English Edition
Dhivehi Edition

ކ.މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހަރުކަށި ފިކުުރުގެ ގައިދީންތައް އެތަނުގައި ގާއިމުކޮށްފައިވާ ވަކި ހާއްސަ ޔުނިޓަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފިއެވެ

މި އަހަރުގެ ފެބްރުއަރީ މަސްތެރޭގައި ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަކޮށް ގާއިމުކުރި ޔުނިޓަށް މީހުން ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހު ތެރޭ ފަށާނެކަމަށް ކަރެކްޝަނަލްގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ފަރާތްތައް ދެނެ ގަތުމަށް މިހާރު އެސަސްމެންޓް ހެދުމުގެ މަސައްކަތްކުރަމުން އަންނައިރު އެ ފަރާތްތަކަށް ހާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.

ޖަލުގައި ބަންދުކޮށްފައި ތިބޭ ހަރުކަށި ފިކުރުގެ މީހުން، އެހެން މީހުންނަށް ނަސޭހަތްދީ އެ ފިކުރު ފެތުރުމުގެ މަސަައްކަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. އިތުރަށް އިމްރާން ވިދާޅުވީ ޖަލުގައި އެގޮތަށް ނުފޫޒު ހިންގާ މީހުން އެބައުޅޭ ކަމަށާއި އެކަން ހައްލުކުރަން މަސަައްކަތްކުރަމުން ދާކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅޭ ހާއްސަ އޮޕަރޭޝަނެއް ސިފައިންނާއި ފުލުހުން ވަނީ މާފުށި ޖަލުގައި ހިންގާފައެވެ.