މިނިވަންކަމުގެ ޙަޤީޤީ އުފަލަކީ އެމީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ޙާޞިލުވުމުގެ އުފާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު ވިދާޅުވީ މިނިވަންކަންމަތީގައި ޤައުމު ދެމިއޮތަސް، ޤައުމީ ދިދައިގެ ހިޔަލުގައި ވެގެން އުޅޭ ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެއް ކަމަށެވެ.
އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ޙައްޤާއި ގުޅިފައިވާ އަސާސީ އަދި ޒަރޫރީ މުހުތާދުތައް ފިލުވޭނެ ގޮތް، ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.
“ދިވެހިންގެ ފަޚުރުވެރި މިނިވަން ދުވަސް ފާހަގަކުރާ މިފަދަ ރަސްމިއްޔާތެއްގައި ތިބޭއިރު، އިއްޔެ އަޅުގަނޑުމެން ތިބި ހިސާބާއި، މިއަދު ތިބި ފިޔަވަޅުމަތިން ހިނގައިގަނެ، މާދަމާ އަތުލާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ވިސްނައިލުމަކީ ކުރަންޖެހޭނެ ކަމެއް.” ރައީސް ސާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ޤާއިމުވެފައި އޮތް ފަސް އަހަރު ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު ކަމަށެވެ.
ރައީސް ވިދާޅުވީ ޚާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު ކަމަށާއި ދާޚިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު ފަސް އަހަރު ކަމަށެވެ. އަދި ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު ކަމަށެވެ.
ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ޤަރުނުގެ ތަރައްޤީ ކަމަށާއި އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ޙާލަތު ކަމަށް ވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި މާތް ﷲގެ ވާގިފުޅާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ޙާލަތު ބަދަލުކޮށް ތަރައްޤީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން ކަމަށް ވަނީ ވިދާޅުވެފައެވެ.