު ވަށައިގެން ހިނގޭނެ ގޮތަށް ވޯލްކުވޭ ހެދުމެވެ. މި މަސައްކަތުގެ ހުރިހާ މަރުހަލާއެއްގައި ވެސް މަސައްކަތް ކުރަމުންދަނީ ތިމާ ވެއްޓަށް ގެއްލުން ނުވާނޭހެން ބަލައިގެން ވަރަށް ފަރުވާ ތެރިކަމާ އެކުގަ އެވެ.

May be an image of nature and body of water
ފޮޓޯ: އީކޯ ގާޑަން ފޭސްބުކް ޕޭޖް

ރަށުގެ ބޮޑުބައެއްގެ ގޮތުގައި ހިމެނޭ، އެހެންނަމަވެސް ގެއްލިފައިވާ ގުދުރަތީ މާހައުލުގެ އުފާ ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ދޯދި މުހައްމަދު ސަލާހާއި، ފަނާރު އަބްދު ﷲ ޒުހުރީ އަދި ރޯޝަނީގެ ސިޔާދު އަހްމަދުގެ އިސްނެގުމާ އެކު ރަށުގެ ޒުވާނުންގެ ވެސް އެހީތެރިކަމާއެކުގައެވެ. މަތިކިޅި އީކޯ ގާޑަންގެ ވަށައިގެން ފެހިކުލައިގެ ދޫލައެއްހެން ކާފަރުހުއި ފެތުރިފައިވާއިރު އެތަނަށް އިތުރު ފުރިހަމަކަމަކާއި ރީތިކަމެއް ގެނެސް ދީފައިވަނީ އެ ސަރަހައްދުގައި އަޅާފައިވާ ކުޑަ ދެ ބްރިޖާއި ސާފު ފެންގަނޑުތަކުންނެވެ.