English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޯބަރުމަހު ދޫކުރަން ފެށޭނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ގެދޮރުވެރިކަން ކަމަށެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭގޮތަށް ދޫކުރާ ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން 3 ގިންތިއެއްގައި ލޯނު ދޫކުރެވޭނެކަމަށެވެ. އެއީ މާލެ ސިޓީގައި 6 މިލިޔަން ރުފިޔާއާ ހަމައަށް އަދި އާބަންސެންޓަރުތަކުގައި 3 މިލިޔަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލޯނުތައް މެދުވެރިކޮށް ގެދޮރު އަލަށް އިމާރާތްކުރުމަށާއި، މަރާމާތުކުރުމަށާ އަދި ހަދަންފަށައި ނުނިމި ހުރިބައި ނިންމުންފަދަ ކަންކަން ކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ވެސް އަލުން ފެށިފައިވާކަން ފާހަގަކުރައްވައި ޗައިނާގެ އެކިކަހަލަ ލުއި ލޯނުތަކުގެ އެހީގައި މި ދައުރުގެ ތެރޭގައި ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިން ޔުނިޓް އަޅާނެކަމަށެވެ.