English Edition
Dhivehi Edition

ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ފަންޑު ފޮއްޓެއް ހުޅުވައިގެން ރައްޔިތުންގެ އަތުން ފައިސާ ހޯދުމުގެ މާނައެއް ނެތްކަމަށް ވިދާޅުވެ އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާތަކަށް، ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ “ސިޔާސީ ދުނިޔެ” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަށް އިޝާރަތްކުރައްވާ ޝިފާޒު ވިދާޅުވީ މުޒާހަރާތަކަށް ނުކުންނަންވާނީ ފިސާރި ކެރިގެން ކަމަށާއި، ކަމުން ރެކިގެން އެހެން ބައެއްގެ ބޮލުގައި އިލްޒާމު އެޅުވުމުގެ ހަޑި ސިފަ ދޫކޮށްލަންޖެހޭ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތީ އިންސާފުކަން ފާހަގަކުރައްވަމުން ޝީފާޒް ވިދާޅުވީ އިންސާފު ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމުގައި ސަރުކާރު އޮތީ ވަރަށް ސާބިތުކަމާއެކު ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ކިތަންމެ ވަރަކަށް މުޒާހަރާ ކުރިއަސް ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެކަމުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާޒް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވިއްކާފައިވާ ރަށްތަކާއި ފަޅުތަކުން ހޯދި ފައިސާ އަނބުރާ ދައުލަތަށް ހޯއްދަވާނެ ކަމަށެވެ. އަދި ނުހައްގުން ހާބަރުގައި ހަދާފައި ހުރި ކެފޭތައް ދީފައިވާ ފަރާތްތައް ހޯދައި، އެކަމުގައި ވެސް ފިޔަވަޅު އަޅުއްވާނެކަމަށް ޝިފާޒު ވިދާޅުވިއެވެ އިތުރަށް ޝިފާޒު ވިދާޅުވީ ސަރުކާރަށް ގޮންޖަހުމަށް، އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ގޯހެއް ކަމަށާއި، އެ ނިޔަތުގައި ސަރުކާރާ ކުރިމަތި ނުލެވޭނެކަމަށެވެ.