English Edition
Dhivehi Edition

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިލީގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ޝާހިދުވަނީ ރައީސް ސޯލިހާއި، ދިވެހި ރައްޔިތުންގެ އިތުރުން އދ ގެ ނަމުގައި ބޮޑުވަޒީރު މޯދީއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުން ދަންނަވާފައެވެ. އަދި ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އިންޑިއާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށްވެސް ޝާހިދުވަނީ ޝުކުރު ދަންނަވާފައެވެ.

މީގެއިތުރުން އދ.ގެ އާންމު މަޖލީހުގެ 76 ވަނަ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށް އިންޑިއާއިން ދެއްވި އެހީތެރިކަން ފާހަގަކޮށް ޝާހިދުވަނީ ޝުކުރުދަންނަވާފައެވެ. އަދި އދ. ގެ އާންމު މަޖިލީހަށް އިންތިހާބުވުމާއެކު މިނިސްޓަރު ޝާހިދުގެ ތަސައްވަރު ކަމަށްވާ “އުންމީދުގެ ރިޔާސަތު” އާއި ގުޅޭ މައުލޫމާތު ވަނީ ބޮޑުވަޒީރު މޯދީ އާއި ހިއްސާކުރައްވާފައެވެ.

ރަސްމީ ދަތުރެއްގައި އިންޑިއާގައި މިހާރު ހުންނެވި ޝާހިދުގެ މި ދަތުރަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގަތުމާއި ގުޅިގެން އެ މަގާމުގެ ހައިސިއްޔަތުން ކުރައްވާ ދަތުރެކެވެ.