English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރޭ މުލިއާގޭގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ރައީސް ވަނީ މަޖިލީހުގެ ދިހަ ވަރަކަށް މެމްބަރުންނާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އާއިވެސް ރައީސް ބައްދަލުކުރައްވާފައިވާއިރު، އޭނާ ވަނީ ބައްދަލުވުމަށްފަހު ޓުވިޓްކުރައްވާފައެވެ. މި ގޮތުން އާޒިމް ކުރެއްވި ޓުވިޓްގައި ވިދާޅުވީ ރައީސް ސޯލިހާއި މަޝްވަރާ ކުރެވުނީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާއި ގުޅޭ ގޮތުންކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހާއި އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނުކަމަށް އާޒިމްވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅު މަޖިލީހުގެ މެމްބަރުންވެސް ވަނީ ދެ ފެކްޝަނަށް ބެހިފައެވެ. އަދި މަޖިލީހުގަ އާއި ސޯޝަލްމީޑިއާ އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ވެސް މެމްބަރުން ގެންދަވަނީ ހޫނު ރައްދު ދެއްވަމުންނެވެ.