English Edition
Dhivehi Edition

މާބަނޑުމީހަކު ސްކޭން ނުކޮށް ދަރިފުޅު ރަނގަޅުކަމަށް ބުނުމަށްފަހު، ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ސްކޭން ނުކޮށް ދަރިފުޅުގެ ހާލު ރަނގަޅުކަމަށް ބުނެފަ އޮތްވާ ސްކޭން ކުރުމަށްފަހު ދަރިފުޅު ނިޔާވެފައިވާކަމަށް ބުނި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ފަރުވާ ކުޑަ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް އަނެއްކާވެސް އެހޮސްޕިޓަލުން ފަރުވާ ހޯދި މީހެއްގެ ފިރިމީހާ އޭނާގެ އަންހެނުންނާމެދު އެހޮސްޕިޓަލުން ފަރުވާ ކުޑަކޮށް އަމަލުކޮށްފައިވާކަމަށް ބުނެ ފޭސްބުކްގައިވަނީ ޕޯސްޓެއްކޮށްފައެވެ.

ފިރިމީހާ ބުނާގޮތުގައި އޭނާގެ އަނބިމީހާ ބަލިވެއިންދާ “ބްލީޑްވާ ކަހަލަ ގޮތެއް ވެގެން” ހޮސްޕިޓަލަށް ދެއްކުމުން ހޮސްޕިޓަލުގައި އިންނަ އަންހެނުންގެ ޑޮކްޓަރ ސްކޭންވެސް ނުކޮށް ދަރިފުޅު ރަނގަޅު ކަމަށް ބުނެ އެންޓިބައޮޓިކް ދިންކަމަށާއި ފަހުން ސްކޭން ކުރުމުން ބަނޑުގައި އޮތް ދަރިފުޅު މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

“އެންޓިބައޮޓިކް ދީފައި ބުނީ ޖޫން މަހުގެ 23 ގައި ސްކޭން ކުރަން އަންނަން. ޖޫން 23 ވަނަ ދުވަހު އަންހެނުންގެ ބަނޑަށް 12 ހަފްތާ (3 މަސް) ވެފައި ވަނިކޮށް އަންހެނުންގެ ޑޮކްޓަރ އެދިފައިވާތީ ސްކޭން ކުރިތަނާ ސްކޭން ޑޮކްޓަރ ބުނީ ބަނޑުގައި އޮތް ދަރިފުޅު މަރުވެފައިވާކަމަށް. އަދި ގާތްގަނޑަކަށް 3 ނޫނީ 4 ހަފްތާ ވެފައިވާކަމަށް” އޭނާގެ ޕޯސްޓްގައި ބުނެފައިވެއެވެ.

“އެވަގުތު އެހެންބުނުމުން އަޅުގަނޑުމެންނަށް ލިބުނީ ޝޮކެއް އަދި ހަދާނެ ގޮތެއްވެސް ނޭނގިހުއްޓާ ޑޮކްޓަރު ބުނީ އަވަހަށް އެޑްމިޓްވާށޭ އެބޯޝަން ހަދަން. މީގެ ކުރިންވެސް އަންހެނުންގެ ޑޮކްޓަރއެއް ހުރި އަދި އެންމެ ފަހު ޕްރެގްނެންސީގައި މިހެން ކަންތައް ދިމާވެގެން ދިޔައީމަ ޑޮކްޓަރ ވަގުތުން ސްކޭން ކޮށްފަ 10 ދުވަސް ބެޑް ރެސްޓް އަށް ފޮނުވާލީ ބޭސް ދީފައި. އަދި 10 ދުވަސް ފަހުން ދިޔައީމަ ސްކޭން ކޮށްފަ އޯކޭ ކަމަށް ބުނި” އެމީހާގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވެއެވެ.

ފޭސްބުކް ޕޯސްޓުގައި ފިރިހެންމީހާ ބުނި ގޮތުގައި މިހާރު އެހޮސްޕިޓަލުގައި ހުރި އަންހެނުންގެ ޑޮކްޓަރުވަނީ ދަރިފުޅު މަރުވެފައިވާކަމަށް ބުނެ އެބޯޝަން ހަދަން ލަފާދީފައެވެ. ނަމަވެސް ޑޮކްޓަރު ބޭސްދީގެން އެބޯޝަން ހެދިއިރު ދަރިފުޅުގެ ފޫޅު ދަނޑިއާއި މަސްވެސް އޮތީ ވަރަށް ރީއްޗަށް ކަމަށާއި ދަރިފުޅު ބަނޑުތެރެޔަށް މަރުވެފައިވާކަމަށް ޤަބޫލުނުކުރާކަމަށް ފިރިހެންމީހާ ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވަނީ އެހޮސްޕިޓަލުގެ ފަރުވާކުޑަކަމުގެ ޝަކުވާތައް ގިނަވެފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެމައްސަލަތައް ސީރިޔަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން ދާކަމަށެވެ. އިސްވެސްޓިގޭޝަން ކުރިޔަށް ދާތީ ޑޮކްޓަރާ ދޭތެރޭ އަދި ފިޔަވަޅު އަޅާފައިނުވާކަމަށް އަދި މިވަގުތަށް ސިޒޭރިއަން ހެދުން މެދުކަނޑާލާފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އިހުމާލުވެފައިވާނަމަ އިހުމާލުވި ފަރާތާމެދު ޤަވައިދުން ފިޔަވަޅުއަޅާނެ ކަމަށް ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވިއެވެ.

މިހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުތެރެއަށް ބެންޑޭޖްކޮޅެއް ދޫކޮށްލެވިފައި އޮތް މައްސަލައެއް ފެންމަތިވެ އެމައްސަލައިގެ ތަހުޤީގުވެސް ކުރިޔަށް އެބަގެންދެއެވެ.

 

1 ކޮމެންޓް
Haggi
ޖުލައި 18, 2021
Thi hospital ga thibeny konkahala baeh. Thy boduvaru. Thienemen beyrukuran lasvejje. Koba hospital body meeha and Helath Ministry