ފަލަސްތީނުގެ ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ މީދޫގައި ކުރިއަށް ގެންދާ ‘އަފިރިން ފަލަސްތީނާ’ އެކު އިވެންޓް، މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މި އެވެންޓް އިންތިޒާމު ކުރާ ފަރާތުން ބުނެފިއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމި މި އެވެންޓް މި މަހުގެ 03 ވަނަ ދުވަހަށް ފަސްކޮށްފައިވާއިރު، މި ހަރަކާތް ކުރިއަށް ދާނީ މީދޫ ކޯގަންނު ގަބުރުސްތާނު ސަރަހައްދުގައެވެ. މިދޫ އަވަށު އޮފީހާއި، މުލިމަތި ޖަމިއްޔާ، ސްކީމް އަދި އައިއޭސީ މޯލްޑިވްސް އަދި އެ ސިޓީގެ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް މާދަމާ ހަވީރު 16:00 އިން 18:00އަށް ކުރިއަށް ދާނެއެވެ. އަދި ރޭގަނޑު 20:00 އިން 22:00އަށް މި ހަރަކާތް ކުރިއަށްދާނެއެވެ.
މި ފަންޑްރައިޒިން އިވެންޓުގައި ތަފާތު އެކި ބާވަތްތަކުގެ ކާނާ އާއި، އަންނައުނާ އަދިވެސް އިތުރު ސާމާންތައް ވިއްކުމަށް ހަމަޖެހިފައިވާއިރު މި އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ދިނުމަށް ނިންމާފައިވަނީ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށެވެ.
މީގެ ކުރިން ފަލަސްތީނުގެ ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ މީދޫގައި ކުރިއަށް ގެންދިޔަ ފަންޑަރައިޒް ހަރަކާތުން ވެސް 34،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު މި ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމާފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށެވެ.