ރޭ ޕީޕީއެމް އިން އިފްތިތާހުކުރި “މިނިވަންކަމުގެ ދިފާއުގައި ދިވެހީން” މި ކެމްޕެއިން ހަރަކާތުގައި ރައީސް ސޯލިހު އާއި ރައީސް ނަޝީދު ހިމެނޭހެން ދިވެހި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް، ދައުވަތު އެރުވިކަމަށާއި އެކަމަކު އެއީ މި ހަރަކާތުގައި ބައިވެރިވާން އެރުވި ދައުވަތެއް ނޫންކަމަށް މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މި ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވީ ރައީސް ސޯލިހު އާއި ރައީސް ނަޝީދު އަށް އެރުވި ދައުވަތަކީ މި ހަރަކާތުގައި ބައިވެރިވާން އެރިވި ދައުވަތެއް ނޫންކަމަށާއި އެކަމަކު އެއީ މި ގައުމު ދޫކޮށް އިސްތިއުފާ ދޭން އެރުވި ދައުވަތެއްކަމަށެވެ. “އެއީ މި ހަރަކާތުން އެ ދެ ބޭފުޅުންނަށް މި އެރުވި ދައުވަތަކީ” ޝުޖާއު ވިދާޅުވިއެވެ.
މި ހަރަކާތް ހިންގަން ޖެހުނީ ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އިސްވެ އޮވެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ފުނޑުފުނޑު ކޮށްލުމުންކަމަކަށާއި މި ހަރަކާތާއެކު ކަމަރު ބަންނަންވީ ޖަލަށް ވަނުމަށްކަމަށް ޝުޖާއު ވިދާޅުވިއެވެ.
މިނިވަންކަން ނަގަހައްޓަން އިސްވެ ތިބި ބަޔަކީ މިއަދު ޕީޕީއެމާއި ގައުމު ދެކެ ލޯބިވާ ރައްޔިތުންކަން ފާހަގަކުރަމުން ޝުޖާއު ވިދާޅުވީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލި ބަޔަކު މި ގައުމުގައި އެބަތިބި ކަމަށެވެ. އަދި އެއީ ކޮން ބައެއްކަން ދެނެގަންނަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.