English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހިތަދޫގައި އަރަބި މީޑިއަމަށް ކިޔަވައި ދެމުން އަންނަ އައްޑޫ ހިތަދޫ ނޫރާނީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ނެރުނު އިއުލާނެއްގައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. ބީލަން ފޮތް ވިއްކަން ހަމަޖެހިފައި ވަނީ 250ރ. އަށް އަންނަ މަހުގެ 1-5 އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޕްރީ ބިޑް މީޓިން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.

ނޫރާނީސްކޫލުގައި އަރަބި މީޑިއަމަށް ކިޔަވައިދިނުން ފަށާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމާފައިވަނީ އެއީ ގްރޭޑް 1-12 އަށް އަރަބި މީޑިއަމަށް ކިޔަވައިދޭނެ މަދުރަސާއެއްގެ ގޮތުގައި ހިންގުމަށެވެ.

ސަރުކާރުން ނޫރާނީ ސްކޫލް އަރަބިމީޑިއަމް ސްކޫލެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކުރީގެ ކޮމްޕްރެހެންސިވްސްކޫލް ހުރި ބިމުގައި ދެބުރީގެ 8 ކްލާސްރޫމް އިމާރާތަކާއި އަދި އެތަނަގުގައި ކުރިން ހުރި އިމާރާތް މަރާމާތު ކުރުމުގެ މަސަތްކަތް ވަނީ ފަށާފައެވެ.