ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އަހުމަދު އަދުހަމް ރަޝީދަށް ޙުކުމްކުރުމަށް ބާއްވާ އަޑުއެހުން މިއަދު 11 ޖަހާއިރަށް ތާވަލުކޮށްފިއެވެ.
ރައީސް ނަޝީދަށްދިން ބޮމުގެ ހަމަލާ ގައި ޢަމަލީގޮތުން އެންމެ އިސްކޮށް އުޅުނު އަދުހަމް އެ ބޮން ގޮއްވާލާފައިވަނީ އަތަމާ ޕެލެސް އިމާރާތުގެ ތެރޭގައި ރައީސް ނަޝީދަށް ފަރާލައިގެން ހުރެ އެމަނިކުފާނު ކާރުކޮޅާއި އަރާހަމަވި ވަގުތު ރިމޯޓެއް ބޭނުންކޮށްގެންނެވެ.
މި މައްސަލާގައި އަދުހަމްގެ މައްޗަށްވަނީ 4 ދަޢުވާއެއް އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަންއުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. އަދުހަމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިޢުތިރާފްވެފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން މެއިމަހުގެ 6 ވަނު ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދު ހުރީ އަމިއްލައަށް މަރުވެގެންވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރަށްކަމަށެވެ. މިހަމަލާއަށްފަހު އަދުހަމް ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުން ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ ހައްޔަރުކުރިއިރު ވަނީ ސިފަ ބަދަލު ކުރުމަށް މަސައްކަތް ކޮށްފައެވެ.