English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކާއި ވަކިން އޮންނަ ހުޅުދޫ މީދޫ އަކީ އިގްތިސޯދީ ގޮތުންނާއި އުމްރާނީ ގޮތުން ބަލާއިރުވެސް ކުރިއަރަމުން، ތަރައްޤީވަމުން އަންނަ ދެ އަވަށެވެ. ސިއްޙީ ގޮތުން ދިމާވެފައިވާ ގިނަ ގޮންޖެހުންތަކުން އަރައިގަތުމަށް މި ދެ އަވަށުގެ ރައްޔިތުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނައިރު ތައުލީމީ ގޮތުން މި ދެއަވަށުގެ ސ.އަތޮޅު މަދަރަސާވަނީ އެހެން އަވަށްތަކުގެ ސްކޫލްތަކާއި ފައި ހަމަކޮށްފައެވެ.

އިދާރީ ދެ ދާއިރާއެއްގެ ގޮތުގައި ދެ އަވަށުގެ ކަންތައްތައްވެސް އަވަށު އޮފީހުން ބަލަމުންނައިރު ސަރުކާރުގެ މުވައްސަސާތަކާއި، ސަރުކާރު ހިއްސާވާ ގިނަ މުވައްސަސާތަކުގެ ހިދުމަތް މި ދެ އަވަށުން ލިބެއެވެ. ދެ އަވަށުގެ ދެ ކޯޓުގެ އިތުރުން ފެނަކަ، ޕޮލިސް ސްޓޭޝަން، އެމްޓީސީސީ ،މީރާ، ޓްރާންސްޕޯޓް، ވެމްކޯ، އެސްޓިއޯގެ އިތުރުން ހައިކޯޓާއި މިފްކޯ ގެ ހިދުމަތްވެސް ފަސޭހަކަމާއެކު މި ދެ އަވަށުން ލިބެއެވެ. މީގެ އިތުރުން މުވާސަލާތީ ހިދުމަތް ދެމުން އަންނަ ދެ ކުންފުނީގެ ހިދުމަތްވެސް މި ދެ އަވަށަށް ލިބެއެވެ. އެހެންނަމަވެސް ފަސޭހައިން ލިބެން އޮތް މި ހިދުމަތް މި ރަށުގެ ރައްޔިތުންނަށް ލިބެމުންދަނީ ގިނަ ތުރާލާ ތަކްލީފްތަކާއެކުގައެވެ. ހާއްސަކޮށް ދިރާގުގެ ހިދުމަތް ހޯދުމަށް ރަށުގެ ރައްޔިތުން ކުރިމަތިލަމުންދާ ތަކްލީފް ވަރަށްވެސް ބޮޑެވެ.

