English Edition
Dhivehi Edition

މިނިވަން ދުވަހަށް އަމާޒުކޮށްގެން “މިނިވަން އުފާ” ގެ ނަމުގައި، ޓިކްޓޮކް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި ވީޑިއޯގްރަފާ މުހައްމަދު ނާޝިދު (ބޭބީ) ގުޅިގެން ބާއްވާ މި މުބާރަތުގެ އިނާމަކަށް 15،000ރ. ހުށަހަޅާފައިވާއިރު މި މުބާރާތް ކުރިއަށް ދާނީ، ހޯމް މިނިސްޓްރީން މިނިވަން ދުވަހު ޕީއެސްއެމުން ދައްކަން ނިންމާފައިވާ 18 ގަޑިއިރުގެ ޓެލޮތޯން ޕްރޮގްރާމްގެ ތެރެއިންނެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ މިއީ މިނިވަންކަމުގެ ޖޯޝާއި ފޯރިއާއި އެކު އެ ދުވަހާ ގުޅޭ އެކިއެކި އައިޓަމްތައް ބައިވެރިކޮށްގެން ކުރިއަށް ދާނެ މުބާރާތެއްކަމަށެވެ.

މި މުބާރާތުގައި ބައިވެރިކުރާ ވީޑިއޯގެ ދިގު މިނުގައި 15 – 20 ސިކުންތު ހުންނަން ޖެހޭއިރު މުޅި ވީޑިއޯގެ ތީމަކަށް ވާންޖެހޭނީ މިނިވަން ދުވަސްކަމަށްވެސް އެ ފަރާތުންވަނީ ބުނެފައެވެ. އަދި މި މުބާރާތުގައި ކުލައެއްގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ގައުމީ ދިދައިގެ ކުލަތަކާއި ސަގާފީ ހެދުންކަމަށާއި ގައުމީ ވަންތަ ލަވަ އާއި ދުވަހުގެ ޝިއާރާ ގުޅޭ ހުރިހާ ބާވަތެއްގެ އައިޓަމް ބައިވެރިކުރެވޭނެކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުންވަނީ ބުނެފައެވެ،

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މިއަދުން ފެށިގެން މި މަހު 20 ވަނަ ދުވަހާއި ހަމައަށް ޓިކްޓޮކް ވީޑިއޯ ފޮނުވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ‘#މިނިވަންއުފާ’ ހޭޝްޓެގާ އެކު ވީޑިއޯތައް ޓިކްޓޮކަށް އަޕްލޯޑްކުރުމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުންވަނީ އެދިފައެވެ،

މި މުބާރާތުން ވަނަވަނައަށް ދާ ފަރާތްތައް ޓެލެތޯން ޝޯގައި އިއުލާންކުރުމަށް ނިންމާފައިވާއިރު، މި މުބާރާތުގެ އެއް ވަނަ އަށް ދާ ފަރާތަށް ދޭ ފައިސާގެ އިނާމުގެ އިތުރުން އެންމެ މޮޅު 10 ޓިކްޓޮކަށް 1،000ރ. ގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހުށަހަޅާފައެވެ.