English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން ތައްޔާރުވެއްޖެއެވެ

ކާނަލް ނާޒިމް އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާކަމުގެ ޔަގީންކަން އޭނާވަނީ ދެއްވާފައެވެ. މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި ނާޒިމް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނައިރ ޕާޓީ ވުޖޫދަށް ގެނައުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަރަށް އަވަހަށް ހުށަހަޅާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ޕާޓީ އުފެއްދުމަށްޓަކައި، މިހާރު ކުރިޔަށް ދަނީ އިލެކްޝަންސް ކޮމިޝަނުގައި ޕާޓީ ރެޖިސްޓާކުރަން ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތެވެ. ނާޒިމް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރައްވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް މި މަސައްކަތުގައި ބައިވެރިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެހެންނަމަވެސް އަދި ޕާޓީ އުދެއްދުމުގެ މަސައްކަތުގައި ބައިވެރިވާ މެމްބަރުންގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ސިޔާސީ މަސައްކަތަށް ނުކުންނެވި ނާޒިމް ވަނީ ރައީސް ވަހީދު އަދި ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް ޖަލު ހުކުމެއްވެސް އިއްވާފައިވާއިރު ނާޒިމް މިނިވަންވީ 2018 ގެ ރިޔާސީ އިންތިޚާބަށް ފަހު ކޯޓުން އެ ހުކުމް ބާތިލް ކުރުމުންނެވެ.