ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ 07 އޮކްޓޯބަރު 2023 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި އެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި ޕެކެއް ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.720 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 5,800,000.00 (5.8 މިލިއަން) ރުފިޔާއަށް އަރައެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.