English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު ޝިޔާމް

ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ބައެއް މެމްބަރުން އިސްވެ ޕާޓީއެއް އުފައްދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދުގެ ދަށުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި މަޖިލީހުގެ ބައެއް މެމްބަރުން އިސްވެ ސިޔާސީ ޕާޓީއެއް އުފައްދުމުގެ މަސައްކަތްކުރަމުން އަންނަ މި ދަނޑިވަޅު ޗެނެލް13 ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، ޝިޔާމު ވިދާޅުވީ ކާނަލް ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ނުކުންނަވަން ބޭނުންވާތީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށް ޝިޔާމް ވިދާޅުވީ ރައީސް ސޯލިހް ވިދާޅުވެގެން ޕާޓީއެއް އުފައްދަން ނިކުމެ އުޅޭ މީހުން ބުނަމުންދަނީ، މިއީ ރައީސް ޔާމީން ވިދާޅުވެގެން އުފައްދާ ޕާޓީއެއްކަމުގައެވެ. އަދި މިއީ ރައީސް ޔާމީންއަށްޓަކައި އުފައްދާ ޕާޓީއެއްކަމަށް ބުނެ މިފަދަ ވާހަކަތައްދައްކާ ރައްޔިތުންގެ އިނގިލީގެ ނިޝާނާއި ސޮއި ހޯދަން މަސައްކަތްކުރަމުންދާކަމަށް ޝިޔާމުވަނީ ވިދާޅުވެފައެވެ. އިތުރަށް ޝީޔާމު ވިދާޅުވީ އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި ނާޒިމް ފަށައިގެން އުޅޭ ސިޔާސީ ހަރަކާތާއި، ރައީސް ޔާމިނަށް އެއްވެސް ގުޅުމެއް ނުވާކަމަށެވެ.

ކާނަލް ނާޒިމް އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާކަމުގެ ޔަގީންކަން އޭނާވަނީ ދެއްވާފައެވެ. މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި ނާޒިމް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނައިރު ޕާޓީ ވުޖޫދަށް ގެނައުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަރަށް އަވަހަށް ހުށަހަޅާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.