English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ގއ. ދާންދޫގެ އަދި އެ އަތޮޅު ވިލިނގިލިން މަސްތުވާތަކެތި ހޯދާ ބަޔަކު ހައްޔަރުކޮށްފިއެވެ،

ފުލުހުންގެ މީޑިއާ އިން ބުނީ ދާންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދާންދޫގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްކަމަށެވެ.

ފުލުހުން ބުނީ މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު އެ ރަށު ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެ އިތުރުން، މި ޖުލައި މަހުގެ 6 ވަނަ ދުވަހު ގއ. ވިލިނގިލިން ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި 29 އަހަރުގެ ދިވެހި ފިރިހެނަކު ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއްވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.