ހުޅުމީދޫގައި ދިރާގުގެ އޮފީހެއް ގާއިމުކޮށްފައިވާއިރު، ކޮންމެ އަވަށެއްގައި ދިރާގުގެ އެޖެންޓުންވެސް ހަރަކާތްތެރިވެއެވެ. ފަސޭހަކަމާއެކު ފޯނު ބިލްތައް ދެއްކުމާއި ހިދުމަތަށް އެދުމުގެ ފުރުސަތު ފަހިވެފައިވީނަމަވެސް މި ހިދުމަތް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. މިކަން އެންމެ ބޮޑަށް އިހްސާސުވެގެން ދިޔައީ ކޮވިޑް19 ގެ ދުވަސްވަރުއެވެ. 5000 މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ މި ދެ އަވަށުގައި ދިރާގު ޓެކްނީޝަނެއް ނެތެވެ. ހިދުމަތްތައް ގުޅައި ދިނުމަށް ހިތަދޫ އިން ޓެކްނީޝަނުން އަންނަނީ ބައެއް ފަހަރު ހަފްތާއެއް ނޫނީ އެއަށްވުރެވެސް ގިނަ ދުވަސްކޮށްފައެވެ. “ކުރިން މި އަވަށުގެ ދެ ކުދިން ޓްރެއިންވެސް ކުރި. އެކަމަކު އެކުދިންގެ ވަޒީފާ ދާއިމީ ނުކުރާ. ކޮންމެ ފަހަރަކު ހިތަދޫ އިން ޓެކްނީޝަނުން މި އަންނަނީ. އަޅުގަނޑުމެން ޖެހެނީ އެމީހުން އަންނަ ދުވަހަށް އިންތިޒާރުކުރަން. އަދި ޕްރޮމޯޝަނެއް އޮންނަ ދުވަސްކޮޅެއް ވެއްޖެޔާ ހިދުމަތް ގުޅައިދިނުމަށް އެހާ ގިނަ ދުވަސް ނަގާ.” އޭއޯ ނިއުސް އާއި ވާހަކަދައްކަމުން މީހަކު ބުންޏެވެ. އޭއޯ ނިއުސް އާއި ވާހަކަދެއްކި އެހެން މީހަކު ބުނީ މައްސަލައެއް ޖެހުނަސް ރަށުގައި ޓެކްނީޝަނުން ނެތުމުން އެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްނަގާ ކަމަށާއި މިކަމުގެ ސަބަބުން ބޮޑު ތަކްލީފެއް އުފުލަންޖެހޭކަމަށެވެ.

މީގެ އިތުރުން ކޮވިޑް19 ގެ މި ހާލަތުގައިވެސް ހިދުމަތްތައް ލަސްވެގެން ދިޔައިރު ބައެއް ފަހަރު ގުޅިފައިވާ ރަށްތަކުން އަންނަ ޓެކްނީޝަނުން ކަރަންޓީނު ނުވެ ގޭގެއަށް ދާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. ” އަޅުގަނޑުމެންނަށް ކޮން ޔަގީންކަމެއްތޯ އޮތީ މި ހާލަތުގަ ރަށުން ބޭރުން އަންނަ މީހުންނާއި މެދު. އެއްވެސް ކަރަންޓީނު ވުމެއް ނެތި އެއްގެއިން އަނެއް ގެއަށް މިދަނީ، މިއީ ވަރަށް ކަންބޮޑުވާކަމެއް” އޭއޯ ނިއުސް އާއި ކުރިން ވާހަކަދެއްކި ފަރާތުން ބުންޏެވެ/

ހަމަ ޔަގީނުންވެސް ޓެކްނޮލްޖީގެ ގޮތުން ކުރިއަރާފައިވާ މި ދުވަސްވަރު ކޮންމެ މީހަކުވެސް ބޭނުންވަނީ އެންމެ ފަސޭހަ އަދި އެންމެ ލުއި އަވަސް ހިދުމަތްކަން ޔަގީނެވެ. އެހެންކަމުން ބޮޑު އާބާދީއެއް އޮންނަ ހުޅުދޫ މީދޫގައި ހަމައެކަނީ ކުންފުނީގެ އޮފީހަކުން އަދި އެޖެންޓުންނަކުން ފުއްދާލެވޭކަށް ނެތެވެ. އެ ދެ އަވަށުގައި ވެސް ކަމަށް އެކަށީގެންވާ ކިޔަވައިގެން ތިބި ގިނަ ޒުވާނުންތަކެއް ތިބިއިރު، ފެންވަރު ރަގަޅު އަވަސް ހިދުމަތް، ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ ދެ އަވަށުގައި ދިރިއުޅޭ ޓެކްނީޝަނުން ނުހަނު މުހިއްމުކަން ޔަގީނެވެ. ހާއްސަކޮށް ކޮވިޑް19 ގެ މި ދުވަސްވަރު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މިއީ ވަރަށް މުހިއްމު ފިޔަވަޅެއްކަން ޔަގީނެވެ.

1 ކޮމެންޓް
ފަސްފަހެތިން ފަޑައި
ޖުލައި 12, 2021
ދިރާގް އޭ އަސްލު ވަރަށް ކަޑަ ބާކިއެ.