އެއާރކާގޯ ޝިޕްމަންޓެއްގައި ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނީ 18 ސެޕްޓެންބަރު 2023 ވަނަ ދުވަހު ދުބާއީ އިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، ކަސްޓަމްސް އިން ވަނީ މިޝިޕްމަންޓް އިތުރަށް ބަލައި، ފާސްކޮށްފައިވާ ކަމަށެވެ.
މިގޮތުން ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރޭގައި ޖުމްލަ 7 ޕެކޭޖު ހިމެނޭއިރު، އޭގެ ތެރެއިން 2 ޕެކޭޖުގައި ހުރި މުދަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ވަނީ ފެނިފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ވެސް ބުނެއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.030 ކިލޯ ހުރި އިރު، މިތަކެތީގެ މަގުމަތީ އަގު 5,024,410.00 (ފަސް މިލިއަން ސައްވީސްހާސް ހަތަރުސަތޭކަ ދިހަ ރުފިޔާ) ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައި ކަމަށެވެ.