ޕާކިންއާ ގުޅިގެން ޖޫރިމަނާ ކުރަން ވާނީ އެކަށީގެންވާ ވަރަށް ޕާކް ކުރާނެ ޖާގަ ފަހިކޮށްދިނުމަށްފަހު ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު މިހެން ވިދާޅުވީ ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ފަހަރު ޕާކުކޮށްގެން 20 ފަހަރު ސްޓިކާ ޖެހުމުގެ ސަބަބުން އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ބާތިލުވާ ގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޝަނުން އާ ގަވާއިދެއް އާންމުކުރުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.
ޑރ. މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މާލޭގައި ޕާކިން އަށް ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްކޮށް ނަތީޖާ ނެރުމުގެ ފުރުސަތު ދެވެން ވާނެ ކަމަށެވެ.އަދި ވެހިކަލް އެތެރެކުރެވޭ ވަރު ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ފޮނުވައި ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. އަދި މި މައުލޫމާތު ލިބުނުހާ އަވަހަކަށް މާލެ ސިޓީ އަށް ވެހިކަލް އެތެރެ ކުރެވޭ ވަރާއި ވެހިކަލްތަކުގެ އުމުރު ކަނޑައެޅޭނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އުޅަނދެއް ލައިސަންސް ނެތި ދުއްވައިފިނަމަ އެ އުޅަނދެއްގެ ވެރިފަރާތް 2،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ދުއްވި އުޅަނދު 15 ދުވަހަށް ހިފެހެއްޓުމަށްވެސް ގަވައިދުގައިވަނީ ބަޔާންކޮށްފައެވެ.