މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބަޔަކު އިއުތިރާފްގެ އެއްބަސްވުން ހަދަން ވާހަކަދައްކަމުންދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ 10 މީހުންގެ ތެރެއިން ބައެއް މީހުން މިހާރު އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދައުލަތާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ.
އިތުރަށް ޝަމީމް ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުން ހަދަން ހުށަހެޅުންތައް ލިބުނު ނަމަވެސް އެކަމާއިމެދު އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ. އަދި މި ކަމާއި މެދު ގޮތެއް ނިންމާނީ ދިރާސާކުރުމަށްފަހު އެމީހުންގެ ފަރާތުން ލިބެނީ ކިހާ މުހިންމު މައުލުމަތެއްތޯ އާއި ހަމަލާގެ އަސްލަށް ވާސިލުވާން ލިބެނީ ކިހާބޮޑު އެހީތެރިކަމެއްތޯ ބެލުމަށްފަހުކަމަށެވެ.
މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުމުގައި ދިރާސާކުރުމަށް ފަހު، ދެން އޮންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާ ކުރާނެކަމަށެވެ.